ކައިވެނިކުރެވުނު ރޭގައި ރަފައެލްގެ ކުރިމައްޗަށް ޒޭބް ގެނައުމުން ދެމީހުންނަށް ފުރަތަމަ ފަހަރަށް އެކަކު އަނެކަކުގެ ސޫރަ ފެނުނެވެ. ޒޭބްގެ ހިތް ވަގުތުން ފިދާވިނަމަވެސް އޭނަގެ މޫނަށް ވެރިވީ ލަދުވެތިކަމުގެ ރަތްކުލައެވެ. ރަފައެލް ގަދަކަމުން ހީލާފައި ޒޭބްގެ އަތުގައި އަނގޮޓިއެޅުވިއެވެ. ރީތިކަމާއި މައުސޫމްކަމުގެ މިސާލަކަށްވިޔަސް އޭނައަކަށް ޒޭބްއަކާއި ގަޔާވެވޭގޮތެއް ނުވިއެވެ. ނަމަވެސް މިހާރު ވާންއުޅޭ އަންހެނުންނެވެ. ގަދަކަމުންވެސް އޭނަ ޖެހޭނީ ވާހަކަދައްކާށެވެ. ހޭށެވެ. ހިތާހިތުން އޭނަ ކަރުނަ އޮއްސާކަމެއް އަމީރާއަކަށްވެސް ނޭގޭނެއެވެ.

ކައިވެންޏަށްޓަކާ މުޅި ގޮނޑުދޮށް އުއްބައްތިތަކުން ދިއްލާލާފައިވާއިރު އެމަންޒަރު ރީތިކަމުން ހުވަފެނީގޮތަކަށް ދައްކައެވެ. އުޑުގައި ވިދާބަބުޅަމުންދިޔަ އެތައް ސަތޭކަ ތަރިތަކާ އެ އުއްބައްތިތައް ވާދަކުރަން އުޅުނަސް އެކަމެއްނުވެއެވެ. އެންމެ ފާހަގަކުރެވޭ އެއްތަނަކީ ހަފްލާއަށްޓަކާ ހަދާފައިވާ ކުޑަ ފާލަންކޮޅެވެ. ކަކޫތާފެނާއި ހަމަޔަށް އެތަން ހަދާފައިހުރިއިރު ލެންޓަންތަކާއި މާމެލާމެލިން އެތަންއޮތީ ދިއްލާއަޅާފައެވެ. ހަފްލާއަށް އަންނަމުންދާ މެހުމާނުންނާއި ސަލާމްކުރަން ރަފައެލްއާއި ޒޭބް ނަލަހެދިލައިގެން ތިބިއިރު އެންމެންގެ ހިތްތަކުގައިވަނީ ތައުރީފެވެ. ޒޭބްގެ މޫނުމަތިން ފެންނަ ލަދުރަކިކަން ޕާކިސްތާންފަދަ އިރުމަތީ އަލަތު އަންބެކޭ ތަފާތެއްނެތެވެ. އެހާ ލަދުރަކި އަންބެއް އަމީރާ ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. ރަފައެލްއާއި ހާދަ ގުޅެއޭ ހިތަށް އެރިއެވެ. އެކަނި ހުރެ އުމުރުން އެހިސާބަށް ދިޔުމަކީ އަދި މީހަކު އެހާ ހާސްވާންވީ ކަމެއްނޫނެވެ. އެންމެ ރަގަޅު އެކަށީގެންވާ ބައިވެރިޔާ އަންނަންދެން އިންތިޒާރުކުރާނީ ނަސީބުވެރިންނެވެ. ތާރަޖަހާފައި ނަށަން ތިބިބަޔެއްގެ ތެރޭގައި ނުފެންނަ އެތައް ހިޔަނިތަކެއް ވާތަން ފެންނަނީ ލޫސިއާންމެންފަދަ ރޫހާނީ މީހުންނަށެވެ. އަދި ރަފައެލްއާއި އަމީރާފަދަ ޖިންނި ދުނިޔެއާއި ގުޅުން ހުރި ފަރާތްތަކަށެވެ. އެތާތެރޭގައި އެފަދަ އެތައް ޖިންނިންނެއް އެކިކަންތައްތަކުގައި ހަރަކާތްތެރިވާތަން އަމީރާއަށް ފެނުނެވެ.

މައިކަލްއާއި ރަފައެލް ވާހަކަ ދައްކަން އެކަނިވެލި ވަގުތެއް ބަލާފައި އަމީރާ ރަފައެލް ކައިރިން މާފަށް އެދުނެވެ. ރަފައެލްއޭ ކިޔައިގެން މައިކަލްއާއި ލޫސިއާން ކައިރީ ދެއްކުނު ވާހަކައިގެ ސަބަބުން ލަދުވެތިވާކަމަށް ބުނެލީ ދެރަވެފައިހުރެއެވެ. ރަފައެލްފަދަ މާތް އިންސާނަކަށް އެންމެފަހުން ނަސީބު މިންވަރުކުރެއްވި ކަމަށްޓަކާ ވަރަށް އުފާވެ މިރޭގެ އުފަލުގައި ބައިވެރިވާކަމުގައި ބުންޏެވެ. ޒޭބްއާއި ރަފައެލްހާ ގުޅޭ ޖޯޑެއް ދުވަހަކުވެސް ނުދެކޭ ކަމަށާއި އަބަދަށްޓަކާ އުފަލާއި ނަސީބުލެއްވުން އެދޭ ވާހަކަ ބުނެލީ ހިނިތުންވެފައެވެ. ރަފައެލް ކިތަންމެ ހަމަޖެހެން މަސައްކަތްކުރިކަމުގައިވިޔަސް އެދެލޮލުން އަމީރާއާއި ދިމާލަށް ބަލާކަށް ފަސޭހައެއްނުވިއެވެ. މައިކަލް ކުރިމަތީގައި ހިތް ބޭޒާރުވެދާނެތީއެވެ. އަމީރާއަށްޓަކާ ވާ ލޯބި ހަމަ އެގޮތުގައިވާކަން އެނގިދާނެތީއެވެ. އޭނަގެ ނަސީބަކީ އަމީރާކަމުގައި އޭނަ ބުނާނީވެސް ކިހިނެއްހެއްޔެވެ؟

