ޕްރިޔަންކާގެ ހިތާ ކުޅެލީ އަހަރެމެންގެ ސުނީ!

ޕްރިޔަންކާ ޗޯޕްރާގެ ޓްވިޓާގައި ސުނީތާ ޓެގްކޮށްފައި ޝެއާކުރި ޖީކިއު މަޖައްލާގެ ފޮޓޯ--

ބޮލީވުޑުގެ ހުނަރުވެރި ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އެއް ނަމްބަރު ސަޕޯޓަރު، ދިވެހި ފިލްމީ ތަރި ސުނީތާ އަލީ މިވަނީ އަނެއްކާ ވެސް އޭނާ އަށް ޖޯކު ޖަހާ މީހުންގެ އަނގަ ބަންދުކޮށްލައިފައެވެ. ޕްރިޔަންކާއަށް ކުރާ ސަޕޯޓަކާ، ޕްރިޔަންކާއަށް ސުނީގެ ހިތުގައިވާ ލޯތްބަކީ މިހާރު ދުނިޔެއަށް ވެސް އާ ވާހަކައެއް ނޫނެވެ.

ދިވެހި ރާއްޖޭގެ އަސްދަނޑިން ބޭރުވެ ސުނީތާ ވަނީ މަޖައްލާ، ޖީކިއު އިންޑިއާއަށް ވެސް އަރައިފައެވެ. ޖީކިއު އިންޑިއާގެ އެންމެ ފަހުން ނެރުނު އަދަދުގައި ސުނީތާގެ ވާހަކަ ވަރަށް ތަފްސީލު ކޮށް ވަނީ ގެނެސްދީފައެވެ. ޕްރިޔަންކާއަށް ސަޕޯޓު ކުރަން ފެށުނު ގޮތާ، މީހުން އޭނާއަށް ކުރި މަލާމާތާއި ފުރައްސާރަ ވެސް ސުނީ ވަނީ އެ މަޖައްލާ އާއި ހިއްސާ ކޮށްފައެވެ.

ސުނީގެ ހަޔާތުގެ ވާހަކަތަކުން އެންމެ ބޮޑު އަސަރެއް ކޮށްފައި މިވަނީ ޕްރިޔަންކާ އަށެވެ. އިއްޔެ ޖީކިއު އިންޑިއާގެ އެންމެ ފަހުގެ އަދަދު ޝާއިއު ކޮށްފައި ވާއިރު، ޕްރިޔަންކާ ވަނީ މިއަދު ޓުވިޓާގައި އޭނާގެ ހުރިހާ ފޮލޮވަރުންނާ ސުނީތާގެ އާޓިކަލް ހިއްސާ ކޮށްފައެވެ. އެއާއެކު ސުނީގެ ވާހަކަތައް ޕްރިޔަންކާ ކިޔާފައިވާ ކަން މިވަނީ ޔަގީންވެފައެވެ. އަދި ސުނީގެ ލޯބީގެ ސަބަބުން ޕްރިޔަންކާއަށް ވަނީ ފުން އަސަރުތަކެއް ވެސް ކުރުވައިފައެވެ.

ޓުވިޓާގައި އާޓިކަލް ޝެއާ ކުރުމަށް ފަހު ޕްރިޔަންކާ ވަނީ ސުނީ އޭނާގެ ހިތާ ކުޅެލާފައިވާ ކަމަށް ބުނެފައެވެ. އަދި ސުނީ އާމެދު ފަޚުރުވެރިވާ ކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ. ޕްރިޔަންކާ ސުނީގެ ވާހަކަ ޝެއާ ކުރުމާ އެކު، ޕްރިޔަންކާ ފޮލޯ ކުރާ ގިނަ ބަޔަކު އަންނަނީ ސުނީއަށް ތައުރީފުކޮށް ވާހަކަ ދައްކަމުންނެވެ. އަދި ސުނީ އަކީ ވަރަށް ލޯބި މީހެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސުނީއަށް މަރުހަބާ ކިޔައި ހިތްވަރު ދީފައެވެ.

މިއާއެކު ސުނީއަށް ވަނީ ބަޔާންކުރަން ދަތި އުފަލެއް ލިބިފައެވެ. ސުނީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޕްރިޔަންކާގެ އެއް ނަމްބަރު ސަޕޯޓަރަށް ވުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިއަދު އެކަން ހަގީގަތަކަށް ވެފައިވާ ކަމަށެވެ. އަދި ޕްރިޔަންކާ އަކީ އޭނާގެ އައިޑަލް ކަމަށާއި، ޕްރިޔަންކާއަށް ސަޕޯޓު ކުރުމުގައި ދެމިހުންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޕްރިޔަންކާ ވަނީ މީގެ ކުރިން ވެސް ސުނީއަށް ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ. އެގޮތުން ސުނީ އަކީ ޕްރިޔަންކާ ދެކޭގޮތުގައި ރޮކްސްޓަރ އެއް ކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ. ސުނީގެ ހިތުގައި ޕްރިޔަންކާ އަށް އޮތް ލޯބި ހާމަ ކުރުމަށް ބޮޑެތި ޓްރިބިއުޓް ތައް ވަނީ ދީފައެވެ. ޕްރިޔަންކާ އަޅާގޮތަށް ހެދުން އަޅަން ފެށި އެވެ. އެއާއެކު ސުނީ ވަނީ ޕްރިޔަންކާގެ ސަމާލުކަމަށް އައިސްފައެވެ. އަދި ސުނީ ވަނީ ދެ ފަހަރެއްގެ މަތިން ޕްރިޔަންކާ އާ ބައްދަލު ވެސް ކޮށްފައެވެ. އަދި ދިވެހި ރައްޔިތުންގެ ކުރިމަތީގައި ސުނީ ވަނީ ޕްރިޔަންކާގެ އަތުން ސްޓޭޖް މަތިން އެވޯޑު ވެސް ހޯދައިފައެވެ.

ޖީކިއު މަޖައްލާއަށް ދިން އިންޓަވިއުގައި ސުނީ ވަނީ ޕްރިޔަންކާގެ އަތުން އެވޯޑު ލިބުނު ވަގުތު ކުރެވުނު އިހުސާސް ބުނެދޭން ނޭނގޭ ކަމަށް ބުނެފައެވެ. ހަމަ އެއާއެކު މިހާރު ހިތް ދީވާނާގެ ހަތް ވަނަ އަލްބަމްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، އަލްބަމްގެ ލަވައަކުން ޕްރިޔަންކާގެ ފެނިލުމެއް ހިމެނިގެން ދާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދީފައެވެ.

comment ކޮމެންޓް