ޖެނުއަރީ ނިމުނު އިރު ރިޒާވް އެއްވަރެއްގައި ހިފެހެއްޓިފައި

އެމްއެމްއޭ އިމާރާތް

މި އަހަރުގެ ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި ފައިސާގެ އަދަދު، ޑިސެމްބަރު މަހާ އެއްވަރެއްގައި ހިފެހެއްޓި، ކުޑަ މިންވަރަކަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން މަހަކު އެއްފަހަރު ނެރޭ އިގްތިސާދީ ރިވިއުގައި ބުނެފައިވާ ގޮތުން، ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި ފައިސާގެ އަދަދަކީ 476.1 މިލިޔަން ޑޮލަރެވެ. ޑިސެމްބަރު މަސް ނިމުނު އިރު ރިޒާވްގައި ހުރި ޖުމްލަ ފައިސާއަކީ 467.1 މިލިޔަން ޑޮލަރެވެ.

ބޭނުންކުރެވޭ ރިޒާވް ވަނީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު އެންމެ ޕަސަންޓަކުން ކުރިއަރާފަ އެވެ. ޖެނުއަރީ މަސް ނިމުނު އިރު އެ ރިޒާވްގައި ހުރީ 201.5 މިލިޔަން ޑޮލަރެވެ. އޭގެ ކުރީ މަސް ނިމުނު އިރު އެ ރިޒާވްގައި ހުރީ 200 މިލިޔަން ޑޮލަރެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު، ޖީއެމްއާރަށް ފައިސާ ދެއްކުމުގެ ގޮތުން އެމްއޭސީއެލްގެ ބޮންޑެއް، 140 މިލިޔަން ރުފިޔާއަށް އެމްއެމްއޭ އިން ގަނެފައިވާ އިރު، އެއަށް ޚަރަދުކުރީ ރަސްމީ ރިޒާވުންނެވެ.

އެކަމާ ގުޅިގެން ރިޒާވަށް އައި ބޮޑު ލޮޅުން ހައްލު ކުރުމުގެ ގޮތުން، ސަރުކާރުން ވަނީ އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އާ އެކު ކަރަންސީ ސްވޮޕެއް ހަދައި، 100 މިލިޔަން ޑޮލަރު ހޯދައިފަ އެވެ.

މި މުއާމަލާތުގެ ދަށުން އިންޑިއާގެ ރިޒާވް ބޭންކުން އެމްއެމްއޭ އަށް 100 މިލިޔަން ޑޮލަރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފޯރުކޮށްދިން އިރު، ރާއްޖެ އިން ވަނީ 100 މިލިޔަން ޑޮލަރަށްވާ ވަރަށް ދިވެހި ރުފިޔާ، އިންޑިއާގެ ރިޒާވް ބޭންކަށް ދީފަ އެވެ.

"އެ ފައިސާ ޕޭ ބެކް ކުރާ އިރު، ދައްކާ ފައިސާއާ އެއްވަރަށް އިންޑިއާ އިން ދިވެހި ރުފިޔާތައް ދެމުން ދާނެ. އަދި އަނބުރާ ދޭ އިރުގައި ރާއްޖެއިން އިންޓްރެސްޓް ޕޭ ކުރާނެ. އެ ރޭޓަކީ ތިން ޕަސަންޓުގެ، ފްލެކްސިބަލް ރޭޓެއް،" ކަރަންސީ ސްވޮޕް މުއާމަލާތާ ގުޅިގެން އެމްއެމްއޭގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި އެވެ.

ޖީއެމްއާރު ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވެފައި އޮތް އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން، ދިވެހި ސަރުކާރުން ޖީއެމްއާރަށް 271 މިލިޔަން ޑޮލަރު ދެއްކުމަށް، ސިންގަޕޫރުގެ އާބިޓްރޭޝަނުން ހުކުމް ކުރި އެވެ. އެ ފައިސާ، އެމްއޭސީއެލުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޖީއެމްއާރަށް ދެއްކީ، އެމްއެމްއޭއަށް ބޮންޑު ވިއްކައިގެން ލިބުނު 140 މިލިޔަން ރުފިޔާއާ ވެސް އެކުގަ އެވެ.

comment ކޮމެންޓް