ބަލިމަޑުކަމަކަށާއި ސިއްހީ ނުރައްކަލަކަށް ރާއްޖެ ތައްޔާރުތޯ ބަލަނީ

ހެލްތު މިނިސްޓްރީން މިއަދު ފެށި މަސައްކަތު ބައްދަލުވުން. -- ފޮޓޯ: ހެލްތު މިނިސްޓްރީ

އުފެދިދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމާއި ސިއްހަތަށް ގެއްލުން ހުރި ނުރައްކާތެރި ހާލަތްތަކުން އަރައިގަތުމަށް ރާއްޖޭގައި އެޅިފައިހުރީ ކޮން ފިޔަވަޅުތަކެއްތޯ ހޯދައި ބެލުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ މާހިރުންނާއެކު އެފަދަ ނުރައްކާތެރިކަމުން ރާއްޖެ ތައްޔާރުތޯ ބެލުމަށް މިއަދުވަނީ އެއް ހަފްތާގެ މަސައްކަތު ބައްދަލުވުމެއް ފަށާފައެވެ.

މަސައްކަތު ބައްދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ، ބަވަނަ ވެފައިވާ ދުނިޔެއެއްގައި ދިރިއުޅެމުންދާއިރު އެއް ގައުމެއްގައި ފެތުރެމުންދާ ބަލިމަޑުކަމެއް ރާއްޖެއަށް ވެސް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން، މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަން (އައިއެޗްއާރު) ނުވަތަ ބައިނަލްއަގްވާމީ ސިއްހަތު ގާނޫނުގެ ދަށުން ކޮންމެ ގައުމަކަށް ވެސް ލާޒިމް ކުރާ ކަންތައްތައްތަކުގެ ތެރެއިން ރާއްޖޭގައި ގެންދެވިފައިވަނީ ކޮންކަންތައްތަކެއްތޯ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ބަލިމަޑުކަމެއް ފެތުރިއްޖެނަމަ އެކަންކަން ހުއްޓުވުމަށް ރާއްޖޭގައި ހުރީ ކޮން ގާބިލް ކަމެއްތޯ އާއި ރާއްޖެއަށް އެފަދަ ބައްޔެއް އަތުވެއްޖެނަމަ ފަރުވާ ދިނުމާއި ތަހުލީލުކޮށް އެކަން ދެނެގަތުމުގެ ގާބިލްކަން ހުރީ ކިހާ މިންވަރަކަށްތޯ ބެލުމަށްޓަކާ ކުރެވޭ މަސައްކަތްތަކެއް މިއީ،" ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ހަދަން ފެށި އައިއެޗްއާރުއަކީ އޭޝިއާ ސަރަހައްދުގައި ވެސް އެ ތަހުގީގުތައް ހަދާ ދެވަނަ ގައުމު. އޭޝިއާ ގައުމުތަކުގެ ތެރެއިން އެ ތަހުގީގުތައް ފުރަތަމަ ހެދި ގައުމަކީ ބަނގުލަދޭޝްއެވެ.

ގައުމުތަކުގެ އާބާދީތައް ރައްކާތެރިކުރުމުގެ މަގްސަދުގައި ހަދާފައިވާ ބައިނަލްއަގްވާމީ ސިއްހަތު މުއާހަދާއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިސްނަގައިގެން އެ ޖަމިއްޔާގައި ބައިވެރިވާ 194 މެމްބަރު ގައުމެއްގެ މެދުގައި ސޮއިކޮށްފައިވާ މުއާހަދާއެކެވެ.

ރާއްޖެއިން ވެސް ސޮއިކޮށްފައިވާ އެ މުއާހަދާ ވުޖޫދަށް އައީ 2005 ވަނަ އަހަރުއެވެ. އަދި އެ މުއާހަދާއަށް އަމަލުކުރަން ފަށާފައިވަނީ 2007 ވަނަ އަހަރުއެވެ.

މުއާހަދާގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ގައުމުތަކުގައި އުފެދިދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމާއި ސިއްހަތަށް ގެއްލުން ހުރި ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.

ރާއްޖޭގައި ބަލިމަޑުކަމެއް ފެތުރިޔަ ނުދިނުމަށް ކަމާގުޅޭ ދާއިރާތައް ހިމަނައިގެން ރާއްޖޭގައި އައިއެޗްއާރު ކޮމެޓީއެއް ވެސް އެކުލަވާލާފައިވާއިރު، ސިއްހީ ނުރައްކާތެރިކަމުން ސަލާމަތްވުމަށް ރާއްޖޭގައި ކުރާނެ މަސައްކަތްތައް އެކުލަވާލައި އެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް