ނަބީހު ހާފިޒަކަށް، މުޅިން ވެސް އިބުރަތް!

އަލްހާފިޒް ނަބީހް ގުރުއާން ކިޔަވަނީ---

މިއީ އޯޓިޒަމް ހުންނަ ކުއްޖެއްކަމަށްވާ ލ. މާވަށް، މާބަގީޗާގޭ، އުމުރުން 14 އަހަރުގެ އަހުމަދު ނަބީހު ތިން މަސް ތެރޭގައި ކީރިތި ގުރުއާން ހިތުދަސް ކުރި ގޮތުގެ ތަފްސީލެވެ. ނަބީހުގެ އެ ކާމިޔާބީގެ ފަހަތުގައި ވަނި މުޅިން ވެސް އިބުރަތްތެރި ވާހަކަތަކެވެ.

އޯޓިޒަމްކަން އެނގުނީ އެތައް ކަމަކަށް ފަހު

ނަބީހަކީ އައިމިނަތު މުހައްމަދާއި އަބްދުލް ގާދިރު ގާސިމްގެ ތިން ވަނަ ދަރިފުޅެ އެވެ. އެ ދެމަފިރިންނަށް ހަތަރު ކުދިން ލިބިފައިވެ އެވެ. ފުރަތަމަ އެ އާއިލާއަށް ލިބުނު ފިރިހެން ދަރިފުޅަކީ އޯޓިޒަމް ކުއްޖެއްކަން ވެސް އެނގުނީ ހައިރާންކުރުވަނިވި ކަންތައްތަކެއް ފެނުމަށް ފަހުގަ އެވެ.

ނަބީހުގެ އާއިލާ: ނަބީހް ހާފިޒަކަށްވީ ބުރަ މަސައްކަތުން: ފޮޓޯ: އާއިލާ

"ފިރިމީހާ ދަރިފުޅު ބޭރަށް ނެރެގެން އުޅުނު ދުވަހަކު ވަރުބަލިވެގެން ދަރިފުޅު ބަހައްޓަން އުޅެނިކޮށް ސައިލެންސަރުގައި ފައިޖެހި ވަރަށް ބޮޑުތަން ފިހުނީ، އެކަމަކު ދަރިފުޅު ނުވެއް ރޮއެ، ދެން އަޅުގަނޑުމެން ވެސް ތިބީ ވާނުވާގައި، ކޮންކަހަލަ ކުއްޖެއްބާއޭ ހިތަށް އަރާ، އޭރު ވެސް ތަފާތުކަން ހުރޭ، އެއީ ރުޅި އައީމާ ބިންމަތީގައި ބޯތެޅުމާއި ހަތަރު ކަޅި ހަމަ ނުކުރުމާއި، ދެން އަޅުގަނޑު ޑރ. އަފީފަށް ދެއްކީމާ ވިދާޅުވީ ތިއީ އޯޓިޒަމް ކުއްޖެކޭ،" ނަބީހުގެ މަންމަ އައިމިނަތު ބުންޏެވެ.

އޯޓިޒަމަކީ ސިކުނޑީގެ ނުކުޅެދުންތެރިކަމެކެވެ. އެފަދަ ކުދިންނަށް އެކި އެކި މައްސަލަތައް ކުރިމަތިވާ އިރު ނަބީހުއަކީ ރަނގަޅަށް ވާހަކަ ނުދެއްކޭ ކުއްޖެކެވެ. ނަމަވެސް އޭނާގެ ތޫނުފިލިކަން އާދަޔާ ހިލާފެވެ.

ނަބީހަކީ އެންމެ ކުޑައިރުން ސުރެ ވެސް ގުރުއާނަށް ހާއްސަ ލޯތްބެއް ހުންނަ ކުއްޖެއް ކަން އޭނާ މަންމަގެ ވާހަކަތަކުން އިނގެއެވެ. އޭނާގެ ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ކީރިތި ގުރުއާން ކިޔެވުމާއި އަޑުއެހުމުގަ އެވެ.

"މަގުމަތިން ހިނގާފައި ދާއިރު ފިހާރަ ބިއްލޫރިގަނޑުގައި ފެންނަން ހުންނާނެ ދެއްތޯ ކުރުސި، އެކިއެކި ސޫރަތް، އެފެންންއިރަށް ވަގުތުން ހުއްޓޭނެ ނަބީހް، ހުއްޓި ހުންނާނީ ހަމަ ބަލަން، އަޅުގަނޑު ހުންނަން ގަޑި ދޮޅުގަޑިއިރުވާއިރު ވެސް” ނަބީހުގެ މަންމަ ބުންޏެވެ.