"ތޭންކްގޯޑް އެމީއަށްވެސް އަހަރެން އުފާވެފައި ހުރިވަރު އެނގުނީތީ. ދުނިޔޭގައި ހުރި އެންމެ ނަސީބުރަގަޅު އިންސާނާގެ ގޮތުގައި ދޯ މިފެނުނީ. ތޭންކްސް..." ރަފައެލް ހިތަށްވެސް އޮޅުވާލަންވެގެން ހިތާމަވެރިކަމުން ފުރިފައިވާގޮތަކަށް ހިނިތުންވެލިއެވެ. ފަޅިސިކުންތުކޮޅަކަށް އަމީރާއާއި ހަތަރުކަޅި ހަމަކޮށްލެވުނު ވަގުތު އެދެލޮލުގައިވި ވޭނާއި ނުބުނެ ހުރި އެތައް ހާސްވާހަކަތަކެއް ފޮރުވިފައިވިއެވެ. މައިކަލްއަށް ކޮންމެވެސް އެއްޗެއް ވިސްނުނެވެ. ރަފައެލްގެ ހިތުގެ ވިންދުގައިވަނީ އަމީރާގެ ނަމެވެ. ނަމަވެސް ކޮންމެވެސް ހިސާބަކުން ރަފައެލްއަށް އަދި ޒޭބްދެކެ ލޯބިވެވޭނެއެވެ. އިންސާނާގެ ހިތް ބަދަލުވާކަށް ސިކުންތުކޮޅެއްވެސް ނުނަގާނެއެވެ. ޚުދު އޭނަވެސް މި މަސައްކަތްކުރަނީ ހިތުން ހެނާގެ ހަނދާންތައް ފިލުވައިލުމަށެވެ. އެކުއްޖާގެ ހިތް ޒޯހަންއަށް ދެވިފައިވާކަން ޔަގީންވާއިރު އެދޭތެރެއަށް ވަނުމަކީ މޮޔަކަމެކެވެ. ސިހުރަކުން ކުރާނެ ފައިދާއެއް ނެތަސް އޭނަގެ ވަފާތެރި ޖިންނި ޚާދިމުން އޭނައަށްޓަކާ ހެނާވެސް ގެނެސްދީފާނެއެވެ. ނަމަވެސް ޒޯހަންފަދަ އެކުވެރިޔަކު ދުވަހަކުވެސް ނުލިބޭނެއެވެ. ޒޯހަންއަށްޓަކާ އޭނަ މިހިރީ ހެނާ ދޫކޮށްލަން ނިންމައިގެންނެވެ.

ކައިވެނީގެ އުފަލުގައި ހަވާ އަރުވަންފެށުމުން އެންމެން ފޯރިހިފިއެވެ. އުޑުމަތީގައި އެކިކުލައިގެ އަލިފާން ފައްވާރާތައް ޗޫސްއަޑު ގޮއްވަމުން އެކި ދިމަދިމާލަށް ފައިބާހެން ހީވިއެވެ. ބަލާބަލާ ފޫހިނުވާ ފަދަ ހުވަފެނީ މަންޒަރެކެވެ. ބައެއްދިމަދިމާލުން އުދުހޭތަރިތަކާއި އަލިފާން ގުޅަތައް ގިނަވުމުން ބައެއްމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަނަސް އެއީވެސް ކުޅިވަރުގެ ބަޔެއްކަމަށް ހީކުރެވުނެވެ. ހަގީގަތް އެނގުނީ މަދު ބަޔަކަށެވެ. ހެނާވެސް ހުރީ ފިނިވެފައެވެ. އެއީ ޖިންނި ކުޅިވަރުކަމަށް އެލްސާ ވައި އަޑަކުން ބުނުމުން ކަދުރާގެ ލޯލިތައް ކޮޅަށް ޖެހުމާއިއެކު އެލްސާގެ އަތުގައި އެގަޑުފެންކޮޅެއްފަދަ އަތްތިލައިން ހިފެހެއްޓިގޮތަށް ދޫކޮށެއްވެސް ނުލިއެވެ.

"ހެނާ. ބައްޕަގެ ޚާދިމުން އެއީ. މިފެމިލީއަށް އެއްވެސް ގެއްލުމެއްނުދޭނެ. އެތައް ހާސް ޖިންނިންނެއް މިތަނުގައި އެބަ ހަރަކާތްތެރިވޭ....ރިލެކްސް.." އެލްސާ ހެނާގެ ހިތްހަމަޖައްސާލަދިނެވެ. އެލްސާއާއި ހެނާ ކިތަންމެ ގާތް އެކުވެރިންނަށްވިޔަސް އޭނަވެސް ހެނާއާއި އެ އާއިލާއަށް ފޮރުވާ އެހެން ސިއްރެއްވެއެވެ. ޖާދިންގެ ހަގީގަތެވެ. އެއާއިލާއަށް އެނގިފައިވަނީ އަމީރާގެ ދަރިފުޅަކީ ހަމައެކަނި ޖުއާންކަމެވެ. އެއްމާބަނޑު ދެބެން ލިބުނު ވާހަކަ އެންމެންވެސް ސިއްރުކުރީ ޖާދިންގެ ސަބަބުން ފަހަރެއްގައި ހެނާމެންގެ ހިތަށް ބިރުވެރިކަން ވަދެފާނެ ކަމަށްޓަކައެވެ. ސަކީނާގެ އިތުރުން މިރޭ މާމަ ދަރި ނަވާ ވަރަށް ނަލަހެދިލައިގެން އެތާތިބި ޒުވާނުންގެ ސަމާލުކަން ހޯދުމުގައި ފަރިވަމުން ތުއިވަމުން އުޅޭތަން ފެނުމުން އަމީރާގެ ސިކުނޑިވެސް ވަނީ ސުވާލުމާކެއްގެ ތެރޭގައެވެ. ދަންޖެހިފައި ހުރީ ދެން ކޮން އަންހެންކުއްޖެއްބާވައެވެ.

ތަފާތު ވައްތަރުގެ ބުއިމާއި ކެއުމުގައި އެންމެން މަޝްޣޫލުވެގެން އުޅުނުއިރު ޒޯހަން ހުރީ އެކުވެރިއަކާއި ވާހަކަދައްކާށެވެ. އަތުގައި ނޫކުލައިގެ ސަރުބަތުތަށްޓެއް ހުއްޓެވެ. ނަމަވެސް އިރުއިރުކޮޅާ އޭނަގެ ނަޒަރު ހެނާމެންގެ މައްޗަށްވެސް ހުއްޓެއެވެ. ރޮޒާލިއާއާއި އާޒް އާއި އެލްސާއާއިއެކު ހެނާ އުޅުނުއިރު އަމީރާވެސް ދޭތެރެއަކުން އެއާއިލާމީހުން ތިބިތަނަށްގޮސް ވާހަކަދައްކާލަން އިނދެއެވެ. ހެނާ ފެނުމުން ޒޯހަންހުރީ ފިނިވާގޮތްވެފައެވެ. ޒޯހަންގެ ހަރަކާތްތަކަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު މައިކަލް މިސްރާބުޖެހީ އެ ދިމާލަށެވެ. އެދޭތެރޭގައި އޮތް ފިނި ހަގުރާމަ ނިންމާލާފައި އާ ފެށުމަކުން ފަށަން މައިކަލްގެ ޟަމީރު ގޮވައިލިއެވެ. މިޗް އަލްބޮމް ބުނެފައިވާގޮތުން ރުޅިވެރިކަން ހިތުގައި އިންދައިގެން ހުރުމަކީ ހަށިގަނޑުގައި އުފެދޭ ވިހައެއްފަދަ އެއްޗެކެވެ. އެތެރެއެތެރެއިން މީހާ ކާލާ އެމީހަކު ހަލާކުކޮށްލަފާނެއެވެ. ތިމާއަށް އަނިޔާދޭމީހާއަށް ހަމަލާދޭ ހަތިޔާރެއްކަމުގައި ނަފްރަތު ވާކަމުގައި އަހަރެމެން ހީކުރަމުއެވެ. އެކަމަކު ނަފްރަތަކީ ލެނބިފައިވާ ތިލައެއްފަދަ އެއްޗެކެވެ. އަނިޔާދެވޭނީވެސް އަމިއްލަ ނަފުސަށެވެ. ގެއްލުން ދިރިއުޅުމަކީ ކުރު އެއްޗަކަށްވާ ހިދު މާފުދިނުމުން އެމީހެއްގެ އަމިއްލަ ނަފުސަށް ލިބޭ ހިތްހަމަޖެހުންވެސް ބޮޑުވާނެއެވެ. ޒޯހަންވެސް މައިކަލްއަށް ހިތުގެ ފުންމިނުން މާފުދީފައި ބައްދައިލީ ލުއި ހިނިތުންވުމަކާއި އެކުގައެވެ. މައިކަލް އެވަގުތު ޒޯހަންގެ ކައިރިން އެދުނީ ހެނާއާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ފެށުމަށެވެ. އޭނަގެ ހުރިހާ ހެޔޮ ދުޢާތައް އަބަދުވެސް ޒޯހަންމެންނާއިއެކު ވާނެކަމުގެ ޔަގީންކަން ދިނެވެ.

