ތުއްތު އަލްޔާން، އައިބުތައް ފިލުވުމަށް އެހީއަކަށް އެދި

ތުއްތު އަލްޔާންގެ ހާލަތު ---

އަތްފައި ގުޅިފައެވެ. ބޮލުގައި އެއް ފަޅިއަށް އަރިވެ ބޮޑު އައިބެކެވެ. ހިތުގައި ލޯވަޅެއްވެސް އެޅިފައެވެ. މިއީ ހއ. އިހަވަންދޫ، ޖަވާހިރުވާދީ އަހުމަދު ހަމްދޫން، 29، އާއި އެރަށު ހޯރަވިލާ ހިދާޔަތު އަބްދުލް ސައްތާރު، 29، ގެ ހަގު ދަރިފުޅު، ފަސް މަހުގެ އަލްޔާން ޒައުލް ހަމްދޫންގެ ހާލެވެ.

އަލްޔާންގެ ބައްޕަ ހަމްދޫން ބުނިގޮތުގައި އަލްޔާން އުފެދުމުގައި ހުރި އައިބުތަކުގެ ސަބަބުން ދަރިފުޅު އުޅެނީ ވަރަށް ހާލުގައި ކަމަށެވެ. އަލްޔާންގެ ބައްޔަކީ "އެޕާސްޓް ސިންޑުރޮމް" އެވެ.

ބަލީގެ ތަފްސީލް:

އެޕާޓް ސިންޑްރޯމަކީ އުފެދުމުގައި އިންސާނެއްގެ ބޮލުގެ ނާށިގަނޑަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން އިންސާނާ އުފެދޭ އިރު ބޮލުގެ ނާށިގަނޑު އެއްކޮށް ނުއުފެދުމުގެ ސަބަބުން، މޫނުމައްޗާއި ބޮލުގެ ބައްޓަމަށް ބަދަލު އާދެ އެވެ. އަދި އަތުގެ އިނގިލިތަކާއި ފައިގެ އިނގިލިތައް އެއްވެފައި ހުރުމަކީވެސް މި ބަލީގެ ސަބަބުން މެދުވެރިވާ ހާލަތަކެވެ. މި ބަލި ޖެހިފައިވާ ކުދިން ނުވަތަ މީހުންގެ ބޮލާއި އަތް ތިލައިގެ ކަށިތައް އެއްވެފައި ހުރުމުގެ ސަބަބުން ކަށިތައް ހެދި ބޮޑުވުމަށް ހުރަސް އެޅެ އެވެ.

މި ބައްޔަކީ ޝިފާއެއް ނެތަސް ފަރުވާ ކުރެވޭނެ ބައްޔެކެވެ. ބަލީގެ ސަބަބުން މޫނުމަތީގައި ހުންނަ އުނި ސިފަ، ފަރުވާ ކޮށްގެން ރަނގަޅު ކުރެވިދާނެ އެވެ. އެގޮތުން ހަ މަހާއި އަށް މަހާ ދެމެދުގެ ކުއްޖެއް ނަމަ، އެ މުއްދަތުގެ ތެރޭގައި ބޮލުގެ ނާށިގަނޑުގައި އުފެދިފައި ހުންނަ އުނިކަން ރަނގަޅު ކުރުމަށް ސާޖަރީ އެއް ކުރެވިދާނެ އެވެ. އެ ސާޖަރީގައި ނާށިގަނޑުން ބައެއް ނަގައި، ނާށިގަނޑު ވަށް ވާނެ ފަދަ ގޮތަކަށް އަތުރާލާނެ އެވެ. އެ ސާޖަރީއަށް ކިޔާ ނަމަކީ ކްރެނިއޮސިނޮސްޓޮސިސް ރިލީސް އެވެ. ނުވަތަ ރިލީޒް އޮފް ސްކަލް ބޯން ފިއުޝަން އެވެ.

