ޓީސީ ހޯދިފަދަ ކާމިޔާބީތައް ތަކުރާރުވުން އެދެން: އިރުތިޝާމް

މިނިސްޓަރު އިރުތިޝާމް 'ސަން ސްޕޯޓްސް'އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓީސީ ސްޕޯޓްސް ކުލަބުން ހޯދި ކާމިޔާބީ އަބަދުވެސް ދިވެހި ކުޅިވަރުގައި ތަކުރާރުވުން އެދޭ ކަމަށާއި މިފަދަ އެހެން ފުރުޞަތުތައް ދިވެހި ޓީމުތަކަށް ހޯދައިދިނުމަށް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ކުޅިވަރާ ޒުވާނުންނާއި ބެހޭ ވުޒާރާގެ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެެއެވެ.

ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބްކަޕްގެ އެއްވަނަ ހޯދުމަށްފަހު ޓީސީ ސްޕޯޓްސް ކުލަބް ރޭ މާލެ އައުމުން އެކުލަބަށް މަރުހަބާ ދެންނެވުމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ޖަގަހަ ސަރަހައްދުގައި ހުންނަވައިގެން ސަން ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ ޓީސީން ހޯދި ކާމިޔާބީއާ މެދު މުޅި ގައުމު ފަހުރުވެރިވާ ކަމަށާއި މިފަދަ ކާމިޔާބީތައް ތަކުރާރުވާން އެދޭ ކަމަށެވެ.

"މިއީ މުޅިގައުމު ފަހުރުވެރިވާ ވަރުގެ ކާމިޔާބީއެއް، އަޅުގަނޑު ވަރަށް އުފާވޭ ދިވެހި ޓީމަކުން މިފަދަ ކާމިޔާބީއެއް ހޯއްދެވީމަ،" މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ ފުރުޞަތުތައް ހޯއްދުމުގައި ސަރުކާރުން މަސައްކަތް ކުރައްވަންނަންތޯ ސުވާލު ކުރެއްވުމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ފުޓްބޯޅައިންވެސް އަދި އެހެން ކުޅިވަރުތަކުންވެސް އެފަދަ ފުރުޞަތުތައް ތަނަވަސްކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ކުޅުންތެރިންނަށް މުސާރަ ދިނުމާއި އެކުޅުންތެރިންނަށް ޕްރޮފެޝަނަލް ކަންމަތީ ކުޅެވޭނެ މަގު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުޅިވަރު ކުލަބްތައް ބާރުވެރިކޮށް އެކުލަބުތައް މެދުވެރިކޮށް ކުޅުންތެރިންނަށް ފަހި ފުރުޞަަތުތަކެއް ހޯދައިދިނުމަށް ކުންފުނިތައް މެދުވެރިކޮށް ވަރަށް ރަނގަޅު މަސައްކަތެއް މިހާރު ފެށިފައިވާ ކަމަށެވެ.

"ކުންފުނިތައް މެދުވެރިކޮށް ކުލަބުތަކަށް އެހީވުމަށް ރައީސް ޔާމީން މި ފެއްޓެވި މަސައްކަތަކީ އޭގެ ސަބަބުން މުޅި ކުޅިވަރު އާއިލާއަށްވެސް އޭގެ މަންފާ ކުރަނެ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ޝެއިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކުލަބު ހޯދައި އެކުލަބުން ވަނީ ދިވެހި ފުޓްބޯޅަ ކުރިއަރަމުންދާ ކަމުގެ ހަރުދަނާ މިސާލެއް ދައްކާފައިކަމަށް މިނިސްޓަރު އިރްތިޝާމް ވިދާޅުވިއެވެ.

comment ކޮމެންޓް