މިހުރީޒް ދުރުދުރުގައި ފިޔަވަޅުއަޅަމުންގޮސް ސްޓޭޖްގެ މަތީގައި ހުއްޓިލުމުން އެތައް ބަޔެއްގެ ނަޒަރު އޭނައަށް ހުއްޓުނެވެ. މައިކުގައި ހިފާފައި އެންގީ އެންމެން އޭނަގެ ވާހަކަތައް ކަނުލާ އެހުމަށެވެ. އެންމެނާއި ހިއްސާކުރަން ޖެހޭ ބޮޑު ސިއްރެއް އޮތްކަމުގައެވެ. އެ ހައިބަތުހުރި ބަރު އަޑު އަހާފައި މުޅިތަނަށް ވެރިވީ ކަށްވަޅުފަދަ ހިމޭންކަމެކެވެ. ބެރުތައްވެސް ހުއްޓުނެވެ. ގަސްގަހުގެ ފަތެއްވެސް ހިރިނުލައެވެ. ދޮންވެލިގަނޑުމަތީގައި ދުވަމުން ދިޔަ ކަކުނިތަކަށްވެސް މަޑުޖެހުމެއް އައެވެ. އަދި ރާޅުތައްވެސް ހިމޭންވެލިކަހަލައެވެ. އެތަނަށް ހާޟިރުވެ ތިބި ރަށުގެ އެތައް ރައްޔިތުންނެއްގެ އިތުރުން ލޯތަކަށް ނިވާވެގެން ތިބި އެތައް ލައްކަ ޖިންނިންވެސް ތިބީ މި ހައިބަތުހުރި މީހާގެ ވާހަކަ އަހަން ކެތްމަދުވެފައެވެ. އޭނަގެ ޖާދޫގައި ޖެހިފައިވާ ފަދައިންނެވެ. ރަފައެލް ލޫސިއާން ފަދަ ޒުވާނުންވެސް ބައްޕައަށް ސަމާލުކަންދިނީ ހައިރާންކަމާއިއެކު އެކަކު އަނެކަކަށް ބަލައިލަމުންނެވެ. މައިކަލް އޭރު ހުރީ ފާލަމުގެ އެންމެ ކޮޅުގައި ރެއިލިންގައި އަތް އަޅުވާލައިގެންނެވެ.

"މިހާތަނަށް މިކަން ސިއްރުވެފައި އޮތަސް މިރަށުގެ ގަދަރުހުރި އެންމެ ވަރުގަދަ އެއް ޒުވާން ޝަޚުސިއްޔަތެއްގެ ހަގީގަތް އެންމެނަށް އެންގުމުގެ ވަގުތު މިއޮތީ ޖެހިފައި. މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ ނާޒިމް އަލީ އިއްޒުއްދީންގެ ވިޔަފާރި ފުޅާވެ ރިޒޯޓްތަކާއި އެތައް ކުންފުންޏެއް ހިންގަމުން އައިސްފައިވޭ. އެތަނުގެ ވާރިސަކަށް މިވީހާތަނަށް ހުރީ ނާޒިމްގެ ދަރިފުޅު ޑޮކްޓަރ ރަފައެލް. އޭނަގެ ދަށުން އެނޫހުގެ އިސްވެރިޔަކަށް ހުރި މައިކަލްއަކަށް އޭނަގެ މައިންބަފައިންނަކީ ކޮންބަޔެއްކަން އޭރަކު ނޭގޭ. އެކަންވަނީ ކޮންމެވެސް ކަހަލަ ސިހުރަކުން ނޫނީ ރޫހާނީ ބާރަކުން ފޮރުވިފައި. މައިކަލްގެ ހަގީގީ މަންމަ ވިހެއީ އެއްމާބަނޑު ދެބެން. އެދެކުދިން ވިހެއުމުގެ ތެރޭގައި މަންމައަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެތައް ގެއްލުމެއްލިބި ދެކުދިން ބެލޭނެގޮތެއް ނެތުމުން އެއްކުއްޖަކު އެހެން އަންހެނަކާއި ހަވާލުކުރަން މަޖުބޫރުވި. ދުވަސްކޮޅަކުން އަނބުރާ ގެންދާގޮތަށް. ނަމަވެސް މަންމަގެ ބަލި ހާލަތުހުރިގޮތުން އެންމެ ކުއްޖެއްވެސް ގެންގުޅެވޭނެވަރެއްނުވޭ. ކައިރީގައި ތިބިކުދިންނަށްވެސް ލޯތްބެއް ނުދެވޭ. އެހެންވެ ސިއްރުކުރުން ނޫންގޮތެއްނެތް. އެހެން ފަރާތެއްގެ ހަވާލުގައި ހުއްޓަސް މައިކަލްއަށް ބޭނުންވާހާ ހުރިހާކަމެއް ފުރިހަމަކޮށްދީ އެކުއްޖާގެ ބައްޕަގެ އޮފީހުގައި މަސައްކަތްކުރުމުގެ ފުރުސަތުވެސްއޮތީ ދީފައި. ނަބީލާ. އަހަންނަށް ވަރަށް ބޮޑަށް މާފުކޮށްދެއްޗޭ. ނަބީލާގެ ދަރިފުޅު މައިކަލް ގެންދިޔައީ އަހަރެން. އެއީ ކުރެވުނު ވަރަށް ބޮޑު ކުށެއް. މައިކަލް.. ނަބީލާއަކީ މައިކަލްގެ މަންމަ. ރަފައެލްއަކީ މައިކަލްގެ އެއްމާބަނޑު ބޭބެ. އަދި ލޫސިއާންއާއި އެލްސާއަކީ ކޮއްކޮ. ހުރިހާކުދިންވެސް އެކަކު އަނެކަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މާފުދީ އާ ފެށުމަކުން މިރޭ ފަށާނެކަމުގައި ހީކުރަން. މައިކަލް. މަންމައާއި ބައްދަލުކުރަން އާދޭ....." މިހުރީޒްގެ ލޯ އެއްފަރާތަކަށް ހިންގައިލިއިރު އޭނައަށް ފެނުނީ ބަލައިލަން ބޭނުންވިފަދަ މަންޒަރެއްނޫނެވެ. އިސްޖެހޭގޮތްވިއެވެ.

