ސިނގިރެޓާއި އެނާޖީ ޑްރިންކުގެ އަގު ބޮޑުކޮށްފި

އެނާޖީ ޑްރިންކް، އެނާޖީ ޑުރިންކު

ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުވާގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވައިފި އެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ވަނީ ސިނގިރެޓް ސްޓިކަކުން ނަގާ ޑިއުޓީ ދެރުފިޔާއަށް ބޮޑު ކުރާށެވެ. އަދި ގަނޑުކޮށް ދުންފަތަށް ނަގާ ޑިއުޓީ 25 ޕަސެންޓަށް ބޮޑުކުރަން ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެހެންކަމުން ސިނގިރެޓް ފޮއްޓެއްގެ އަގު 80 ރުފިޔާއަށް އުފުލިގެންދާނެ އެވެ. މިހާރު ސިނގިރެޓް ފޮއްޓެއް އުޅެނީ 50 ރުފިޔާ އަށެވެ.

ރާއްޖެއަށް އާންމުކޮށް އެތެރެ ކުރާ އެނާޖީ ޑްރިންކް ދަޅުތައް އާންމުކޮށް ހުންނަނީ 250 މިލިލިޓަރުގަ އެވެ. ގާނޫނަށް މިގެނައި ބަދަލާ އެކު ދަޅަކުން 8.41 ރުފިޔާ ބޮޑުވެގެންދާނެ އެވެ. އެގޮތުން 20 ރުފިޔާއަށް މިހާރު ލިބޭ ރެޑްބުލް ދަޅެއްގެ އަގު 28 ރުފިޔާއަށް އުފިލިގެންދާ އިރު، 15 ރުފިޔާއަށް މިހާރު ލިބޭ އެކްސްއެލް ދަޅެއްގެ އަގު 23 ރުފިޔާއަށް އުފުލޭނެ އެވެ.

މި އިސްލާހު ތަސްދީގުކޮށް، ގެޒެޓުގައި މިއަދު ޝާއިއު ކޮށްފައިވާ އިރު، މިއަދުން ފެށިގެން ސިނގިރެޓާއި އެނާޖީ ޑްރިންކުގެ އަގު ބޮޑުވާނެ އެވެ.

comment ކޮމެންޓް