މަގުމައްޗަށް ގިނަ އަދަދެއްގެ ގޭސް ލީކްވެއްޖެ

މޯލްޑިވް ގޭސްގެ ޕިކަޕަކަށް ކައްކާ ގޭސް ފުޅިއެއް އަރުވަނީ--

ބޮޑުތަކުރުފާނުމަގަށް މޯލްޑިވްސް ގޭސްގެ ޕިކަޕަކުން ގޭސް ފުޅިއަކުން ގޭސް ލީކްވެ ހާދިސާއެއް ހިނގައިފި އެވެ.

ރޭ ގާތްގަނޑަކަށް 10:45 އެހާކަންހާއިރު ބޮޑުތަކުރުފާނުމަގު "ކެފޭ ތާސީރު" ކުރިމަތިން ހިނގި އެ ހާދިސާގައި ބާރު އަޑުފައްގަނޑަކާ އެކު ދެ ފަހަރެއްގެ މަތިން ވަނީ އެސަރަހައްދަށް ގޭސް ލީކްވެފަ އެވެ.

"ގޭސް ފުޅި މިހުންނަނީ ޕިކަޕު ތެރެއަށް ދޫކޮށްލާފައި، ދެން ދުއްވާފައި ދަނިކޮށް އެއްފުޅި އަނެއްފުޅިއާ ޖެހި ގޭސް ލީކްވީ، ފުރަތަމަ ލީކްވުމުން ބިދޭސީ މީހަކު ޕިކަޕަށް އަރާ ކެޕް ބާރުކޮށްލީ، އިރުކޮޅެއްނުވެ އަނެއްކާ ވެސް ލީކްވީ، ވަރަށް ބޮޑަށް ލީކްވި،" އެސަރަހައްދުގައި ހުރި ފުލުހަކު ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެހާގިނަ އަދަދެއްގެ ގޭސް ލީކްވި އިރު އެސަރަހައްދުގައި މީހަކު ސިނގިރޭޓް ބޯންހުރިނަމަ ވެސް "ފަޔާ ބޯލް" އުފެދި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑެވެ. އަދި އެކަން ހިނގީ ކެފޭއެއްގެ ދޮރުމަތިން ކަމަށްވާއިރު އެކެފޭގައި އެވަގުތު ވެސް ދިޔައީ އަލިފާން ބޭނުންކޮށްގެން ކައްކަމުންނެވެ. އަދި އެއީ ގިނަ އަދަދެއްގެ ތެޔޮ ލޮރީތައް ވެސް ދުއްވާ ސަރަހައްދެކެވެ.

އެހާދިސާއާ ގުޅިގެން މޯލްޑިވް ގޭސްއިން ބުނީ ލީކްވީ ގޭސް ނޫން ކަމަށާއި އެއީ މެޑިކަލް އޮކްސިޖަން ކަމަާއޗެ.

ގޭސް ވިއްކާ ފަރާތްތަކުން ރައްކާތެރި ނޫންގޮތްގޮތަށް ގޭސް އުފުލާތީ އެކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ދާދިފަހުން ވެސް ސިފައިން ވަނީ އެފަރާތްތަކަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމްތަކެއް ހިންގާފަ އެވެ.

comment ކޮމެންޓް