އެތެރެހަށީގައި މަސްތުވާތަކެތި އެތެރެކުރި ތިން މައްސަލައެއް ބޮޑީ ސްކޭނަރުން ދެނެގަނެވިއްޖެ: ކަސްޓަމްސް

އެއާޕޯޓްގައި ބަހައްޓާފައި ހުރި ބޮޑީ ސްކޭނާ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިދިޔަ އޮކްޓޯބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބެހެއްޓި ބޮޑީ ސްކޭނަރ މެދުވެރިކޮށް އެތެރެ ހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރި ފަސް މައްސަލައެއް ދެނެގަނެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ވީއައިއޭ ގައި ބެހެއްޓި ބޮޑީ ސްކޭނަރުގެ އިތުރު މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒް މޫސާ ވިދާޅުވީ، ބޮޑީ ސްކޭނަރ ބެހެއްޓިފަހުން، ފަސިންޖަރެއްގެ ހަށިގަނޑު ސްކޭންކުރަން ޖެހިއްޖެ ނަމަ އެކަމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފައިވާ ކަމަށެވެ.

ކަސްޓަމްސް މުވައްޒަފުންތަކެއް ލަގެޖް ސްކޭން ކުރުމުގެ މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެގޮތުން އެ މެޝިން ބެހެއްޓިފަހުން، ބޮޑީ ސްކޭން ކޮށްގެން، ތިން ފަރާތަކުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަތުލައިގަތީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް އަދި އެތަކެތި ރައްކާކޮށްފައި ހުރީ ހަށިގަނޑުގެ ކޮންތަނެއްގައިކަން ރިޔާޒް ހާމައެއް ނުކުރައްވައެވެ.

މީގެކުރިން ބޮޑީ ސްކޭންކުރަން ޖެހިއްޖެ ނަމަ ފަސިންޖަރުން ގެންދަން ޖެހެނީ އެއާޕޯޓުން ހޮސްޕިޓަލަކަށެވެ. އެކަމަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާ ކަމަށާއި، ނަމަވެސް ބޮޑީ ސްކޭނަރ މެދުވެރިކޮށް ސްކޭންކުރަން ނަގަނީ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ކަސްޓަމްސް އިން ލަގެޖް ޗެކް ކުރަނީ: މިދިޔަ އަހަރު 20000 ބަނގުރާ ފުޅި އަތުލައިގަތް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރިޔާޒް އިތުރަށް ވިދާޅުވީ ލަގެޖް ބެލްޓަށް ލަގެޖް އެރުވުމުގެ ކުރިން ސްކޭންކޮށް، ޝައްކު ކުރެވޭކަހަލަ އެއްޗެއް ހުރެއްޖެނަމަ "ރެޑް އެންޑް ގްރީން" ޒޯންގެ ތެރެއިން "ރެޑް ޒޯން" އަށް ގެންގޮސް ފޮށި ހުޅުވައި ބަލާ ކަމަށެވެ. އަދި އެގޮތުން ބަލައިގެން މިދިޔަ އަހަރު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ލަގެޖް ހުޅުވައި ބަލައިގެން މިދިޔަ 2016 ވަނަ އަހަރު އެކަނިވެސް 50 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހަމަ އެކަނި އެއާޕޯޓުން އަތުލައިގެންފައިވާ ކަމަށާއި 20000 އަށްވުރެ ގިނަ، ބަނގުރަލުގެ ވައްތަރުތައް އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސް ގެ އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރިޔާޒް ވިދާޅުވީ ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު މިދިޔަ އަހަރަކީ އެންމެ ގިނައިން މަސްތުވާތަކެތި އެއާޕޯޓުން އަތުލައިގަތް އަހަރު ކަމަށެވެ.

comment ކޮމެންޓް