އެ ބައްޔަށް ފަރުވާ ކުރެވޭ ދެވަނަ ގޮތަކީ މިޑް ފޭސް އެޑްވާންސްމެންޓް ސާޖަރީ އެވެ. މި ސިންޑްރޯމަކީ ފެތުރޭ އެއްޗެއް ކަމުން، ސާޖަރީގައި ނަގާނީ ދަތްދޮޅި ހިމެނޭ ކައްޓެވެ. އެ ކަށި ނެގުމަށްފަހު މޫނު މަތި ރީތިވާނެ ފަދައިން ކަށި އަނބުރާ ލައްވާނީ އެވެ. މި ސާޖަރީ ކުރެވޭނީ ކުއްޖާގެ އުމުރުން ހަތަރު އަހަރާއި 12 އަހަރާ ދެމެދުގައެވެ.

އެޕާޓް ސިންޑްރޯމަށް ފަރުވާ ކުރެވޭ ތިން ވަނަ ގޮތަކީވެސް ސާޖަރީ އެކެވެ. މި ސާޖަރީއަށް ކިޔާ ނަމަކީ ހައިޕަޓެލޮރިސަމް ކަރެކްޝަން ސާޖަރީ އެވެ. މި ސާޖަރީގައި ދެ ލޯ ކައިރީގެ ކަށިތައް އެއްވަރުކޮށް ދަތްދޮޅީގެ ކަށިތައްވެސް އެއްވަރު ކުރެ އެވެ.

ވިހެއުމުގެ ކުރިން ޑޮކްޓަރުން ނާންގާ!

ހިދާޔަތުގެ އަލްޔާނަށް ބަނޑުބޮޑުއިރު ބަނޑަށް ފަސް މަހުން ފެށިގެން ބޮޑެތި އުނދަގޫތަކެއް އޭނާއަށް ވާންފެށިއެވެ. ވަރަށް ބޮޑަށް ބަނޑުގައި ރިއްސުމާއި މެޔަށް އުނދަގޫވުމުގެ މައްސަލަ ކުރިމަތިވިއެވެ. އޭރުވެސް އެމީހުން ދިޔައީ ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހަދަމުންނެވެ.

"ދިއްދޫއިން ބަރާބަރަށް ޑޮކްޓަރަށް ދައްކައި ސުކޭން ކުރިން، އެއްވެސް އައިބެއް ހުންނަކަން ނޭނގެ، ރަނގަޅު ކަމަށް ބުނަނީ، ދެން ހަމަ ބޭސް ދެނީ،" ހަމްދޫން ބުންޏެވެ.

ހިދާޔަތުގެ ގައިގަ އަޅާ ވޭން ބޮޑުވެ ހަތް މަހުގައި އިހަވަންދޫ މަރުކަޒަށް ދެއްކުމުން ޑޮކްޓަރު ބުނީ ބަނޑުގައި މާފެންގިނަ ކަމަށެވެ. ވަގުތުން ހދ. ކުޅުދުއްފީ ރީޖަނަލް ހޮސްޕިޓަލްއަށް ބަދަލުކުރިއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރުން ބެލުމަށްފަހު ދަރިފުޅު ބޮޑުކަމަށް ބުނެ އޮޕަރޭޝަންއަކަށް ވެއްދިއެވެ. އޮޕަރޭޝަންއަށް ވެއްދުމަށްފަހު އެހޮސްޕިޓަލްއިން އެކަން ވާން ނެތް ކަމަށްބުނެ އެމަޖެންސީގައި މާލެ ފޮނުވީއެވެ.

"އައިޖީއެމްއެޗްގައި ފަސް ދުވަހު ބާއްވާފައި އޮޕަރޭޝަން ކުރީ، އައިޖީއެމްއެޗުންވެސް ދެ ސުކޭނެއް ހެދި، އެވަރުންވެސް ނުބުނޭ ބޭބީގަ މައްސަލައެއް ހުންނަ ކަމެއް،" ހަމްދޫން ބުންޏެވެ.

