ސިފައިންނަށް ވޯޓު ނުލެވޭ ގޮތް ހެދުމަކީ ގައުމީ ކަމެއް، އެކަމަށް ތާއީދު ކުރަން: ޕީޕީއެމް

ޕީޕީއެމްގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންތިހާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރުމަކީ ގައުމުގެ ހައްގުގައި ކުރެވޭ ކަމެއް ކަމަށާއި އެކަމަށް ތާއީދު ކުރާ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް އިން ބުނެފި އެވެ.

ސިފައިންގެ ހެވިކަމުގެ މުބާރާތް ފެށުމަށް ކަޅުތުއްކަލާ ކޮށީގައި މިދިޔަ އަންގާރަ ދުވަހު ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރަން މި އަހަރު މަޖިލީހަށް ހުށަހަޅުއްވާނޭ ކަމަށް ވިދާޅުވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އެކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ރާއްޖެ އުފެދިފައި އޮތް ގޮތާއި އާބާދީގެ ގޮތުން ބެލި ނަމަވެސް، އެއީ ގެންނަން ޖެހޭ ބަދަލެއް ކަމަށެވެ.

"މިއީ ގައުމުގައި ބަދަލުކޮށްފައި ބާއްވަން މައްސަލައެއްގެ ގޮތުގައި އޮންނަންވީ ކަމެއް ނޫން މިއީކީ. މިއަށް ވުރެ ބޮޑެތި މާ ވަރުގަދަ ހައްގުތަކަށް ވަކާލާތު ކުރާ ގައުމުތަކުގައި މިފަދަ ކަންކަން ހިނގާފައި އެބަހުރި،" ނިހާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ، އެކަމަށް ޕީޕީއެމް އިން ތާއީދުކުރަނީ ސިޔާސީ ގޮތުން ވެރިންގެ ގޮތުގައި ތިބޭ މީހުން ނާޖާއިޒް ފައިދާ ސިފައިންގެ ފަރާތުން ނުނެގޭނެކަން ދައްކަން ދުނިޔޭގެ ފެންވަރުގެ ނަމޫނާއަކަށް ވުމަށް ކަމަށާއި އެކަން ސަރުކާރުން މަޖިލީހަށް ހުށަހެޅުމުން ބަލައިގަނެ ވީހާ ވެސް އަވަހަކަށް ނިންމާނޭ ކަމަށެވެ.

ސިފައިންނާއި ފުލުހުންނަށް ފްލެޓް އެޅުމާއި އެމީހުންގެ މުސާރަ އާއި އިނާޔަތް އިތުރު ކުރުމަށް ވެސް ސަރުކާރުން ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ، ސިޔާސީ ގޮތުން ހިސާބު ޖަހާ ނަމަ ސިފައިންނަށް ވޯޓު ލެވޭ ގޮތަށް އޮތުމުން އެންމެ ފައިދާ ބޮޑު ވާނީ ސަރުކާރުގައި ތިބޭ ބަޔަކަށް ކަމަށެވެ.

ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ސިފައިންގެ ކޮންމެ މީހަކަށްމެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ވޯޓު ދިނުމުގެ ހައްގަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްގެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ޕާލިމްންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ގާނޫނު އަސާސީގެ ދަށުން ވޯޓު ދިނުމުގެ ހައްގު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދޭ އިރު، ގާނޫނު އަސާސީގައި ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހުން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެގެން ނުވާނޭ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނުގެ އެއް ތަންކޮޅަކަށް ބަލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރިފް އެ ވިދާޅުވި މާއްދާއަކީ ގާނޫނު އަސާސީގެ ސަލާމަތީ ހިދުމަތްތަކުގެ ބާބުގެ ދަށުން 246 ވަނަ މާއްދާގެ (ށ)އެވެ.

އެ މާއްދާގައި ބުނެފައި ވަނީ، "ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހުން ސިޔާސީ އެއްވެސް ހަރަކާތެއްގައި، ނުވަތަ ސިޔާސީ ޕާޓީއެއްގައި ނުވަތަ މަސައްކަތްތެރިންގެ ޖަމްއިއްޔާއެއްގައި ބައިވެރިވެގެނެއް ނުވާނެ އެވެ."

އިދިކޮޅު އެމްޑީޕީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނުން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ ހައްގު ސިފައިންގެ އަތުން ނިގުޅައި ނުގަނެވޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފި ނަމަ އެ ހައްގު ހޯދައިދޭން އިހްތިޖާޖުކުރާނެ ކަމަށެވެ.

ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމާފައިވާތީ، ފާޑުކިޔައި އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގަކަށް އަރައިގަތުމަކީ ގާނޫނުގެ ވެރިކަން ނަގާލުން ކަމަށެވެ. ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އަސާސީ ހައްގުތަކަކީ ބޭނުންވާއިރަށް ބަދަލުކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

comment ކޮމެންޓް