ނިޒާމްބެއާ ނާޒިމާގެ ކައިވެންޏަށް 11 އަހަރު - ހަދިޔާ އަކަށް ރަން މެޑަލް!

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އާއި އޭނާގެ އަންހެނުން އައިޝަތު ނާޒިމާ، އެ ދެމަފިރިންގެ ދަރިފުޅު ގޮވައިގެން ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަން ޓްރޮފީއާއެކު -- ފޮޓޯ: ނާޒިމާ

ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނޭ ބުނާތީ އަޑު އަހަމެވެ. އަދި މިވާހަކައަކީ ތެދެއްކަންވެސް ދުނިޔޭގެ ތާރީހުން ހެކި ދެއެވެ. މިއީ ދޮގަކަށް ވާނަމަ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން އެއް އަޖައިބުކަމަށްވާ ތާޖުމަހަލް އަންހެނަކަށް ހާއްސައެއް ނުކުރާނެއެވެ. އޭރު އިންޑިޔާގެ ވަރުގަދަ ބާދްޝާހް، ޝާހް ޖަހާން އެ ބިނާ މުމްތާޒް މާހަލް އަށް ހާއްސަ ކުރެއްވީ އެ ރަސްގެފާނުގެ ކާމިޔާބީގައި މުމްތާޒް ގެ ހިއްސާއެއް އޮތީމަކަން ޔަގީނެވެ.

މިފަހަރު ދައްކަން މިއުޅެނީ ތާޖް މަހަލްގެ ވާހަކައެއްނޫނެވެ. ދައްކަން މިއުޅެނީ މުޅި މިގައުމު އެއް އަޑަކުން ދައްކަމުންދާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ ކާމިޔާބީގެ ވާހަކައެވެ. މި ވާހަކައިގެ ތެރެއިން ހާއްސަވާ އެއް ނަމަކީ ޓީސީގެ ކާމިޔާބީގެ ހަގީގީ މޭސްތިރިޔާ، އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ވާހަކައެވެ.

04 މާޗް 2017: ބައިނަލްއަގްވާމީ ފުރަތަމަ ތައްޓާ އެކީ ޓީސީ ރާއްޖެ އައުން: ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކަޕުގެ ޗެމްޕިއަންކަން ޓީސީ އިން ހޯދައި މިރޭ ރާއްޖެ އައުމުން އެ ޓީމަށް ވަނީ ޝަރަފްވެރި މަރްހަބާއެއް ކިޔާފަ---ސަން ފޮޓޯ

އަހަރުތަކަކަށް ފަހު ރާއްޖެއަށް ފުޓްބޯޅައިން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަދި ނިޒާމްބެއަށްވެސް ފުޓްބޯޅައިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އޭނާ ހާއްސަ ކޮށްފައިވަނީ، އެ ކާމިޔާބީގެ ހަގީގީ އެއް މޭސްތެރިއާ އަދި ނިޒާމްބެގެ ކާމިޔާބިގެ ފަހަތުގައި ހުރި ހީވަގި ކަނބަލަށެވެ. މި ކާމިޔާބީ ނިޒާމްބެ އެންމެ ބޮޑަށް ހާއްސަ ކުރީ އޭނާގެ ހަޔާތުގެ ބައިވެރިޔާ އައިޝަތު ނާޒިމާއަށްށެވެ.

" ނިޒާމް އަޅުގަނޑަށް ވައުދުވި މި މުބާރާތުން ރަންމެޑަލް އެއް ލިބިއްޖެއްޔާ އެ މެޑަލް އޭ ވާނީ އަޅުގަނޑު މެން ދެމީހުންގެ ކައިވެނީގެ އަހަރުފުރޭ ހަދިޔާ އަކަށް،" ނާޒިމާ އެ އުފާވެރި އިހްސާސް ސަންސްޕޯޓްސް އާ ހިއްސާ ކުރަމުން ކިޔައިދިނެވެ.

މި މަހުގެ 6 ވަނަ ދުވަހު ކައިވެންޏަށް 11 އަހަރު ފުރޭ މި ދެމަފިރިންގެ ކާމިޔާބީއާ ގުޅޭ ގޮތުން ވާހަކަދައްކަމުން ނާޒިމާ ބުނީ، މި ކާމިޔާބީއަކީ ނިޒާމްބެ ކެނޑި ނޭޅި ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތުގެ ފޮނި މީރު މެވާކަމަށެވެ.

