ލުއިސް އެންރީކޭ ބާސާގެ ކޯޗު ކަމުން ވަކިވަނީ!

ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ. މި ސީޒަނަށް ފަހު ކޯޗުކަމުން އިސްތިއުފާ ދޭނޭކަމަށް އެނާ ބުނި --- ފޮޓޯ/އޭޕީ

މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަމުން އިސްތިއުފާ ދޭނޭކަމަށް ލުއިސް އެންރީކޭ ބުނެފިއެވެ.

ސްޕެނިޝް ލީގުގައި ސްޕޯޓިން ގިޖޯންގެ މައްޗަށް 6-1 ލަނޑުން ބާސާ ކުރި ހޯދި މެޗަށް ފަހު، ނޫސްވެރީންނާ ވާހަކަދައްކަމުން، އުމުރުން 46 އަހަރުގެ ކޯޗު ބުނީ އޭނާ މިހާރު "އަރާމުކުރަން ބޭނުން" ކަމަށެވެ.

ބާސާގައި ތިންވަނަ ސީޒަން ފުރިހަމަކުރަމުންދާ އެންރީކޭ ވަނީ، އޭނާ އެ ކްލަބާ ހަވާލުވި ފުރަތަމަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގާއެކު ސްޕެނިޝް ލީގު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފައެވެ. މީގެ އިތުރު މިދިޔަ ސީޒަންގައި ވެސް އޭނާގެ އިރުޝާދުގެ ދަށުން ބާސާވަނީ، ސްޕެނިޝް ލީގު އަދި ކޮޕާ ޑެލް ރޭ ކާމިޔާބުކޮށްފައެވެ.

"މިއީ އުނދަގޫ އެހެންނަމަވެސް ވަރަށް ވިސްނާފައި ނިންމި ނިންމުމެއް. އަހަރެން ގަބޫލުކުރާގޮތުގައި މިފަދަ ކަންކަމުގައި ވަފާތެރިވާން ޖެހޭނެ،" އަންނަ ޖޫން މަހު ބާސާގެ ކޮންޓްރެކްޓް ހަމަވުމުން ޓީމާ ވަކިވާން ނިންމާފައިވާ ކޯޗު ބުންޏެވެ.

"އަހަންނަށް ކުރި އިތުބާރަށްޓަކައި ކްލަބަަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. މިއީ ހަނދާން ނައްތާނުލެވޭނޭ ފަދަ ތިން އަހަރު."

އެންރީކޭ ބުނީ، ޓީމު ދުވަހުން ދުވަހަށް ރަނގަޅުކުރުމަށްޓަކައި، އެއްވެސް އަރާމެއް ނެތި ވަގުތު ހޭދަކުރާން ޖެހުމުގެ ސަބަބުން އަރާމުކޮށްލަން ވަގުތު ނުލިބޭތީ، ސީޒަން ނިންމާލާފައި ކްލަބާ ވަކިވުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭ ކަމަށެވެ.

ކުރިއަށް އޮތް ހަތަރުވަރަކަށް މަސްދުވަހަކީ ބާސާއަށް ވަރަށް މުހިއްމު ދުވަސްތަކެއް ކަމަށާއި އެ ޓީމު ވާދަކުރަމުންދާ ތިން މުބާރާތުންވެސް ރަނގަޅު ވަނައެއް ހޯދުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަން އޭނާ ފާހަގަކުރިއެވެ. އަދި ކިތަންމެ އުނދަގޫ ހާލަތެއްގައިވެސް ޓީމުގެ ހުރިހާ ކުޅުންތެރީން ގުޅިގެން މަސައްކަތްކޮށްފި ނަމަ، މި ސީޒަން ތިން ޓްރޮފީއާއެކު ނިންމާ ލެވިދާނޭކަމަށްވެސް އެންރީކޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބާސާ ކުޅުނު ފުރަތަމަ ލެގުގެ މެޗުން 4-0 ލަނޑުން ޕީއެސްޖީ އަތުން ބަލިވެ އެޓީމު އޮތީ މުބާރާތުން ކެޓުމުގެ ބިރާކުރިމަތިލާން ޖެހިފައެވެ.

ބާސާއަކީ އެންމެ ލޯބިވާ ކްލަބުކަން ފާހަގަކުރަމުން އެ ކްލަބުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، އެންރީކޭ ބާސާއާ ވަކިވެގެން ދިއުން ވާނީ، އެ ކްލަބަށް މޮޅު ޓްރޭނަރަކު ގެއްލިގެން ދިއުންކަމަށެވެ.

އެންރީކޭގެ އިރުޝާދުގެ ދަށުން، މޮޅު ކުޅުންތެރީން ތަކަކާއެކު މޮޅު ކުޅުމެއް ބާސާއިން ދައްކާފައި ވާ ކަމަށާއި އަދި ވަރަށް ފުރިހަމަ ކާމިޔާބީތަކެއް އެ ކްލަބުން ހޯދާފައިވާ ކަން ގާޑިއޯލާ ފާހަގަކުރިއެވެ.

comment ކޮމެންޓް