ކުއްލިއަކަށް އެތައް ކަންތައްތަކެއް އެއްފަހަރާ ހިނގައިގަތެވެ. ކޮންމެވެސް މީހަކު އެރުވި ހަވާއެއް ސީދާ އެފާލަން މައްޗަށް އަމާޒުވިއިރު އެދިމާލަށް ހޮނުއެޅިހެންވެސް ހީވިއެވެ. އެތާގައި ހުޅުގަނޑު ރޯވެގަތްއިރު އަރައިގެން ދިޔަ އަލިގަނޑުން ދެލޯ ތަރަތަރަޖަހާވަރުވިއެވެ. ފާލަންމަތީގައި ތިބިމީހުން ބިރުވެރިކަމާއިއެކު ރޮއިގަންނަމުން ސަލާމަތްވާން މޫދަށް ފުންމާލިއިރު އެއްބަޔަކު ދުއްވައިގަތީ އެއްގަމާއި ދިމާށެވެ. މިހުރީޒް ބަލަބަލާހުއްޓާ އޭނަގެ ލޯމަތިން މައިކަލް ގެއްލުމުން މައިކަލްގެ ނަމުން އަޑުހަރުކޮށް ގޮވިއެވެ. ނަބީލާއާއި އެހެން މީހުންނަށްވެސް ބާރުބާރަށް ހަޅޭއްލަވައިގަނެވުނެވެ. ބައެއްމީހުން ހުއްޓުން އަރާފައި ތިބިއިރު އެއްބަޔަކު ދުއްވައިގަތީ އަނދާފައިވާ ފާލަމާއި ދިމާލަށެވެ. ފާލަން މަތީގައި ތިބި ބައެއްމީހުން މޫދަށް އެޅިފައިވާއިރު ފާލަންގަނޑު އޮތީ ރޫޅިގެން ފައިބާފައެވެ. އެހިނގީ ކޮންފަދަ ބޮޑު ހާދިސާއެއްހެއްޔެވެ؟ އެކަން ފަހުމްވީ މަދު ބަޔަކަށެވެ. މިހުރީޒް ހުރީ ލިބުނު ނުބައި ލަނޑުގެ ސަބަބުން ޝޮކެއްގައެވެ. އެވީ އޭނަ ހީވެސް ނުކުރާފަދަ ގޮތެކެވެ. މިވީހާދުވަހުވެސް އޭނަވަނީ އޭނަގެ ދުޝްމަނުން ކޮންޓްރޯލްކޮށްފައެވެ. ހުރިހާ ނުރައްކަލަކުން މައިކަލް ސަލާމަތްކޮށްދީފައެވެ. ނަމަވެސް އެންމެ މުހިއްމުވީ ވަގުތުކޮޅު އޭނައަށް މައިކަލްއާއިމެދު އިހުމާލުވެވިއްޖެއެވެ. އެލިބުނީ ދުވަހަކު ފޫނުބެދޭފަދަ ބޮޑު ގެއްލުމެކެވެ. އެހެންމީހުންގެ ކައިރީގައި އެވާހަކަ ބުނެދެވޭކަށްވެސް ދެން ނެތެވެ. ދަރިފުޅުގެ އުފަންވުން ސިއްރުކުރިގޮތަށް މައިކަލްގެ ނިމުންވެސް ފޮރުވަން މަޖުބޫރުވީއެވެ. މިހުރީޒްގެ ހިތް ގެނބިގެންދިޔައެވެ. މިއުފާވެރި ރޭގެ ނިމުން މިއައީ އެތައް ބަޔެއްގެ ހިތް ކުދިކުދިކޮށްލާފައެވެ. ޚާއްސަކޮށް އޭނަގެ ލޯބިވާ ނަބީލާއެވެ. ނަބީލާއަށް މިހިތާމައަށް ކެތްވާނީ ކިހިނެއްހެއްޔެވެ؟ ވީނުވީ ނޭގުނު މީހުން ގިނައެވެ.

"މައިކަލް. މައިކަލް މަންމަގެ ދަރި..........." ނަބީލާ އަޑުކޮޅަށް އޭނަގެ ދަރިފުޅުގެ ނަމުން ގޮވަމުންގޮސް އެދިމާލުން މޫދަށް އެރުނެވެ. އޭރު ނަބީލާއަށް ކޮށްފައިވާ އަސަރު އެދެލޮލުން ފެންނަންހުއްޓެވެ. ފާލަމުން މޫދަށް ވެރިފައިވާ މީހުން ތެދުވެގެން މޫދުން އަރަމުންދާތަން ފެނުމުން ކޮންމެ މީހެއްގެ މޫނަށް ބަލައިލެވެނީ މައިކަލްއަށް ވެދާނެކަމުގައެވެ. ބައެއްމީހުން ފިހިފައިވާތީ ނުތެދުވެވިފާ ތިބިއިރު ފިރިހެންވެރިން އެމީހުން ނެގުމުގައި އަވަދިނެތި އުޅުނުއިރު ރުއިމުގެ އަޑުފަށްގަނޑުން އެހިސާބު އޮތީ ގުގުމާލާފައެވެ. ހަގުރާމައިގެ މައިދާނެއްފަދައިން ޒަޚަމްވެފައިވާ މީހުން އެކިދިމާލަށް އުކިފައިވާއިރު އެމަންޒަރުން ހިތް ފަޅައިގެންދާނެއެވެ. ރަފައެލްއާއި ޒޯހަންވެސް ދުވެފައި އައިސް މީހުންގެ ތެރެއަށް ވަދެގެން މައިކަލް ފެނޭތޯ މަސައްކަތްކުރިއެވެ. ރޮޒާލިއާވެސް ހެނާގެ ގައިގާ ހިފައިގެން އަޑުކޮޅަށް ރޮމުން ދިޔައިރު ހެނާގެ ހިތްވެސް ފެނުން ނަގާފައިވާ ރޯމަހެކޭ ތަފާތެއްނެތެވެ. މައިކަލް ސަލާމަތްކުރެއްވުމަށް އެދި ހެއްދެވި ފަރާތަށް ދުޢާކުރީ އުޑާއި ދިމާލަށް ބަލައިލަމުންނެވެ. ދެލޯ ކަރުނުން ފުރިފައިވާ ހާލުގައެވެ. ކޮންމެފަދަ މާޒީއެއް އޮތަސް މިހާ ބިރުވެރިކަމެއް މައިކަލްއަށް ކުރިމަތިވާކަށް ހެނާ ނޭދެއެވެ. އޭރު ސައިރަންތައް އަޅުވަމުން އައިސްފައިވާ އެމްބިއުލެންސްތައްވެސް އަނިޔާވެފައިވާ މީހުންނަށް އިންތިޒާރުކޮށްގެން މަގުގައި ކިޔޫހަދާފައި ވެއެވެ. އަވަސް ޚިދުމަތްދޭ ފަރާތްތަކުން މީހުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާތަންވެސް ފެނެއެވެ. ފުލުހުންނާއި މީޑިއާތައްވެސް އޮތީ އެތަނަށް އެއްވެފައެވެ.

"ލެން. މައިކްއަށް ގެއްލުމެއްނުވާނެ ދޯ. ސާވެންޓުން އޭނަ ސޭވްކުރާނެދޯ. ކޮންމެވެސް އެއްޗެކޭ ބުނެބަލަ. މައިކް ހުރީ ފާލަމުގެ އެންމެ އެކޮޅުގައި. އެދިމާލުގައި ރޯވީ.........." އެ ހާދިސާ ހިނގިއިރުވެސް ކުރި އަސަރެއްގެ ބޮޑުކަމުން އަމީރާއަށް ރަގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ނަމަވެސް އަމީރާ އޭރު އުއްމީދު ގެއްލުވައެއްނުލައެވެ.