"އަޅުގަނޑުމެން ނަބީހުއަށް ހޯދީ ޑިޖިޓަލް ގުރުއާނެއް، އެހާ ގުރުއާނަށް ޝައުގުވެރިކަން ހުންނާތީ، ދެން ނަބީހް ކުޅޭ އެއްޗަކަށް ވެސް ގެންގުޅޭނީ ޑިޖިޓަލް ގުރުއާން، އޭނަ ދެ އަހަރު ބައިން ސުރެ އަޅުގަނޑުމެން ގެންގުޅެނީ ގުރުއާނުގެ ތެރޭގައި،" ނަބީހުގެ މަންމަ ބުންޏެވެ.

ކިޔަވައިދިނުމަށް ކުރިމަތިވި ގޮންޖެހުންތައް:

ނަބީހު ކުޑައިރުންސުރެ ގުރުއާނަށް ހުންނަ ޝައުގާ އެކު އޭނާއަށް ގުރުއާން ކިޔަވައިދިނުމަށް އާއިލާއިން އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް އޭނާއަކީ އޯޓިޒަމް ހުންނަ ކުއްޖަކަށްވެފައި ހަލަނި ކަމެއް ހުންނާތީ ހުރިހާ ކުލާހަކުން ވެސް ބޭރުކުރި އެވެ.

ނަބީހް މަދަހަ އަލްބަމަކަށް މަދަހަ ކިޔަނީ-- ފޮޓޯ: އާއިލާ

"ގުރުއާން ކުލާހަށާއި ގޭކައިރި މިއިންނަ ސަލާހުއްދީން މިސްކިތު ގުރުއާން ކުލާހަށް ވެސް ދަރިފުޅު ގެންދަން ފެށިން، އެކަމަކު އެތަނަކުން ވެސް ބަލައެއް ނުގަތް، ދަރިފުޅު އަތުގައި ހިފާ ބޭރުކުރީ، ވަރަށް ހިތްދަތި ދުވަހެއް އެވެސް،" މަންމަ އަސަރާއެކު ކިޔައިދިނެވެ.

ހަމަ އެކަނި ގުރުއާން ކުލާހަކުން ނޫނެވެ. ސުކޫލަށް ގެންދިއުމުން ވެސް ފުރަތަމަ ތަޖުރިބާ ކުރަންޖެހުނީ ހަމަ އެކަންތަކެވެ.

"އަޅުގަނޑު ފުރަތަމަ ލީ ޕުރީ ސުކޫލަކަށް އެބޭފުޅުންނަކަށް ވެސް ނޭނގެ މިއީ ކޮންކަހަލަ ކުއްޖެއްކަމެއް، ފުރަތަމަ ލީ ސުކޫލުން ބުނީ މިއީ މަންމަން ކުއްޖެކޭ، ދެން ޖަމާލުއްދީންގައި ގެންގުޅެފައި ވިދާޅުވި މިއީ އަދި އެކަހަލަ ކުއްޖެއް ނޫނޭ، ދެން އަނެއްކާ ވެސް ގެންގޮސްފިން ފުރަތަމަ ގެންދިޔަ ސުކޫލަށް، ގެންދިޔައީމަ ކުޑަ ދުވަސްކޮޅަކު ބަހައްޓާފައި ބުނެފި ގަލޮޅު މަދުރަސާއަށް ގެންދާށޭ، ދެން އަނެއްކާ ވެސް ކުރިންކިޔެވި ސުކޫލަށް ގެނައީ،" މަންމަ ކިޔައިދިނެވެ.

"ގުރޭޑް އެކަކަށް ގެންދިޔައީ އަޅުގަނޑުމެން ގޭ ކައިރި ސުކޫލަށް، އަޅުގަނޑު ވަރަށް އުފާވި، އެސުކޫލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ދެން އަޅުގަނޑު ދިޔައީމަ ވިދާޅުވީ މިކަހަލަ ކުދިން ކިހިނެއްހޭ މިކަހަލަ ސުކޫލުގައި ކިޔަވާނީ، ވަރަށް ދެރަވި އިނގޭތޯ،" މަންމަ ބުންޏެވެ.

އެއަށް ފަހު ނާބީހަށް ކިޔަވައިދެމުން އަންނަނީ އިމާދުއްދީން ސުކޫލުންނެވެ. އެ ސުކޫލުން ނަބީހަށް ބޮޑު އެހީތެރި ކަމެއް ދަނީ ލިބެމުންނެވެ. ކުރިއަށް ދިއުމަށް އެތައް ފުރުސަތެއް ދެ އެވެ.

