ރެމިޓެންސް ވިޔަފާރިއާއި ކޮންސިއުމާ ފައިނޭންސް ވިޔަފާރީގެ ލައިސަންސްފީ ބޮޑުކޮށްފި

އެމްއެމްއޭ -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ކުރާ މާލީ ވިޔަފާރިތަކުގެ ތެރެއިން ރެމިޓެންސް ވިޔަފާރިއާއި ކޮންސިއުމާ ފައިނޭންސް ވިޔަފާރީގެ ލައިސަންސް ހުއްދަ ދޫކުރާ ފީގެ މިންވަރު ބޮޑުކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު ގެޒެޓު ކުރި އިއުލާނުގައިވާ ގޮތުން، މިއަދުން ފެށިގެން ރެމިޓެންސް ވިޔަފާރި ނުވަތަ މަނީ ރެމިޓެންސް ވިޔަފާރިކުރުމުގެ ލައިސަންސަށް ޗާޖު ކުރާނީ 30،000 ރުފިޔާ އެވެ. ނަމަވެސް މީގެ ކުރިން އެފަދަ ވިޔަފާރިތަކަށް ލައިސަންސް ދޫކުރަމުން އައީ 5،000 ރުފިޔާ އަށެވެ.

ލީސިންގް ވިޔަފާރި އަދި ހައުސިންގް ފައިނޭންސް ކުރުމުގެ ވިޔަފާރި ހިމެނޭ ގޮތުން ކޮންސިޔުމާ ފައިނޭންސް ވިޔަފާރިކުރުމުގެ ލައިސަންސަށް މީގެ ކުރިން 30،000 ރުފިޔާ ނަގަމުން އައި ނަމަވެސް މިއަދުން ފެށިގެން އެފަދަ ވިޔަފާރިތަކުގެ ލައިސަންސަށް 50،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

މާލީ އިދާރާތަކުން ދައްކަން ޖެހޭ ފީތަކާއި ޗާޖުތަކާ ބެހޭ ގަވާއިދަށް ގެނައި މި އިސްލާހުގެ ދަށުން ބަދަލު ގެނެސްފައި ވަނީ އެ ގަވާއިދުގައިވާ ޖަދުވަލު 1 އަށެވެ. އެޖަދުވަލުގައި ބަޔާން ކުރަނީ މާލީ އިދާރާތަކުން ދައްކަން ޖެހޭ އެޕްލިކޭޝަން ފީތަކުގެ ތާވަލެވެ.

އެތާވަލުގައިވާ ގޮތުން، ބޭންކިންގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރާނީ 150،000 ރުފިޔާ އަށެވެ. އިންޝުރެންސް ވިޔަފާރި ކުރުމުގެ ލައިސަންސް 50،000 ރުފިޔާއަށް ދޫކުރަން ހަމަޖައްސާފައިވާ އިރު އިންޝުރެންސް ބްރޯކަރުންގެ ލައިސަންސް ފީއަކީ 30،000 ރުފިޔާ އެވެ.

ކޮމްޕަލްސަރީ އިންޝުއަރެންސް އޭޖެންޓް ފިޔަވާ އެހެން އިންޝުއަރެންސް އޭޖެންޓުންގެ ހުއްދަ 10،000 ދޫކުރާއިރު ކޮމްޕަލްސަރީ އިންޝުއަރެންސް އޭޖެންޓުންގެ ހުއްދަ ދޫކުރަނީ 1،000 ރުފިޔާ އަށެވެ.

comment ކޮމެންޓް