ތިލަފުށީ ބޯޓްޔާޑުގައި ހުރި ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ބޯޓުޔާޑުގައި އޮތް ދޯނީގައި އަލިފާން ރޯވެފައި --- ފޮޓޯ/ އެމްއެންޑީއެފް

ތިލަފުށި ބޯޓްޔާޑުގައި އެހެލާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު ގާތްގަނޑަކަށް 04:30 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައިނުވާ ކަމަށެވެ.

ނަމަވެސް ފައިބަރުން ބަނދެފައިވާ އެ ދޯންޏަށް، އަލިފާން ރޯވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވި ދޯނިން އަލިފާންގަނޑު ނިވާލާފައި --- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ އެ ދޯނީގައި ހުރި ޑީސަލް ޓޭންކެއްގައި ކަމަށެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފުވާގޮތެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ތިލަފުށި ފަޔާ ސްޓޭޝަންގެ ސިފައިން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިވާލެވުނީ ހެނދުނު 6:30 ގައި ކަމަށެވެ.

comment ކޮމެންޓް