ގައުމު އައީ ހުއްޓުމަކަށް، ބެކަޕް ބޭނުންވޭ

އިއްޔެ މުޅި މާލެއިން ކަރަންޓް ކެނޑުމުން ސްޓެލްކޯ ކައިރިއަށް މީހުން އެއްވުމުން ފުލުހުން ހަރަކާތްތެރިވަނީ--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކުއްލިއަކަށް އެދިޔައީ މުޅި މާލެއިން ކަރަންޓެވެ. ފާހާނާއަށް ދިޔައިރު ހަމައެކަނި ނެތީ އަލިކަން އެކަންޏެއް ނޫނެވެ. ފެން ވެސް ނެތީ އެވެ. ދެން މައުލޫމާތު ލިބުނީ ފެން ބިލްޑިން ކައިރީގައި ބާރު އަޑެއް އިވުނު ވާހަކަ އެވެ. އެސަރަހައްދަށް ގޮސް އެމައުލޫމާތު ދޭން ގުޅަން އުޅެއުޅެ ނުގުޅުނެވެ. އާއެކެވެ. މުއާސަލާތީ ހިދުމަތައް ވެސް ބުރޫއެރީ އެވެ.

"އޭ މިއަދު [އިއްޔެ] ކިހިނެއްތަ މިވީ، މަހީކުރީން ބާޣީން އެރީކަމަށް، ކަރަންޓް ކެނޑި ފޯން ވެސް ކެނޑުނީމާ،" ކަންބޮޑުވުން ހިއްސާ ކުރަމުން ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

އިއްޔެ 1:00 ޖަހާއެހާކަންހާއިރު ހިނގި އެ ހާދިސާގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާލޭގެ ފިހާރަތަކުން މިނެރަލް ވޯޓާ ފެން ހުސްވި އެވެ. އެއީ ފެން އަނބުރާ ލިބޭނެ ކަމާމެދު ޔަގީންކަން ނެތުމުންނެވެ. ދެހާސް ސާދަ ވަނަ އަހަރު އެމްޑަބްލިޔުއެސްސީގައި ހިނގި ހާދިސާއާ އެކު ވެސް ހަފްތާއެއްހާ ދުވަހު ރާއްޖޭގެ ވެރިރަށް އޮތީ ފެނަށް ޖެހިފަ އެވެ. ހިތާމައަކީ އެ ހާދިސާތަކުން އަދި ވެސް އިބުރަތް ހާސިލް ނުކުރެވޭތީ އެވެ.

ކުއްލިއަކަށް މުޅި މާލެއިން ތިން ގަޑިއިރަށް ކަރަންޓް ކެނޑުމާ އެކު މުޅި ރާއްޖެ ގާތްގަނޑަކަށް ހުއްޓުނީ އެވެ. މިއީ ގައުމީ ސަލާމަތަށް ވެސް އޮތް ބިރެކެވެ. މުޅި ގައުމު ހުއްޓުމަކަށް އައީ އެވެ. މި ނޫން އުސޫލްތަކެއް ހުންނަން ޖެހެ އެވެ. ބެކަޕްޕްލޭންތަކެއް އަސާސީ ހިދުމަތްތަކުން ހުންނަންޖެހެ އެވެ.

ފެނުގެ ހާދިސާއިން އިބުރަތެއް ހާސިލްނުވޭ؟

ވެރިރަށް މާލެ ފެނަށް ޖެހި އެކަމުން އިބުރަތް ހާސިލްކުރަންވީ ދުވަހު އަދިވެސް އެކަންކަން ހައްލު ނުކުރެވި އެކަން ތަކުރާރުވާތަން މިދަނީ ފެންނަމުންނެވެ. އިއްޔެވެސްވީ އެކަހަލަ ގޮތަކަށެވެ. ކަރަންޓް ލިބުމަށް ނެގިހާ އިރު ފެން ފޯރުކޮށްދިނުމަށް ނުނެގިއަސް، ވީނުވީއެއް ނޭނގި އަދި ކުރީ ފަހަރުގެ ތަޖުރިބާ އިޔާދަ ކުރަން ޖެހިދާނެތީ ގިނަ ބަޔަކު ތިބީ ކަންބޮޑުވެފަ އެވެ.

އެމްޑަބްލިއުއެސްސީގެ އިމާރާތް: ފެން އިސްރާފު ނުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައި-- ސަން ފައިލް ފޮޓޯ

އެމްޑަބްލިޔުއެސްސީގެ ފެން ޑިސްޓިބިއުޝަންގައި ބޭނުންކުރަނީ ސުޓެލްކޯ ކަރަންޓެވެ. އެހެންކަމުން ސްޓެލްކޯ އިން ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު މިފެންނަނީ މާލެއިން ފެނުގެ ހިދުމަތް މެދުކެނޑޭތަނެވެ. ހާއްސަކޮށް މަތީ ފުލޯތަކަށް ފެން ލިބެން އެތައް އިރެއްނަގަ އެވެ.

