އަންހެން ކުރޫ އަކާ އެކު ދުނިޔެ ވަށާޖެހި ދަތުރު ދުނިޔޭގެ ރެކޯޑް ފޮތަށް އަރުވަން ހުށަހަޅައިފި

އެއާ އިންޑިއާގެ އަންހެން ކުރޫ ސެން ފުރެންސިސްކޯ އެއާޕޯޓުގައި ---

ނިއު ދެއްލީ: ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އިން އަންހެން ކުރޫ އަކާ އެކު ދުނިޔެ ވަށާ ކުރި ދަތުރު ދުނިޔޭގެ ރެކޯޑް ފޮތަށް އަރުވަން ހުށަހަޅައިފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު އެމެރިކާގެ ސެން ފްރެންސިސްކޯ އިން ފުރި އެއާ އިންޑިއާގެ ދަތުރު ނިންމާލީ، މިދިޔަ ހުކުރު ދުވަހު، ދަތުރުފެށި އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އެއާ އިންޑިއާ އިން ހުކުރު ދުވަހު ބުނީ، އެ އެއާލައިންގެ ބޮއިންގް 777 މަރުކާގެ ފްލައިޓް ޕެސިފިކް ކަނޑު ހުރަސްކޮށް ސެން ފުރެންސިސްކޯއަށް ދިޔައިރު، އެނބުރި އިންޑިއާއަށް އައިސްފައި ވަނީ އެޓްލާންޓިކް ހުރަސްކޮށް ދުނިޔެ ވަށާ ޖެހުމަށް ފަހު ކަމަށެވެ.

ޕެސިފިކް ރޫޓުން ދަތުރުކުރަން ފެށި ފުރަތަމަ އިންޑިއާ އެއާލައިން، އެއާ އިންޑިއާގެ ތަރުޖަމާނަކު ވިދާޅުވީ، އެ އެއާލައިނުން ހާސިލްކުރި އެ ރެކޯޑް ގިނިސް ވޯލްޑް ރެކޯޑް ފޮތަށާއި ލިމްކާ ބުކް އޮފް ރެކޯޑްސްއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެއާ އިންޑިއާގެ އެ ރެކޯޑް ދަތުރުގައި ފްލައިޓްގެ ކޮކްޕިޓާއި ކެބިން ކުރޫގެ އިތުރުން ޗެކް އިން އަދި ގްރައުންޑް ހޭންޑްލިން ސްޓާފުންނާއި ފްލައިޓް ފުރުމުގެ ހުއްދަ ދިން އެއާކްރާފްޓް އިންޖިނިއަރުންނަކީ ވެސް އަންހެނުން ކަމަށެވެ.

އޭގެ އިތުރުން، ފްލައިޓް ފުރި ދުވަހާއި އަނބުރާ އިންޑިއާއަށް އައި ދުވަހު އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ވެސް މަސައްކަތްކުރީ އަންހެނުންނެވެ.

ކޮންމެ އަހަރެއް މާޗްމަހުގެ އަށެއްގައި ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެއާ އިންޑިއާ އިން ކުރާ ޑޮމެސްޓިކް އަދި އެހެނިހެން ބައިނަލްއަގްވާމީ ދަތުރުތަކުގައި ވެސް އަންހެން ކުރޫއިން ބޭނުންކުރަން ނިންމައިފަ އެވެ.

comment ކޮމެންޓް