ނަބީހް ހާފިޒަކަށްވިގޮތް:

ގުރުއާން ކުލާސްތަކުން ފުރުސަތު ނުލިބުމުން ހެޔޮ އެދޭ މީހެއްގެ އެހީތެރިކަމާ އެކު ގެއަށް ޓީޗަރެއް ގެނެސް ގުރުއާން ކިޔަވައިދޭން ފެށި އެވެ. ނަބީހުގެ ޓީޗަރަކީ ގުރުއާން ކިޔަވައިދޭތާ 12 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އަހުމަދު އަލި ދީދީ އެވެ.

ނަބީހުގެ ގުރުއާން ޓީޗަރު ސަން އަށް އިންޓަވިއޫއެއް ދެނީ، ކައިރީގައި ނަބީހު އާއި މަންމަ -- ސަން

"ނަބީހުގެ ގުރުއާން ކިޔަވާ އަޑު ފުރަތަމަ އަޅުގަނޑަށް އިވުނު ދުވަހަކީ ވެސް އަޅުގަނޑުގެ ހިތުގައި ނަބީހާ ދޭތެރޭގައި ހާއްސަ ލޯތްބެއް އުފެދިގެން ދިޔަ ދުވަހެއް. ނަބީހު ހުރި ހާލަތާއި ނަބީހް ގުރުއާނަށް ހުރި ޝައުގު ވެރިކަމަކީ އާދަޔާ ހިލާފް ކަމެއްކަން އަޅުގަނޑަށް ވިސްނުން،" ނަބީހުގެ ޓީޗަރު ބުންޏެވެ.

"ހަތްފާއެއް ފަހުން އަޅުގަނޑަށް ވިސްނިއްޖެ ނަބީހު ގުރުއާނަށް ފަރިތަ މިންވަރުން މިއެއް ނޫނޭ އަޅުގަނޑު މިކަން ކުރިކަން ގެންދަންވި ގޮތެއް، އަޅުގަނޑު ނަބީމް މަންމައަށް ދެއްނެވިން ނަބީހަށް ހިނގާ ބަލާށޭ ގުރުއާން ހިތުދަސް ކުރުމުގެ ކަންކަން ފަށަމާ، ނަބީހް މަންމައަށް ވެސް ގަބޫލް ނުކުރެވުނު، އަޅުގަނޑު ބުނިން ނަބީހް މަންމަ ކައިރި ގުރުއާނަށް މިހާ ފަރިތަ ކުއްޖެއްވީމާ އެކަމޭ އެންމެ ރަނގަޅީ، ކުރެވިދާވޭ ﷲ ހެޔޮ ރަހުމަތްފުޅުން،" އަލިދީދީ ބުންޏެވެ.

ކިތަންމެ ބޭނުންވިޔަސް އެއީ އެއާއިލާއަށް ވެސް ފުރަތަމަ ގަބޫލް ކުރަން ދަތިކަމަކަށްވި އެވެ.

"އަޅުގަނޑުމެން މިގޮތަށް މީނައަށް ހިތުދަސް ކުރެވިދާނެ ކަމަކަށް އަޅުގަނޑުމެން މާބޮޑަކަށް ޔަގީނެއް ނުކުރަން، އޭނަގެ ކަންކަން އަމަލުތައް ހުންނަގޮތުން،" ނަބީހުގެ ބައްޕަ ބުންޏެވެ.

ނަބީހަށް ގުރުއާން ހިތުދަސްކޮށްދިނުމުގެ މަސައްކަތް ފެށީ ނަބީހުގެ ހާލަތަށް ބަލައި އެކަން އޭނާއަށް ވިސްނައި ދީގެންނެވެ. އެކަމަށް ނަބީހުގެ ބޮޑު ޝައުގުވެރިކަމެއް ލިބިގެންދިޔަ އެވެ.

"ނަބީހަށް އަންގައި ދިނީ ނަބީހުއޭ ނުބަލައޭ ކިޔާނީ ދެން އެއްގޮތަކަށް ވެސް ބަލައިގެން ކިޔާކަށް ނަބީހް ބޭނުމެއް ނުވި، ދެން ނުބަލާ ކިޔަނީ، ދެން ދަސް ކުރަން ބޭނުންވާ ތަނެއް މިސޮފްހާގެ މިވެނި ތަނަކުން މިވެނި ތަނެކޭ މިދަސް ކުރަނީ މި މިންވަރަށް ކިޔަންވާނޭ ބުނީމާ އެ މިންވަރަށް ކިޔާނެ، ﷲ ހެޔޮ ރަހުމަތް ފުޅުން އެ ރޫހާއި އެޝައުގުވެރިކަން ހުރޭ،" ނަބީހުގެ ޓީޗަރު ބުންޏެވެ.