ޓީސީގެ ކޯޗު، މުޙައްމަދު މިޒާމް (ނިޒާމްބެ)އަކީ މިދިޔަ ސީޒަންގެ އެންމެ މޮޅު ކޯޗު -- ފޮޓޯ: ނާޒިމާ

" ވަރަށް މާޔޫސް ވެގެން އަންނާނެ ބައެއް ފަހަރު ގެއަށް. ދެން އަޅުގަނޑު ބުނަން ހިތްވަރު ދެރަ ނުކުރަށޭ އަދި ކާމިޔާބު ވާނޭ. ނިޒާމްވެސް ބުނަމެއް ނޫންހޭ މަސައްކަތް ކުރަންޏާ ކޮންމެވެސް އެއް ދުވަހަކުން ކާމިޔާބު ވާނޭ،" މާޒީގެ ހަނދާންތައް ހިއްސާ ކުރަމުން ނާޒިމާ ކިޔާދިނެވެ.

ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ނާޒިމާ ބުނީ ނިޒާމަކީ ތަފާތު މީހެއްކަމަށާއި އޭނާއަކީ ނަމޫނާ މީހެއްކަމަށެވެ.

"އަޅުގަނޑު ބުނާނީ ނިޒާމަކީ ނަމޫނާ މީހެކޭ. ކުޅިވަރުގެ ދާއިރާގައި އޭނާ އެކުރާ ހިތްވަރަކީ ހަމަ މިސާލެއް. ވަރަށް އުފާވޭ ނިޒާމް ފަދަ މީހެއްގެ އަންބަކަށް ވީތީ،" ނާޒިމާ ބުންޏެވެ.

ފުޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސްކަންވެސް ކުރަމުންދާ ނާޒިމާ ބުނީ، މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް ނިޒާމަށް ލިބުމުން އެކަމާ ގިނަ ބަޔަކު ފާޑު ކީ ނަމަވެސް އޭނާ އަކީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗުކަން ޝެއިހް ކަމާލް އިންޓަނޭޝަނަލް ކުލަބް ކަޕްގައި ހޯދި ތާރީހީ ކާމިޔަބީން ސާބިތުކޮށްދީފައިވާކަމަށެވެ. އަދި ނާޒިމާ ބުނީ ޒުވާން ކުޅުންތެރީންތަކެއް ކުރިއެރުމަށް ނިޒާމް ކުރާ މަސައްކަތް ފެށީކީ އިއްޔެއަކު އަދި މިއަދަކު ނޫންކަމަށާއި ސްކޫލް މުބާރާތް ތަކަށް ކޯޗު ކޮށްދިން ހިސާބުން ފެސިގެންގޮސް ޓީސީއަށް ލިބުނު ކާމިޔާބީއާ ހިސާބަށްވެސް އޭނާ އަކީ ޒުވާން ކުޅުންތެރިން ފުޓްބޯޅައަށް ނެރުމަށް މަސައްކަތް ކުރާ ކޯޗެއްކަމަށެވެ.

04 މާޗް 2017: ޝެއިހް ކަމާލް އިންޓަނޭޝަނަލް ކަޕުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކުލަބްއިން ހޯދައި އެބުރި ރާއްޖެ އައުމުން ހޫނުމަރުހަބާއެއް ކިޔުން---ސަން ފޮޓޯ

ނާޒިމާ ބުނީ ނިޒާމަކީ ޒުވާން ކުޅުންތެރީންނަށް އިތުބާރު ކުރާ ކޯޗެއްކަމަށެވެ.

"ނިޒާމަކީ ޒުވާން ކުޅުންތެރީންނަށް ވަރަށް އިތުބާރު ކުރަ ކޯޗެއް، އެހެންވެ ެކުޅުންތެރީންވެސް ނިޒާމަށް އެހާވަރަށް އިތުބާރުކުރަނީ. އިއްޔެ އެކުޅުނު ފައިނަލު މެޗުގެ ފަހު ޕެނަލްޓީ ޖެހުމަށް ޒުވާން ކުޅުންތެރިއަކު އިސް ނެގި ހިސާބުން އޭނާއަށް އެ ފުރުސަތު ދިނުމަކީ ނިޒާމް ކުޅުންތެރީންނަށް ކުރާ އިތުބާރު،" ނާޒިމާ ބުންޏެވެ.

