ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ދާގީނާ ބަލައިގަތުމުގެ ހަރުކަށި އާ އުސޫލުތަކެއް ކަނޑައަޅައިފި

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ބެގެޖަށް ދޫކުރާ ދަބަސް މާބޮޑު ވެގެން ނުވާނެ ކަމަށް އާގަވާއިދުތަކުގައިވޭ --

ދުބާއީ (މާޗް 4): ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ދާގީނާ ބަލައިގަތުމުގެ ހަރުކަށި އާ އުސޫލުތަކެއް ކަނޑައަޅައިފި ކަމަށް އެ އެއާޕޯޓުން ބުނެފި އެވެ.

ދުބާއީ އިންޓަނޭޝަނަލްގެ ޓާމިނަލް އޮޕަރޭޝަންސްގެ ވައިސް ޕްރެޒިޑެންޓް އަލީ އަންގިޒާ ވިދާޅުވި ގޮތުގައި އަންނަ ބުދަ ދުވަހުން ފެށިގެން ދާގީނާ ބަލައިގަތުމުގައި އަމަލު ކުރާނެ ގަވާއިދުތަކުގެ ތެރޭގައި އެއީ ވަށްކޮށް ހުންނަ ދަބަހަށް ނުވުމާއި، މާބޮޑު ދަބަހަކަށް ނުވުމާއި، ތަފާތު ބައްޓަންތަކަށް ހުންނަ ދަބަހަށް ނުވުން ހިމެނެ އެވެ. އަދި އެގަވާއިދުތަކަށް ނުފެތޭ ދަބަސްތަކަށް ވަކި ފީއެއް ދެއްކުމުން އެދަބަސް ފޮއްޓަކަށްލާ ބަންދު ކުރުމުގެ ފުރުސަތު ދޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި އެގަވާއިދުތައް ތައާރަފްކޮށްފައި ވަނީ އެކި ބާވަތްތަކުގެ ދަބަހުން ނުވަތަ މާބޮޑު ދަބަހުގެ ސަބަބުން ބޯޓަށް ދަބަސް އެރުވުން ލަސްވެ، ބައެއް ފަހަރު ހުއްޓުމަކަށް އައުން ފަދަ މައްސަލަތައް ކުރިމަތިވާތީ އެވެ.

ދިގުމިނުގައި 140 ކިލޯމީޓަރު ހުންނަ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ބެގެޖް ހޭންޑްލިން ސިސްޓަމަކީ ދުނިޔޭގެ އެންމެ ބޮޑު އެފަދަ ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ ސިސްޓަމެކެވެ.

comment ކޮމެންޓް