"މައިކަލް...ހީޒް ގޯން. ބޭބީ....." ލޫސިއާންވެސް އަމީރާގެ ގައިގާ ބާރަކަށް ބައްދާލިއިރު އެލޮލުން ކަރުނަތައް އައީ ހިފެހެއްޓުމެއް ނެތިއެވެ. މައިކަލްއާއި ދޭތެރޭގައި މިހުރިހާދުވަހު ކޮންމެ ގޮތަކަށް ދެކުނަސް އެއީ އަމީރާއާއިއެކު އެތައް ދުވަހަކަށް މަސައްކަތްކޮށްފައިވާ އޭނަގެ ބޮސްއެކެވެ. ސަރއެކެވެ. އަދި ފަހުން ބޭބެއެއްގެ ދަރަޖައިގާ ހުރެގާ އަނެއްކާ ހެނާގެ ފިރިޔަކަށްވެސް ވިއެވެ. އާޚިރުގައި މިވީ އެންމެ ލޯބިވާ ލޫސިއާންގެ ބޭބެއަށެވެ. ޅިޔަނަށެވެ. ކުރީދުވަހު އަމީރާގެ ޅިޔަނަކަށް އަބަދުވެސް ވާނެކަމުގައި މައިކަލް ބުނީ އޭނައަށް ހަގީގަތް އެނގިގެން ބާވައެވެ.

ލޫސިއާންވެސް އެހާ ހިތާމަކުރިއެވެ. ދުވަހަކުވެސް މައިކަލްއާއި ދިމާލަށް ބޭބެއޭ ކިޔާލާފައި ގޮވާލާނެ ފުރުސަތެއްވެސް ނުލިބުނެވެ. އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް ނުބޭއްވުނެވެ. އެވީ ކިހިނެއްހެއްޔެވެ؟ މިހުރިހާދުވަހު އެކަން ފޮރުވިފައިއޮތީ ހީވެސްނުކުރާފަދަ ބާރުގަދަ ރަސްކަލުންނާއި މާރިދުންގެ ސަބަބުންނެވެ. އެމީހުން އެންމެފަހުން މިހުރީޒްއަށް އެދިނީ ދުވަހަކު ހިތުން ނުފިލާވަރުގެ ބޮޑު ލަނޑެކެވެ. ޖިންނީންގެ ތެރޭގައިވެސް ހަސަދަވެރިކަމާއި ބާރާއިހެދި ހަނގުރާމަ ކުރުމަކީ އާއްމުކަމެކެވެ. އެކަކު އަނެކަކުގެ ރަސްކަން ނިގުޅައިގަންނަންވެގެން ކުރާ ހަނގުރާމަތައް އާއްމެވެ. އިންސާނުންނެކޭ އެއްފަދައިން ޖިންނީންގެ ލަޝްކަރުތަކުގައިވެސް ހަނގުރާމައާއި ތަޅާފޮޅުން ބޮޑުވެ އެއްބަޔަކު އަނެއްބަޔެއްގެ ފުރާނައިގެ ދަހިވެތިކަމުގައި ތިބެއެވެ. މިހުރީޒްއާއި ޖައްސާލާފައިތިބި މީހުން މަކަރުވެރިވެ ދުރާލާ އެތައް ރޭވުންތަކެއް ރޭވުމަށްފަހު އެއާއިލާ ބަރުބާދުކުރުމުގައި ކާމިޔާބުކޮށްފިއެވެ. ދެންމެ އެހިނގި އަލިފާނުގެ ހާދިސާއަކީ ގުދުރަތީ ކާރިސާއެއްކަމުގައި އިންސާނުންނަށް ފެނުނަސް އެކަމުގައިވަނީ ޖިންނިންގެ އަތެކެވެ. މިހުރީޒް އަދި ލޫސިއަންފަދަ މަދު ބަޔަކަށް އެކަން އެނގުނަސް ކުރެވޭނެ މާބޮޑުކަމެއްނެތެވެ. ފުލުހުން ތަހުގީގުކޮށްފައިވެސް ނިންމާނީ ހަވާ އެރުވުމުގައި ދިމާވި އެކްސިޑެންޓެއްގެ ގޮތުގައެވެ. ރޫހާނީ ކަމަކާއި ގުޅުވަން ހިތަށް އަރާނެ އެއްވެސް ސަބަބެއްނެތެވެ. މިހުރީޒްއަށް ޔަގީންވިއެވެ. މިއީ އަދި ކިރިޔާ ފެށުމެވެ.

ނަބީލާ އުޅޭގޮތުން މިހުރީޒްގެ ހިތްކުދިކުދިވެދާނެހެން ހީވިއެވެ. މިހުރީޒް އަތުގައި ހިފާލުމުން ކަޅިއަޅާލާފައި ފޮޅުވާލިއިރު އެދެލޮލުގައިވި ހުސްކަން މިހުރީޒްއަށް ފެނުނެވެ. މޫދަށްވެއްޓިފައިވާ މީހުންނާއި ފިހިފައިވާމީހުން އަދި މަރުވެފައިވާ މަދުބަޔެއްގެ ހަށިގަނޑު ނަގަން އުޅުނު މީހުންތަކުގެ ތެރޭގައި ނަބީލާ ހުރީ އަވަސްވެލާފައެވެ. އެންމެން ހުއްޓުވަމުން މޫނުގައި ހިފާފައި ބަލައިލަނީ އެތަނުން މައިކަލް ނުފެނިގެންނެވެ.

"މިހުރީޒް. ކޮބާތަ މައިކަލް. ކޮބާ އަހަރެންގެ ދަރިފުޅު. ނުފެނޭ އަދިވެސް. ހޯދަދީބަލަ. އެކުއްޖާ ނުފެންނަނީ ކީއްވެތަ؟ ހެޔޮނުވާނެ. ތިހެން މަޑުން ނުހުރެ މަގޭ ދަރިފުޅު ހޯދަދޭށޭ...." ނަބީލާ ބާރަކަށް ބުނެލުމުން މިހުރީޒް މޫދަށް ފުންމާލައިގެން އަޑިޔަށް ފީނައިގަތެވެ. ނަބީލާ މޮޔައެއްހެން އެކިދިމާލަށް ހޯދަމުންދަނިކޮށް ވިދާ އެއްޗެއް ފެނިފައި ނެގިއިރު މައިކަލްގެ އަތުގައި އަޅާފައި އޮންނަ ގަޑިއެވެ. ކޮންމެވެސް ގޮތަކުން މައިކަލްގެ ހަށިގަނޑާއި ވަކިވެ އެގަޑި ނަބީލާއާއި ހަމަޔަށް ފޯރުމުގައި ކޮންމެވެސް ސަބަބެއްވާނެއެވެ. މީހުންތައް ނަގާ ނިމުނުއިރު އެތަންއޮތީ ދިއްލާ އަޅާލާފައެވެ. ފުލުހުންވެސް އެދިމާލުން މޫދުގައި އަތްފުނާ އެޅީ ގެއްލިފައި ވާ އެއްވެސް މީހެއް ވެދާނެކަމަށް ބަލާފައެވެ. މިހުރީޒް އެދުނީމަވެސް ނަބީލާ މޫދުން އަރަން ދެކޮޅުހެދިއެވެ. މަޑުމަޑުންގޮސް މީހުން ހުސްވަމުންގޮސް ދަންވަރު އެކެއްޖެހިއިރު އެހިސާބު އެއްކޮށް ފަޅުވެއްޖެއެވެ. މައިކަލް ގެއްލިފައިވާކަމުގެ ރިޕޯޓް ލިބިފައިވާތީ ފުލުހުންވެސް ކިތަންމެ ވަރަކަށްވެސް މަސައްކަތްކުރިއެވެ. އޭނަ ދިރިހުއްޓާ ފެންނާނެކަމުގެ އުއްމީވެސް ކަނޑާލައިފިއެވެ.

ކޮޓެޖާއި ދިމާލަށް އެއްގަމަށް އަރައިގެން އައި ނަބީލާގެ ފަހަތުން ކަހަލަގޮތަކަށް މިހުރީޒް އައެވެ.

"ނަބީ....." މިހުރީޒް އަސަރުކޮށްފައިވާ ކަހަލަ ގޮތަކަށް ގޮވާލައިފިއެވެ. ނަބީލާ އެނބުރިފައި ބަލައިލިއިރު ޖަހާފައިވާ ހުޅިން މިނިވަންވެ އިސްތަށިގަނޑު ވިހުރިފައިއޮތެވެ. ދެލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ މާޔޫސީކަމާއި ހުސްކަމެވެ. ހަނަފަސް ސަތަހާއެއްފަދައެވެ. އެދެލޮލުގައިވިހާ ވިދުވަރެއް އެއްކޮށް ފިލައިފިއެވެ. ހިތާމައިގެ ދިރިހުރި މުޖައްސިމާއެކެވެ.

"މިދުނިޔޭގައި ހުރުމުގެ އެއްވެސް މާނައެއްނެތް. އަހަންނަށް އަހަރެންގެ ދަރިފުޅު ގެއްލިއްޖެ. އެދަރިފުޅަށް މަންމާއޭ ކިޔާފައި ގޮވާލާނެ ނަސީބެއްވެސް ނުލިބުނު. ކައިރީގައި އުޅުނުއިރުވެސް ނޭގުނު އެއީ އަހަރެންގެ ހިތުގެ އެތިކޮޅެއްކަމަށް، މިއަށްވުރެ ދުނިޔެ އަނިޔާވެރިވާނެ އެހެން އެއްވެސް ގޮތެއް އޮންނާނެތަ؟ ހުރިހާ އެއްޗެއް ފޭރިގަނެވިއްޖެ. ހިތް ފިސްފިސްވެއްޖެ. މިހާވަރުގެ އަނިޔާއެއް ދިނީ ކީއްވެތަ؟ މިހުރީޒަށް ހުރިހާ އެއްޗެއް އެނގިހުރެ ނުބުނީ ކީއްވެތަ؟ އިންސާނުންނަކީ އުމުރު ކުރުބަޔެއް. ޖިންނިންފަދައިން އެތައް ސަތޭކަ އަހަރެއްވާންދެން އުޅުމުގެ ފުރުސަތެއްނޯވޭ. ވީއިރު މައިކަލް ދުނިޔެއިން ވަކިވާނެ ދުވަހެއް ނޭގޭއިރު އަހަންނަށް އަހަރެންގެ ދަރިފުޅު އޮޅުވާލައިގެން މިހުރިހާ ދުވަސްވަންދެން ހުންނަން ޖެހޭނެ އެއްވެސް ރަގަޅު އުޒުރެއް ބުނެދީފާނަންތަ؟ ނުދެއްކޭނެ. މޮޔަވިޔަސް އެންމެ ރަގަޅު. ނަމަވެސް މިހާރު މޮޔަކުރި މީހާ އެކަންތައް ރަގަޅުކުރިތާ ކޮންދުވަހެއް. މިހުރީޒް. ކީއްވެ؟ ކީއްވެ އަހަރެންގެ ދަރިފުޅު އަބަދަށްޓަކާ ވަކިކުރީ. ދެން ދުވަހަކު މައިކަލް އަހަންނަށް ފެންނާނީއެއްނޫން. އަބަދަށްޓަކާ މިދުނިޔެއިން އެދިޔައީ. އެކުއްޖާގެ ކުށަކީ ކޮބާ؟ މަންމައަކާއި ދަރިއަކު ވަކިކުރުމަކީ ކޮންފަދަ ބޮޑު އަނިޔާއެއްކަން ނޭގުނީ ފިރިހެނަކަށްވީމަތަ؟ "ނަބީލާ ހުރީ ޖެހިބުދެއްފަދައިންނެވެ. ކުރި އެތައް ސުވާލުތަކަކާއި ޝަކުވާތަކަށް މިހުރީޒު ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ އޭނައަކީ ނަބީލާގެ ކުށްވެރިޔާއެވެ.

"މަންމަގެ ބަދުނަސީބު ދަރިފުޅު...މައިކަލް.......ހެޔޮނުވާނެ. އަހަރެންގެ ދަރިފުޅު ގެނެސްދީ......އެންމެ ފަހަރަކުވެސް ވާހަކަދައްކާލަން ބޭނުން. އެން ފަހަރަކުނަމަވެސް. އެނގުނޭ ކިހާ ޚާއްސަކުއްޖެއްކަން. ކައިރީގައި އުޅުނުއިރު އެނގުނު ކޮންމެވެސް ކަހަލަ ގާތްކަމެއް އޮތްކަން. އެކަމަކު އެދަރިފުޅު............." އެންމެފަހުން ނަބީލާގެ ހަށިގަނޑުން ވަރުހުސްވެގެން އަރިއަޅާލި ވަގުތު މިހުރީޒް ނަބީލާ އަތްދަނޑިމައްޗަށް އުފުލައިލަމުން މޭގައި ބޮނޑިކޮށްލައިފިއެވެ. ނަބީލާގެ ޝަކުވާތަކަށް ދޭނެ ޖަވާބެއް އޭނަގެ ނެތެވެ. އޭނައަށް އަލިފާނުންވާ ހިތެއް ލިބިފައިވިނަމަވެސް އިހުސާސްތަކެއް ލައްވާފައިވެއެވެ. ހިތާމައާއި ލޯތްބާއި ކުލުނުވެސް އެހިތުގައިވެއެވެ.

ޖާދިންއާއި ޖުއާން ބައްދާލައިގެން ކަހަލަގޮތަކަށް ނިދާލާފައި ތިބިއިރު ލޫސިއާންމެން ތިބީ ކައުޗްގައެވެ. އޭރުވެސް އަމީރާގެ ދެލޮލުގައިވަނީ ކަރުނައެވެ. އެ ބިރުވެރި އެކްސިޑެންޓަށްފަހު އެމީހުންވެސް ގެއަށް އައީ ވަރަށް ދަންވިފަހުންނެވެ.

ލޫސިއާން އަމީރާ މޭމަތީގައި ބާއްވާލައިގެން އޮތްއިރު ކުޑަދޮރުތައް ހުރީ ހުޅުވާލާފައެވެ. ފަލަކުގައި ރަނިކަންކުރާ ހަނދުގެ އަލިކަން ކޮޓަރިތެރެއަށް ފުރޭނިގެން އައިސް އޭނަގެ މަލިކާގެ މޫނަށް އެޅިފައިވާއިރު އެއޮމާން މޫނު ވިދާބަބުޅައެވެ. ފިނިފެންމަލެއްފަދަ އޮމާން އަދި މަޑު ޖެލީކޮޅެއްފަދަ ތުންފަތުގައި ލޫސިއާން އިނގިލި ބީއްސާލީ ނިކަން ލޯބިންނެވެ. ލޫސިއާންގެ ހިތް ގުރުބާންވާވަރުވިއެވެ. މަޑުމަޑުން ލޯބީގައި ކުލަޖެހެމުން އައިސް މިހާރު ހިތް ފިދާވާވަރުވެއްޖެއެވެ.