ހިދާޔަތުގެ އޮަޕަރޭޝަނަށްފަހު ޑޮކްޓަރު ދިނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ. އެއީ ދަރިފުޅުގެ އައިބު ތަކެއް ހުރި ވާހަކައެވެ. އެޑޮކްޓަރުން ހީކުރީ އާއިލާއަށް އެކަން ކުރިން އެނގޭ ކަމަށެވެ.

"އޮޕަރޭޝަން ކޮށްފައި ނެގި ޑޮކްޓަރު ބުނި އެނގެއެއް ނޫންހޭ ބޭބީ އައިބުކަން، މިވެނި ކުއްޖެއްކަން، އަޅުގަނޑުމެން ބުނިން ނޭނގޭ،" ހަމްދޫން ބުންޏެވެ.

އަމިއްލަ ހަރަދުގައި އިންޑިއާއަށް!

ދަރިފުުޅަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން އިންޑިއާއަށް ދިއުމަށް ނިންމައި އާސަންދައަށް އެދުނު ނަމަވެސް އެމަޖެންސީ ނޫން ކަމަށް ބުނެ އާސަންދަ ނުދޭ ކަމަށް ހަމްދޫން ބުންޏެވެ. ދެން އެމީހުން އެތުއްތު ކުއްޖާ ގޮވައިގެން އިންޑިއާގެ އާނަންތަޕޫރީއަށް ގޮސް ފަރުވާ ހޯދާ އަމިއްލަ ހަރަދުގައެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ހަމްދޫން ބުނީ ދަރިފުޅުގެ ސިކުޑީގައި ފެން ހެދިފައި ހުރި ކަމަށެވެ. އެ ފެން ގިނަވާކަމަށްވާނަމަ އޮޕަރޭޝަން އަކަށް ދާންޖެހޭ ކަމަށެވެ. ނަސީބަކުން ދަރިފުުޅުގެ ސިކުނޑީގައި މައްސަލައެއް ނެތްކަމަށް ޑޮކްޓަރުން ބުނާކަމަށް ހަމްދޫން ބުންޏެވެ.

"ޑޮކްޓަރުން ބުނަނީ އައިބުތަކުގެ ކަރެކްޝަން ހަދަން ޖެހޭނޭ، ބޯ މި އިންނަނީ އަރިއަކަށް، އަތާއި ފަޔާ ގުޅިފަ މިހުންނަނީ، ބޭބީގެ ހިތުގައި ލޯވަޅެއްވެސް އިނދޭ، އަދި މިހާރު ފާހަގަކުރެވޭ ލޮލުގެ މައްސަލަތަކެއް އުޅޭ، ފޯކަސް ނުކުރޭ،" ހަމްދޫން ބުންޏެވެ.

އޭނާ ބުނީ ދަރިފުޅުގެ ފަރުވާއަށް މިހާރު ކުރަންޖެހޭ އޮޕަރޭޝަންއަށްވެސް ޖުމުލަ 17 ލައްކަ ރުޕީސް އަރާ ކަމަށެވެ. އޭގެ އިތުރުން އިންޑިއާއަށް ދިއުމާއި ހުރުމުގެ ހަރަދުތަކަށްވެސް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.

ހަމްދޫއަކީ މަސްވެރިއަކަށް ވުމާއި އޭނާގެ އާއިލާއަކީ މެދު ފަންތީގެ އާއިލާއަކަށް ވުމުން އެހާ ބޮޑު ހޭދައެއް އެކަނި ކުރުމަކީ ބޮޑު ގޮންޖެހުމެކެވެ. އެއާއިލާއިން އެދެނީ އެތުއްތު ކުއްޖާއަށްޓަކައި ދީލަތި އެހީއަކަށެވެ.

އަލްޔާނަށް އެހީތެރިވުމަށް:

ހަމްދޫން: 7849514

އެކައުންޓް:

އަހުމަދު ހަމްދޫން

7703 239070 101 (ޑޮލަރު)

7704 239070 101 (ރުފިޔާ)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް