ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް 9000 މެމްބަޝިޕް ފޯމު ހުށަހަޅައިފި

ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް މެންބާޝިޕް ފޯމުތައް ގެންގޮސްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން ކުރެއްވި މަސައްކަތުގެ ދަށުން، ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް 9000 އާ ކައިރި ކުރާ އަދަދަކަށް މެމްބަޝިޕް ފޯމު ހުށަހަޅައިފި އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް ހުށަހެޅުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، އެ ފޯމްތަކަކީ މެޑަމް ފާތުން އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތަކުގެ ދަށުން ޕާޓީއަށް ލިބިފައިވާ ފޯމުތައް ކަމަށާއި އެއީ ސައްހަ ފޯމުތަކެއް ކަމަށެވެ.

ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް މެންބާޝިޕް ފޯމުތައް ގެންގޮސްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަލާހު ވިދާޅުވީ މެޑަމް އިސްނަންގަވައިގެން ޕީޕީއެމްގެ އެކި މެމްބަރުންނާ ގުޅިގެން ކުރެއްވި މަސައްކަތްތަކުގެ ދަށުން ގާތްގަނޑަކަށް 11000 އަށް ވުރެ ގިނަ މެމްބަޝިޕް ފޯމު އެ ޕާޓީއަށް ލިބުނު ކަމަށެވެ.

ފަލާހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅައި ހުރި ފޯމުތަކާއި މިއަދު ހުށަހަޅަން ގެނައި ފޯމުތަކާ އެކު އެ ޕާޓީގެ މެންބަޝިޕް އަދަދު ގާތްގަނޑަކަށް 70،000 އަށް ވުރެ މިހާރު މަތިވާނެ ކަމަށެވެ. ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން 100،000 މެންބަރުން ޕާޓީއަށް ހަމަކުރުން ކަމަށް ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް މެންބާޝިޕް ފޯމުތައް ވައްދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ވަރަށް ގިނަ ފަރާތްތަކުން މި ސަރުކާރު ބަލައިގަނެ މިދަނީ ކޮންމެ ދުވަހަކު ވެސް ޕާޓީއާ ގުޅެމުން. މެޑަމް ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ މިއީ. ގާތްގަނޑަކަށް މަދުވެގެން 500 ފޯމު މެޑަމްގެ އަތްޕުޅަށް ނާރާ ދުވަހެއް ނުދޭ. މެޑަމްގެ ޓާގެޓަކީ މިއަހަރު ނިމެންވާ އިރު މެންބަރުންގެ އަދަދު އެއްލައްކަ އަށް އިތުރު ކުރުން،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެތަކެއް މެންބަރުންނެއް ޕީޕީއެމްއާ ގުޅެނީ ދިވެހި ރައްޔިތުން ޕީޕީއެމްގެ މި ސަރުކާރު ބަލައިގަނެ، ރައްޔިތުން ބޭނުންވާ ފަދަ ހިދުމަތްތައް ލިބެމުން އަންނާތީ ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

comment ކޮމެންޓް