"ބޭބީ. އައި ވޯންޓް ޓު ކޮންފެސް. ކުރިކަމެއްވިއްޔާ ފޮރުވާފައި ބާއްވާކަށްނުވާނެ. އެއަށްވުރެ ދިރިއުޅުމާއިމެދު އިތުބާރުކުޑަވެއްޖެ. މިވާހަކަތައް ނުބުނެ ހުއްޓާ ވަކިވެގެން ދާން ނުޖެހޭނެކަމެއްވެސް ނޭގޭ. ބޭބީ ހިތަށް އަރާނެ ހާދަ ވިޔާނުދާ މީހެކޭ...." ލޫސިއާން ކިޔައިދިނީ އޭނަ ކުރި ކަންތައްތަކެވެ. ކުރިން ބުނެފައިވާ ވާހަކަތައްވެސް އަލުން ހަދާންކޮށްލަދިނެވެ. ނަވާ އަމިއްލައަށް ދަންޖެހުނީކަމަށް ހަދަންވެގެން އެތާ އެ ބުދުތައް ބޭއްވީ ލޫސިއަންއެވެ. ދެފަހަރު ބުދުބަދަލުކުރީވެސް އޭނައެވެ. ޒޯހަންގެ އަންހެނުން ކިޔާރާއާއި ކޮއްކި ރައަދު ޒޯހަން ލައްވާ ރޭޕްކުރުވީވެސް އޭނައެވެ. ރަފައެލްގެ ކްލިނިކަށްގޮސް އޭނަގެ ހަށިގަނޑުތެރެއަށް ވަދެ ޒޯހަންއަށް ހަމަލާދިނީވެސް ލޫސިއަންއެވެ. ދެން ރަފައެލްކަމަށް ހެދިގެން އަމީރާގެ ގަޔަށް އަރައިގަތީވެސް އޭނަގެ ހުރި ނުލަފާކަމުންނެވެ. އެކަމާއި އޭނަ ކިތަންމެ ވަރަކަށް މާފަށް އެދުނަސް އަމީރާ މާފުދިނަސް އޭނަ އަމިއްލަ ނަފުސަށް މާފެއްނުދޭނެއެވެ. އަބަދަށްޓަކާ ކުށްވެރިކުރެވޭނެއެވެ. އެކަމުގެ ސަބަބުން އަމީރާގެ ބަނޑުގައި އުފެދެމުންދަނީ ރަފައެލްގެ ދަރިއެއްކަމާއިމެދު ޝައްކެވެ. އަމީރާ ބަރުދާސްތުކުރާ ހުރިހާކަމެއްވެސް މިފަހަރު ތަފާތެވެ. ޖާދިންމެންނަށް ބަލިވެއިންއިރު ވީގޮތްތަކާއި ޚިލާފެވެ. އެކަމާއިމެދު ލޫސިއަންގެ ހިތުގައި ޝައްކު އުފެދުނަސް އެވާހަކަތައް ހިތުގައި ފޮރުވިއެވެ. ރަފައެލްގެ ދަރިއަކަށްވެއްޖެއްޔާ ދެރަވެ ހިތާމަކުރާނީ އެކަނި އޭނައެއްނޫނެވެ. ރަފައެލްއަށް ވާނީ ކިހިނެއްހެއްޔެވެ؟

އާތިފް ހުރީ ފަޅުރަށެއްގައި އެކަނިމާއެކަނިއެވެ. ބޮޑު އަލިފާންގަނޑެއް އަންދައިގެން ހުރިއިރު އެއްވެސް ފޭރާމެއް އެއްޗެއް ގައިގާ ނެތެވެ. ހެއްދެވިގޮތަށް ހުރެގެން މަގު ފުރެދުނުއިރު އެމަންޒަރުބަލަން ހުރި މަޚުލޫގުހުރީ ނިކަން ހިތްހަމަޖެހިފައެވެ. މުޑުދާރުކަމާއި ހުރިސިފަ ހުތުރުކަމުން ބަލައިލަން ކެރޭވަރެއްނޫނެވެ. އޭރު އެކަލޭގެ އަނގައިން ދަވަކަހަލަ އެއްޗެއް ފައިބައެވެ. ތަނުގައި ހިފާލާފައިވާ ފަރުހަކިވަހުން ނޯށްދަމާލާކަށްވެސް ނުކެރެއެވެ. ބިންމަތީގައި އޮތް އެތި ހަތަރުމޮށްގަނޑުމަތީގައި ފިރުކެމުން އައިސް ކުއްލިއަކަށް ކޮޅަށް ތެދުވުނެވެ. ނާމާންއަޑަކުން ހީގަތުމުން އާތިފު އޭނަގެ ފައިމައްޗަށް ތިރިވެއްޖެއެވެ.

"ކަލޭ ބުނާހާގޮތަކަށް ކަންތައްކޮށްދޭނަން. އަދި އަހަންނަށް އެންމެ ކަމެއްކޮށްދީ. އަހަރެން މިބުނާ މީހާ ދުނިޔެއިން ނައްތާލައިފިއްޔާ ކަލެއަށް މަގޭ ފުރާނަވެސް ގުރުބާންކުރާނަން......."އާތިފު އެދުނެވެ.

"ސާހިބުމީހާއޭ ކިޔަންވީމަ ކަލޭ ވާހަކަތިދައްކަނީ ހާދަ ފަރުވާކުޑަކޮށޭ. ތިކަމުގެ އަދަބުވެސްދޭނަން.. ބޭނުންކަމަކު ކިޔާ އިންސި ކަލޭގެއާ. މަގޭ އަޅަކަށްވެގެން ކަލޭ ތިހިރީ.. މަގޭ ފައިގާ ދޫ ހާކާފައި ވާހަކަދައްކާ........." ޝައިތާނާ ހުރީ ބޮޑާކަންމަތީގައެވެ. އޭނަ އާތިފު ދަށްކޮށްލުމުންވެސް އާތިފުއަށް މާބޮޑުކަމަކަށްނުވިއެވެ. އާތިފު ހުރީ އެކަލޭގެ އެދުނު ކޮންމެކަމަކަށް ބޯލަބާ ކުރުނީސްކުރާށެވެ. ފައިގާ ދޫ ލާން ޖެހުނަސް ހެވެވެ. އޭނައަށް ފައިދާކުރަންޏާ އޭނައަށް އޮތީކޮން މައްސަލައެއް ހެއްޔެވެ؟ ޝައިތާނާ އާތިފު އަށް އަމުރުކުރީ މުޅިންވެސް ހަރާމް ކަންތައްތަކަށެވެ. އުރެދޭ ކަންތައްތަކާއި ފާހިޝް އަމަލުތަކަށެވެ. ނުވީތާކަށް އޭނައަށްޓަކާ އަންހެނަކު ގުރުބާންކުރަން ޖެހޭނެކަމަށް ބުނުމުން އެކަމަށްވެސް އާތިފު އެއްބަސްވިއެވެ. ޝައިތާނާ ބޭނުންވީވެސް އާތިފުގެ އަންހެން ދަރިފުޅެވެ. ދުނިޔޭގެ އެދުމުން ފޯވެފައިވާ އާތިފު އެހުރިހާ ވިޔާނުދާކަމަކާއި ބައިވެރިވިއެވެ. އެފަޅުރަށުގައި ޝައިތާނާއާއިއެކު ވެވުނު އަހުދުތަކާއި ވައުދުތަކަށްފަހު އާތިފު ރަށަށް އައިއިރު އޭނަ ހުރީ ނިކަން ހިތްހަމަޖެހިފައެވެ.