އެމްޑަބްލިޔުއެސްސީގެ އިސް އޮފިޝަލަކު ވިދާޅުވީ ފެނުގެ ކާރިސާއަށް ފަހު ގިނަ ތައްޔާރީތަކެއް ވަމުން އަންނަކަމަށާއި އެގޮތުން މާލޭގެ އިތުރު ސަރަހައްދުތަކުގައި ފެން ބެކަޕް ޕްލާންޓްތައް ބަހައްޓަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޯބައިލް ހިދުމަތް ދިއުން ބޮޑު މައްސަލައެއް!

މިޒަމާނުގައި އެތައް އިރަކަށް މޯބައިލް ފޯނުގެ ހިދުމަތް މެދުކެނޑުމަކީ ގަބޫލްކުރަން ދަތި ކަމެކެވެ. ނަމަވެސް އިއްޔެ ވެރިރަށް މާލޭގައި އެތަޖުރިބާ ކުރަންޖެހުނެވެ. އެކަކު އަނެކަކުގެ ހާލު ނުބެލޭ ހިސާބަށް ދިޔަ އެވެ. މިއީ އެތައް ބައެއްގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވި ކަމެކެވެ. އެ ތިން ގަޑިއިރެއްހާއިރު ކުރި މަސައްކަތުން ދެ ނެޓްވޯކް ވެސް ރަނގަޅަށް ބޭނުން ނުކުރެވުނެވެ.

މީހަކު ފޯނުން ވާހަކަދައްކަނީ: ----

ބުރޯޑްބޭންޑް އިންޓަނެޓުގެ އިތުރުން މޯބައިލް އިންޓަނެޓަށް ވެސް ބުރޫއެރީ އެވެ. މީޑިއާތައް ވެސް ހުއްޓުމަކަށް އައީ އެވެ. މައުލޫމާތު ނުލިބި ވާނުވާއެއް މީހުންނަށް ނޭނގުނީ އެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ވިދާޅުވީ، ފޯންގެ ހިދުމަތް މެދުކެނޑުނީ ކަރަންޓް ދިއުމުން ކަމަށާއި ރޭންޖް ދިނުމަށް ބޭނުންކުރާ ޑިވައިސްތަކުގެ ބެކަޕް ހިފަހައްޓާނީ ވަކި މިންވަރަކަށް ކަމަށެވެ.

"ބެކަޕްއިން ހިފެހެއްޓޭނީ ވަކިވަރަކަށް، އެ ސަރަހައްދެއްގައި މާ ލޯޑްބޮޑުވާ ނަމަ އެތަނުގެ ޕަވާބޮޑުވާނެ، މިފަހަރު ކަރަންޓް ދިޔައީ ފުދޭވަރަކަށް އިރަށްވުމުން ބެކަޕް ދިޔައީމާ ކަނެކްޓިވިޓީ ޑުރޮޕްވީ،" މިރުޝާން ވިދާޅުވި އެވެ.

ކާރިސާގެ ވަގުތުތަކުގައި ނުވަތަ އެމަޖެންސީ އެކިއެކި ހާލަތްތަކަށް ވަކި އުސޫލްތަކެއް ހަމަޖައްސާފައި ހުންނަ ކަމަށާއި އެފަދަ ހާލަތްތަކުގައި ދިރާގުގެ ހިދުމަތް ދެވޭނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒު ވިދާޅުވީ އިއްޔެގެ ހާދިސާގައި އެކުންފުނީގެ މޯބައިލް ނެޓްވޯކަށް މައްސަލައެއް ދިމާނުވާ ކަމަށެވެ. ނުގުޅޭ ނަމަ ނުގުޅި ނުވަތަ އިންޓަނެޓު ނުލިބުނީ އެ ސަރަހައްދެއްގައި ނެޓްވޯކް ބާރުބޮޑުވުމުގެ ސަބަބުން ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"މާލެ ތެރޭގައި ހުރި އެކިއެކި ތަންތަނުގައި ބެޓެރީ ބެކަޕުގައި ހުރީ، އަޅުގަނޑުމެންގެ ބެކަޕް ގެންގުޅެވޭނެ ހަތަރު ނުވަތަ ހަ ގަޑިއިރު،" ނިޔާޒު ވިދާޅުވި އެވެ.

ކުއްލި ހާލަތްތަކަށް އުރީދޫގެ ކޮންމެ ސައިޓެއްގައި ބެކަޕް ބެޓެރިތަކެއްލާފައިވެ ކަމަށާއި އަދި މެއިން ސައިޓުގައި ޖަނަރޭޓަރު ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބެންކިން އާ ސިއްހީ ހިދުމަތްވެސް މެދުކެނޑުމަކަށް!