"ނަބީހް ލައްވައި ތިން ހަތަރު ފަހަރު ކިޔުއްވާފައި ދެން ނުބަލާ ކިޔާށޭ ބުނީމަ މާޝާ ﷲ ވަރަށް ފަރިތަކޮށް ކިޔާލާނެ، ދެން އޭގެ ހަފްތާއެއް ފަހުން ވެސް މިވެނިތަނެއްގެ މިވެނި އާޔަތުން ފަށާ ބަލާށޭ ބުނާއިރަށް ހަމަ އެއާޔަތް ކިޔާނެ،" ނަބީހުގެ ޓީޗަރު ބުންޏެވެ.

ތޫނު ފިލިކަމުގައި ކިތަންމެހާ ވެސް ކުޅަދާނަ އެވެ. ނަމަވެސް ނަބީހުގެ ބަލި ހާލަތު ހުރިގޮތުން އެކަން ކުރުން ފަސޭހަ ކަމަކަށްނުވި އެވެ. އެކަން އޭނާއަށް ކާމިޔާބްވީ އެފަދަ އެހެން ދަރިން ވެސް ތިބި ނަބީހުގެ ބައްޕަ އާއި މަންމަގެ ބުރަ މަސައްކަތުންނެވެ.

"ނަބީހް ގޮވައިގެން ހިނގަން ހަތިމު ހިފައިގެން، ނަބީހް އޮށޯތީމަ ގޮސް އޮށޯވެގެން ދަށްކަނީ، އަޅުގަނޑު ފަސް ފަހަރު ކަވަރު ކުރަން ކޮންމެ ދުވަހަކު، އެކަހަލަ ގަޑީގައި ކަންކަށި މަތީގައި ވެސް ޖަހާނެ ނަބީހު ވެސް ވަރުބަލިވީމަ، ހަމަ ކޮށްޕާ ވެސް ލާނެ، ވަރަށް އަނިޔާ ލިބިފައި، އަޅުގަނޑު ކަނދުރާ ވެސް މިހިރީ ސިވިއަ ސުޓޭޖްގަ،" މަންމަ ބުންޏެވެ.

"ކޮންމެ ކަމެއް ނަބީހް ލައްވައި ކުރުވިޔަސް ވަރަށް ބޮޑަށް ބޭނުންވޭ އޭނަގެ ރުހުން، އޭނަ ނުރުހި ހުއްޓާ އޭނަގެ ރުހުމާއި ދެކޮޅަށް އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއް، އޭނާ ބުނިވަރަކަށް ގޮވައިގެން ބޭރުތެރޭގައި އުޅެން އަޅުގަނޑު، އޭނާ ގޮވައިގެން އުޅެން ވެސް އުނދަގޫ ސައިކަލާއި އެއްގޮތަށް މޫވްކުރަން ނަބީހަށް ނޭނގޭތީ،" ބައްޕަ ބުންޏެވެ.

ނަބީހް އޭނާގެ ބައްޕައާއެކު-- ފޮޓޯ: އާއިލާ

ނަބީހް އެ ހިސާބަށް އާދެވުނީ އެދެމަފިރިންގެ މިންނެތް މަސައްކަތުންނެވެ. އަވައްޓެރިން އެކަމަށް ހެކިވެއެވެ.

"އޭނާއަކީ ސިކުނޑީގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށްވާތީ ރުޅި އައިސްފި ނަމަ މައިތިރިކުރަން ވަރަަށް އުނދަގޫވާނެ، އެފަދަ އެހެން ކުދިންތަކެއް ގޮވައިގެން ކުރު މުއްދަތެއްގައި އެކަންކުރީ ވަރަށް ހާލުގައި،" ނަބީހުގެ އަވައްޓެރިއަކު ބުންޏެވެ.

ނަބީހު ފަދަ ކުއްޖެއް އެހާ ކުރު މުއްދަތެއްގައި ހޯދި އެކާމިޔާބީއަކީ އިސްލާމީ މި ގައުމަށް ވެސް ލިބުނު ރީތި ނަމެކެވެ. މިއީ ދީނީ އިލްމުވެރިން ވެސް ހައިރާން ކުރުވި ކަމެކެވެ.