ޝެއިހް ކަމާލް އިންޓަނޭޝަނަލް ކުލަބް ކަޕްގައި ޓީސީ ކުޅުނު ކޮންމެ މެޗެއްގައިވެސް އަދި ރާއްޖޭގައި ޓީސީ ކުޅޭ ކޮންމެ މެޗަކަށް ފަހުވެސް އެ މެޗެއްގެ ނަތީޖާ ހިއްސާ ކުރުމަށް ނިޒާމްބެ، ނާޒިމާއަށް ހާއްސަ ވަގުތު ކޮޅެއް ދޭކަމަށް ނާޒިމާ ކިޔައިދިނެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އޭނާގެ ދަރިފުޅުގެ ކަރުގައި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުން ލިބުނު ގޯލްޑް މެޑަލް އަޅުވަނީ -- ފޮޓޯ: ނާޒިމާ

"މިފަދަ ބޮޑު މުބަރާތަކުން މޮޅުވީމަވެސް އެންމެ ފުރަތަމަ ގުޅީ އަޅުގަނޑަށް. އެހެން މެޗުތަކުން މޮޅުވީމަވެސް ބުނާ ގޮތަށް ހަމަ ބުނީ އަލްހަމްދުލިﷲ އޭ ވަރަށް ލޯބިވޭ،" ނިޒާމްބެ އާ ނާޒިމާގެ ހާއްސަ ވަގުތުކޮޅުތަކުގެ ވާހަކަ ކިޔައިދެމުން ނާޒިމާ ބުންޏެވެ.

ނާޒިމާ ކިޔައިދިން ގޮތުގައި ނިޒާމްބެއަކީ އަބަދުވެސް ރަން މެޑައްޔެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ މީހެކެވެ. އަދި މިދިޔަ އަހަރު ތިން ފައިނަލުން ބަލިވެ މި މުބާރާތުން ޖާގައެއް ލިބުމުން ރަން މެޑައްޔެއް ހޯދުމަށް އަޒުމް ކަނޑައެޅިކަމަށްވެސް ނާޒިމާ ކިޔާދިނެވެ.

"ނިޒާމް ބުނީ ދަރިފުޅުގެ ކަރުގައި ރިހި މެޑަލް އެއް އަޅުވާކަށް ބޭނުމެއް ނޫނޭ، ބެނުންވަނީ ދަރިފުޅުގެ ކަރުގައި ރަން މެޑައްޔެއް އަޅުވާށޭ. ރިހި މެޑަލް ހޯދި އެއްވެސް ފަހަރަކު ދަރިފުޅު ނުގެންދާނެ މެޑަލް އަޅުވާކަށް" ނާޒިމާ ކިޔައިދިނެވެ.

ނިޒާމްބެގެ އާއިލާ -- ފޮޓޯ: ނާޒިމާ

ޓީސީ އާއި އެކު ނިޒާމްބެ ހޯދި ތާރީހީ ކާމިޔާބީއަށް ފަހު މުޅި ގައުމުގައި އަޑުގަދަވެފައިވާ އެއް ނަމަކީ ހަމަޔަގީނުންވެސް ނިޒާމްބެގެ ނަމަވެ. ނިޒާމްބެގެ ކާމިޔަބީގެ ވާހަކަ ނުދައްކާ ކުޅުންތެރިއެއް ކޯޗެއް ސަޕޯޓަރެއް ނެތެވެ. ނިޒާމްބެއާ ދިމާލަށް ބަލައިލާ ކޮންމެ ދިވެއްސަކުވެސް މިވަގުތު ބަލައިލަނީ ފަހުރުވެރި ނަަޒަރަކުންނެވެ. ނިޒާމެބެއާ ޓީސީ މުޅި ގައުމު ފަހުރުވެރިކޮށްދީފިއެވެ. ނިޒާމްބެ ހޯދި މި ތާރީ ކާމިޔާބީ މުޅި ގައުމު ފާހަގަކުރަމުންދާއިރު ނިޒާމްބެ މި މެޑަލް ހާއްސަ ކުރީ ނިޒާމްބެގެ ދިރިއުޅުމުގެ ކޯޗު އައިޝަތު ނާޒިމާއާ އެ ދެމީހުންގެ ދަރިފުޅަށެވެ. އަދި 11 އަހަރުވީ އުފާވެރި ކައިވެންޏަށެވެ.

comment ކޮމެންޓް