ކަރަންްޓް ކެނޑުމާ އެކު ބެންކިންގެ ހިދުމަތް ވެސް މެދުކެނޑުނެވެ. ގިނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ ގޮތް ހުސްވި އެވެ. އިންޓަނެޓު ބެންކިން އާއި އެހެނިހެން ފައިސާގެ މުއާސަލާތުތައް ކުރުން ހުއްޓުނެވެ.

ބީއެމްއެލް އިން ބުނީ އިއްޔެ ދިމާވި ފަދަ ކުއްލި ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ހަރުދަނާ އުސޫލްތަކެއް ބޭންކުގައި ވަނީ ގާއިމް ކުރެވިފައި ކަމަށެވެ. އެފަދަ ހާލަތެއްގައި އަމަލު ކުރަންވާގޮތްތައް ދަނީ އަހަރުގެ އެކި ދުވަސް މަތިން ޓެސްޓް ކުރެވެމުން ކަމަށެވެ.

އިއްޔެ އެއްވެސް މެދުކެންޑުމެއްނެތި ބޭންކުގެ މެއިން ބްރާންޗްގައި ގާއިމު ކޮށްފައިވާ އޭޓީއެމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދީފައިވާއިރު ކަރަންޓު ކެންޑުމުގެ ސަބަބުން އިންޓަރނެޓް ބޭންކިންގް ހިދުމަތައް ބުރޫއަރާފައެއް ނުވާ ކަމަށް ވެސް އެބެންކުން ބުންޏެވެ.

ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް ސެންޓަރު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މާލެއިން ކަރަންޓު ކެނޑުމާ އެކު މަރުކަޒީ ހޮސްޕިޓަލް އައިޖީއެމްއެޗްގެ އާންމު ހިދުމަތަށް ވެސް ބުރޫއަރަ އެވެ. އެހޮސްޕިޓަލްގެ ޕެކަޕް ޖަނަރޭޓަރުން ހިދުމަތް ދެވެނީ އައިސީޔޫ އާއި ނާސިރީއާއި އޮޕަރޭޝަން ޓިއޭޓަރު ފަދަ ހާއްސަ ތަންތަނަށެވެ. މުޅި ހޮސްޕިޓަލްގެ ހިދުމަތެއް ނުލިބެ އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމްް ވިދާޅުވީ މިހާރު ކުރަމުންގެންދާ އެހޮސްޕިޓަލްގެ އަޕްގުރޭޑިންގެ ތެރޭގައި މިއަހަރު ނިމުމުގެ ކުރިން މުޅި އެހޮސްޕިޓަލްއަށް ބެކަޕްއަށް ކަރަންޓްދެވޭނެ ޖަނަރޭޓަރުތައް ބެހެއްޓޭނެ ކަމަށެވެ.

ކަރަންޓު ބެކަޕެއް ބޭނުންވޭ!

ކަރަންޓް ކެނޑުމަކީ ތަރައްގީ އެހެން ގައުމުތަކަށް ވެސް ދިމާވާ މައްސަލައެކެވެ. ނަމަވެސް އެހާގިނައިރަށް ކަރަންޓް ކެނޑުމަކީ މައްސަލައެކެވެ. އަވަހަށް ހައްލެއް ގެންނަންޖެހެ އެވެ.

ސްޓެލްކޯގެ ސީނިއާ އިންޖިނިއަރު އަބްދުއްރައޫފް ވިދާޅުވީ އެކުންފުނީގެ ސިސްޓަމް ރިވިއު ކުރަމުންގެންދާކަމަށާއި އެގޮތުން ޕުރޮޓަކްޝަން ރިވިއު ހަދަމުންދާ ކަމަށެވެ.

ހުޅުމާލެ ޕުރޮޖެކްްޓް އިން މާލެއާއި ހުޅުމާލެ ކޭބަލްއިން ގުޅާލެވުނީމަ މާލެއިން ކަރަންޓު ކެނޑޭ ހާލަތްތަކުގައި އަވަހަށް ކަރަންޓް ދެވިގެންދާނެ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައޫފް ވިދާޅުވި އެވެ.

ކޮންމެ އަކަސް ކުއްލި ހާލަތްތަކަށް އެންމެ ފުރިހަމައަށް ތައްޔާރީވެފައިނުވާކަން އިއްޔެގެ ހާލަތުން މިވަނީ ހެކިދީފަ އެވެ. ވެރިރަށް ހުއްޓުމަކަށް އައީ އެވެ. މިއީ ގައުމީ ސަލާމަތަށް ވެސް ނުރައްކަލެކެވެ. ބެކަޕެއް އޮންނަންޖެހެ އެވެ.

comment ކޮމެންޓް