"ﷲ އިލްމު ދެއްވި ބޭފުޅުންގެ ހިތްތަކުގައި މި އިލްމު ލަށްވާފައިވޭ، ގުރުއާން ހިތުދަސް ކުރުމަކީ ﷲގެ ރަހުމަތާއި ނިއުމަތުގެ ތެރެއިން ވާކަމެއް، ތިން މަސް ތެރޭގައި ކުއްޖަކު ގުރުއާން ހިތުދަސްކުރީ އަދި އެ ކުއްޖަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ކުއްޖެއް، އަޅުގަނޑު ދައްނަވާނީ މިއީ ވަރަށް އާދަޔާ ހިލާފް ނިއުމަތެކޭ، އެއީ މުއުޖިޒާތުގެ ތެރެއިން ވާކަމެއް،" ޑރ. މުހައްމަދު ޝަހީމް ވިދާޅުވި އެވެ.

އެކަން އަގުވަޒަން ކުރުމުގެ ގޮތުން ގުރުއާންގެ ސަނަދު ނަބީހަށް ހޯދައިދިނުމަށް އިސްލާމިކް ޔުނިވާސިޓިން ވަނީ ނިންމާފަ އެވެ.

ޑރ. ޝަހީމް ސަން އަށް އިންޓަވިއު ދެއްވަނީ-- ސަން

"ސަނަދަނީ އަދި ހާއްސަ އިލްމެއް، ސަނަދު އޮންނަ މީހަކު ކިޔައިދިނީމަ އެ ރިވާއަތް ކީރިތި ރަސޫލާއާ ހަމައަށްގޮސް ޖިބްރީލްއަލައިހިއްސަލާމުން ﷲގެ ހަޒުރަތާ ހަމައަށްދާނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ކީރިތ ގުރުއާނަކީ އޭގެ ޒާތުގައި ވެސް ޝިފާއަކަށްވާއިރު ނަބީހުގެ ހާލަތަށް ބަލައި ގުރުއާން އިލްމުން ކުރިއަށް ގެންދިއުމަށް ހާއްސަ ކުލާސްތަަކުގައި ބައިވެރިކުރަން ވެސް ނިންމައޮފަ އެވެ.

ބޮޑެތި އުންމީދު:

ނަބީހުގެ މަންމަ އާއި ބައްޕަގެ ވަރުބަލިވުމެއް ނެެތެވެ. ދަރިފުޅާ ދޭތެރޭ ކުރާ އުންމީދުތައް އަދިވެސް ވަރަށް ބޮޑެވެ.

"އަޅުގަނޑު ދެން ބޭނުންވަނީ ދަރިފުޅު ގުރުއާން ސަނަދުން ގުޅޭ ހިސާބަށް ގެންދަން، ދެން ވެސް އަރަބި ބަސް ކިޔަވައިދީ ދުނިޔޭގައި ނަން ވިދާލާ ކުއްޖަކަށް ހަދަން، ބައިނަލް އަގުވާމީ މުބާރާތުގައި ވެސް ބައިވެރިކުރަން ބޭނުން،" މަންމަ ބުންޏެވެ.

"އަޅުގަނޑުމެން ދެމަފިރިންގެ ހަޔާތުން ތަންދިންވަރަކުން ހަމަ ކުރިއަށް ގެންދެވޭތޯ މީހަކަށް ހެދޭތޯ މުޖުތަމައު ބަލައިގަންނަވަރުގެ ކުއްޖަކަށް ހެދޭތޯ އޭނާއަށް އަޅުގަނޑުމެން ނެތް ދުވަހެއް ދެއްކެވިޔަސް އޭނާއަށް ވަޒީފާއަށް ގޮސް އާމްދަނީ ލިބޭނެ ގޮތެއް ހެދޭތޯ ކުރެވުނު ހުރިހާ ކަމެއް ކުރާނަން." ބައްޕަ ބުންޏެވެ.

ނަބީހުގެ އުންމީދަކީ އޭނާ އިމާމަކަށް ވުމެވެ. މިއީ ހަމަ މުޅިން ވެސް އިބުރަތްތެރި ވާހަކަތަކެވެ. އެކާމިޔާބީގެ ފަހަތުގައި އެތައް ބުރަމަސައްކަތެއްވެ އެވެ. މަންމަ އާއި ބައްޕަގެ ހިތްވަރެވެ. ފަސް ނުޖެހުމުގެ ނަތީޖާއެވެ.

comment ކޮމެންޓް