ރޮޒާލިއާ ހެނާގެ ކޮޓަރިއަށް ވަންއިރު އާޒް ލައްވާ ފިލާވަޅު ހައްދަން ހެނާ އިނެވެ. ރޮޒާލިއާ ހިތާމަވެރިގޮތަކަށް ހިނިތުންވެލާފައި ހެނާކައިރީ ގައި މައިކަލްގެ ވާހަކަދެއްކިއެވެ. އެރޭގެ ހާދިސާގައި މައިކަލް ގެއްލުމުން ހުރިހާ އެންމެނަށް ހައިރާންކަމެއް ލިބުނުކަމަށާއި އެހިސާބު އެހާ ފުންނޫން ތަނަކަށްވެފައި މަރުވި މީހުންގެ ހަށިތައް ފެނުނުއިރުވެސް މައިކަލް ގެއްލުމަކީ އަޖައިބުކަމެއްގެ ގޮތުގައި މީހުން ސިފަކޮށްފައިވެއެވެ. ދެންމެވެސް ޚަބަރުން ދެއްކީ އެވާހަކައެވެ. މިދުވަސްކޮޅު މީޑިއާގައި އެނޫން ޚަބަރެއްނެތެވެ. މީޑިއާ ޓައިކޫންއެއްގެ ޒުވާން ފިރިހެންދަރިފުޅަށްވެފާ އެހާ މަޝްހޫރު ނޫސްވެރިޔަކަށްވުމުން އެންމެންގެ ސަމާލުކަންވަނީ ލިބިފައެވެ. އިރުއިރުކޮޅާ މައިކަލް އެންމެ އަސަރުގަދަ ހިނިތުންވުމުގައި ހުންނަ ފޮޓޯތައް ޓީވީގެ ސްކްރީން ފުރާލާތަން ފެނެއެވެ. މައިކަލް ނޫނަސް އެރޭ ނިޔާވި މީހުންނާއި އަނިޔާ ލިބުނު މީހުންގެ ވާހަކަގެނެސްދޭލެއްވެސް މަދެއްނޫނެވެ. އެންމެންގެ މައުލޫމާތުންފެށިގެން އެމީހެއްގެ ދިރިއުޅުމާއި އެކުވެރިންނާއި އާއިލާތަކުން ދެއްކިވާހަކަތަކެވެ. އެންމެނަށް ކޮށްފައިވާ އަސަރުތައް ހިއްސާކުރާއިރު ބައެއްމީހުންގެ ލޯތައް ކަރުނުން ފުރާލައެވެ. އެކިކަހަލަ ރިޕޯޓްތަކެވެ. ދެމީހަކު އެއްތަންވިޔަސް އެރޭގެ ހާދިސާގެ ވާހަކަ ދައްކަން ފެށެއެވެ. ރޮޒާލިއާ ބުނީ ދެކުދިން ފިލާވަޅު ހަދާފައި ކާން އައުމަށެވެ.

ރޮޒާލިއާ ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތްތަނާ ނޭފަތުގައި ޖެހުނު ވަހަކުން މޭ ބޮޑުވިއެވެ. އާތިފުގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ރުޅިއައިސްގެން މޮޔަވާވަރުވިއެވެ. އާތިފު އުޅޭ ކޮޓަރި މުޑުދާރުކަމާއި ވަސްނުބައިކަމުން ދޮރު ހުޅުވާލަން ކެރޭވަރެއްވެސް ނޫނެވެ. މިއިން ދުވަހަކު ފެންވެރިކަމެއް ނޭގެއެވެ. އާތިފުއޮތީ އެނދުގައި ހަތަރެސްފައި ދަމާލައިގެން ގުގުރިދަމާފައި ނިދާށެވެ.

"އާތިފު. ތީ މީހުން އުޅޭގޮތްތަ؟ ގައިން ތާހިރު ނުވެ ނަމާދުވެސް ނުކުރެވޭނެ، އަޅެ ކޮޓަރިގަނޑު ސާފުކޮށްލައިގެން ފެންވަރާ ގައިން ތާހިރުވެބަލަ.." ރޮޒާލިއާ ނޭފަތުގައި ހެދުމުގެ ފަސްބައި އަޅައިގެން ހުރިއިރުވެސް އޯކަށް ދަމައިގަތެވެ. ބާލިދީގެ ފުރާ ހުރި ފެން ގެނެސް އާތިފުގެ ގަޔަށް އޮއްސާވެސްލައިފިއެވެ. އާތިފު އެވަރުންވެސް ދެލޯ ހުޅުވައެއްނުލިއެވެ. ރޮޒާލިއާ ނުކުމެފާ އެއާފްރެޝްނާފުޅި ހޯދައިގެން މުޅިގޭތެރޭގެ އެތަންމިތަނަށް ޖަހަންފެށުމުން އެނުބައި ވަސް ފަނޑުވިޔަސް ތަތްމުޑުވަހެއް ހިފާލާފައިވިއެވެ.

އާތިފު ކިތަންމެ ނުބައިކޮށް އުޅުނަސް ގެންނަ ފައިސާތަކާއި އަގު ބޮޑުމުދާތަކުން ރޮޒާލިއާގެ ހިތްފުރެންފެށިއެވެ. ނުވީތާކަށް ސަކީނާގެ އާއިލާއަށްވެސް މިހާރު އާތިފުވަރެއްނެތެވެ. ސިހުރު ހަދާކަން އެނގުނަސް އެމީހުން ތިބެނީ ފޮރުވައިގެންނެވެ. ސަކީނާގެ އާއިލާއިން ކުއްލިއަކަށް އާތިފުއާއިމެދު އުފެދުނު ޝައުގެއްގެ އަސްލު ބަލައިލިއިރު އެކަން ގުޅިފައިވަނީ ނަވާ އާއެވެ. އެންމެފަހުން ނަބީލާއަށްވެސް ފަޅާއެރިއެވެ. ނަވާއަކީ ނަހަލާލަށް ލިބިފައި ހުރި ދަރިއެކެވެ. އެކުއްޖާގެ ބައްޕައަކީވެސް އާތިފުއެވެ. އެލިބުނު ޚަބަރު ހެނާއާއި އަމީރާގެ ކަންފަތަށްވެސް ފޯރިއެވެ. އެދެކުދިން ލަދުން ހަލާކުވާވަރުވިއިރު ރޮޒާލިއާއަކަށް ކަންތައް ބޮޑުވާގޮތެއްނުވިއެވެ. އޭނަ ހުންނަނީ ހަމަޖެހިލާފައެވެ.

ތިންމަސްފަހުން ޒޯހަންއާއި ހެނާގެ ކައިވެނިކުރެވުނެވެ. ދިގު އިންތިޒާރެއްގެ ނިމުން ފުރިހަމަވުމުން ދެލޯބިވެރިންނަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. ރިޒޯޓުގައި އޮތް ޕާޓީއަށްފަހު ދެޒުވާނުންނަށް ތައްޔާރުކޮށްފައިވާ ކޮޓަރިއާއި ހަމަޔަށް ދެވުނުއިރު ކޮންމެވެސް ވަރަކަށް ވަރުބަލިވިއެވެ. ލޮޑުކަން ހަށިގަނޑަށް ވެރިވެފައިވިއެވެ. ނަމަވެސް އެރެއަށްޓަކާ ތައްޔާރުކޮށްފައިވާ ކޮޓަރިއަށް ވަނުމުން ހަށިގަނޑަށް ތާޒާކަމެއްލިބުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު