ބޭރަށް ގޮސް ހަދާ ގޯހާއި އިލްތިމާސް!

އެއާޕޯޓުގައި ކޮލޮމްބޯއަށް ފުރުމަށް ޗެކްއިން ކިއުގައި ފަސިންޖަރުންތަކެއް -- ސަން ފޮޓޯ/ މާހިލް މުހައްމަދު

އެތައް ހާސް ދިވެހިންނަކީ އެތައް ބޭނުމެއްގައި އަބަދުވެސް ރާއްޖެއިން ބޭރަށް ދަތުރުކޮށް އުޅޭ ބަޔަކަށްވާ އިރު ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް އެތައް ހާހަކުން ގުނެ އެވެ. އެއުޅުމުގެ ތެރޭގައި ނުކިސައްރު ކަންތައްތައް އަބަދުވެސް ހިނގަ އެވެ. ދޭތެރެ ދޭތެެރެއިން ދިވެހިން ގެއްލި ނުވަތަ ހާލުގައިޖެހެ އެވެ. މިފަދަ ކަންކަން ހިނގާ އިރު ގިނަ ފަހަރަށް އޮންނަނީ ކަންކުރަން ޖެހޭ ގޮތަށް ސަމާލުކަން ނުދެވި އެވެ.

ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ކަންކަން ބެލެހެއްޓުމަށް ދައުލަތުން ބޮޑެތި ހަރަދުތަކެއްކޮށް އެގައުމުތަކުގައި މީހުން ބައިތިއްބާފައިތިބެ އެވެ. ބޭރުގައުމުތަކުގައި އުޅޭ އިރު ދިމާވެދާނެ ކަންކަމުން ސަލާމަތްވުމަށް ކުރިއާލާ ފިޔަވަޅު އަޅާށެވެ.

ދިޔަ ގައުމެއްގެ މައުލޫމާތު ހިއްސާކުރޭ!

ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ މުހައްމަދު ނިއުޝާދު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރަށް ފުރާ ނަމަ ފޮރިން މިނިސްޓްރީ އަށް ނުވަތަ އެދާ ގައުމެއްގައި ހުންނަ އެމްބަސީ އަށް ދިޔަކަން ހިއްސާ ކުރަން އެދޭ ކަމަށެވެ. އެގޮތަށް އަންގާއިރު އެމަޖެންސީއެއްގައި ގުޅޭނެ ނަމްބަރަކާއި ހުންނާނެ ތަނެއްގެ ތަފްސީލް ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއުޝާދު ވިދާޅުވީ އެގޮތަށް އެންގުމަށް އެދެނީ އެގައުމެއްގައި ހާދިސާއެއް ހިނގައިފި ނަމަ ނުވަތަ ބޭރަށް ދާ ދިވެހި މީހާއަށް ކަމެއް ދިމާވެއްޖެ ނަމަ އެހީތެރިވާން ފަސޭހައަކަށް ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ އެމްބަސީތަކެއްގައި ހުންނާނެ ރަޖިސްޓާ ކުރެވޭގޮތަށް އޮންލައިންކޮށް، ދިމާވާ ކުއްލި ކަންތައްތަކުގައި އަޅުގަނޑުމެންނަށް ހަރަކާތްތެރިވާން. ހަނިވޭ އަޅުގަނޑުމެންނަށް މައުލޫމާތު ނުލިބޭ ކަމަށްވާ ނަމަ،" ނިއުޝާދު ވިދާޅުވި އެވެ.

ގައުމެއްގައި ކާރިސާއެއް ހިނގައިފި ނަމަ އެ ގައުމެއްގައި ތިބޭ ދިވެހިންނަށް ކޮންމެ ދުވަހަކު ގުޅައި އެމީހުންގެ ހާލު ބަލައި ރާއްޖެ ނުވަތަ ސަލާމަތީ ސަރަހައްދަކަށް ގެނައުމަށް ފޮރިން މިނިސްޓްރީއިން އެހީތެރިވެ އެވެ. ދާދިފަހަކުން ވެސް ނޭޕާލަށް އައި ބިންހެލުމާއި ޔޫކުރެއިންގައި ހިނގި ހަމަނުޖެހުންތަކުގައި ވެސް ވަނީ އެގޮތުގެ މަތިން އެހީތެރިވެފަ އެވެ.

"ދުނިޔޭގެ ކޮންމެ ތަނެއްގައި ކަމެއް ހިނގިޔަސް އަޅުގަނޑުމެން ބަލާނެ އެތަނުގައި ދިވެއްސަކު ހުރިތޯ، މޮނީޓާ ކުރަން، އަޅުގަނޑުމެންގެ ޑޭޓާގައި ހުރިތޯ، އަޅުގަނޑުމެންގެ މިޝަންއެއް އެބަހުރިތޯ، މިޝަންއެއް ނެތްކަމަށްވާ ނަމަ އެތަނުގެ ރަސްމީ ފަރާތްތަކާ ގުޅައިގެން ދިވެއްސަކާ ގުޅޭ އެއްވެސް މައުލޫމާތެއް އެބޭފުޅުންނަށް ލިބިފައިވޭތޯ،" ނިއުޝާދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އަޝީރު އަބްދުލް އަޒީޒް ވިދާޅުވީ ބޭރަށް ކިޔަވަންދާ ކުދިން މިހާރު ވެސް ރަޖިސްޓްރީ ކުރަމުންދާ ކަމަށާއި ދިގު މުއްދަތަށް އުޅެން އަދި ކިޔަވަންދާ ފަރާތްތަކުން ކޮންމެހެން ރަޖިސްޓްރީ ކުރުން މުހިންމު ކަމަށެވެ. އަދި ކިތަންމެ ކުޑަ މުއްދަތަކަށް ދިޔަސް އެކަން އަންގަން އެދޭ ކަމަށާއި އެމައުލޫމާތުތަކަކީ ސިއްރުކުރެވޭނެ މައުލޫމާތުތައްކަމަށް އަޝީރު ވިދާޅުވި އެވެ.

ޕާސްޕޯޓް ގެއްލުން ނުވަތަ ރާއްޖެއިން ބޭރަށް ގޮސް އުޅޭ ދިވެހިން ގެއްލިގެން ނޫނީ ބައެއް މައްސަލަތަކުގައި ހައްޔަރުކުރުމަކީ ވެސް ބައެއް ފަހަރު ދިމާވާ ކަމެކެވެ. އޭގެ ތެރެއިން ވެސް ޕާސްޕޯޓް ގެއްލުމާއި މީހުން ގެއްލުމަކީ އާންމު މައްސަލައެކެވެ. ފޮރިން މިނިސްޓްރީގެ އެދުމަކީ ވީހާވެސް އަވަހަށް އެކަން އެމިނިސްޓްރީއަށް އެންގުމެވެ.

"އެމްބަސީ ހުންނަ ގައުމުތަކުގައި އެމްބަސީތަކަށް އަންގަވާ، އަދި އެމްބަސީ ނުހުންނަ ނަމަ އޮންރީ ކައުންސިލްތަކާއި މުއާމަލާތުކޮށް ވަގުތުން އަޅުގަނޑުމެން ވަގުތުން ވަގުތަށް އެހީތެރިވެދޭނެ ގޮތް ހަމަޖައްސަން،" ނިއުޝާދު ވިދާޅުވި އެވެ.

ވިސާއަށް ސަމާލުވޭ!

ގިނަ ދިވެހިން ގައުމުތަކަށް ގޮސް އުޅޭއިރު ވިސާއަށް ސަމާލުކަން ދޭން ޖެހޭ ވަރަށް ނުދޭ މައްސަލައަކީ ވެސް އާންމު މައްސަލައެކެވެ. އެކަމުގެ ސަބަބުން ވިސާގެ މުއްދަތު ހަމަވާއިރު ރާއްޖެ ނާދެވި އެތައް ބަޔަކު ތާށިވެ އެވެ.

"ބައެއް ގައުމުތަކުގައި އެބަ އޮވޭ 90 ދުވަހުގެ އަނެއްބައި ގައުމުތަކުގައި އެބައޮވޭ 30 ދުވަހުގެ އޮންއެރައިވަލް ވިސާ، އެކަމަކު އޭގެ މާނައަކީ އިމިގުރޭޝަންގައި އެއިންނަވާ ބޭފުޅަކު ތައްގަނޑު ޖައްސަވާ އިރު އެޕީރިއަޑް ކޮންމެ ފަހަރަކު ޖެއްސުމެއްވެސް ނޫން، މިސާލަކަށް ޖައްސަވަފާނެ 20 ދުވަސް، އެކަމަކު އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަނީ މިވެނި ގައުމަކަށް ދަންޔާ މިވެނި ދުވަހެއް ލިބޭނޭ، ދެން އެގައުމުގަ އުޅެފައި ފުރަން އައީމާ މިއިނގެނީ މުއްދަތު އިތުރުވެއްޖެކަން،" ނިއުޝާދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ލަފައަކީ ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން އަދި ޓިކެޓް ހަމަޖެއްސުމުގެ ކުރިން ވިސާ ލިބިފައިވާ މުއްދަތު ބަލައި އެކަން ޔަގީން ކުރުމެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ފޮރިން މިނިސްޓްރީތަކާ ހިލާފަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއަކީ ހިލޭ ސާބަހަށް ވިސާގެ ކަންކަން ހަމަޖައްސައިދޭ މިނިސްޓްރީއެކެެވެ.

ރާއްޖެ އިން ބޭރަށް ދަތުރުކުރާއިރު އެ ގައުމުތަކުގެ އިމިގުރޭޝަންއިން މޮނީޓާ ކުރުމަކީ ވެސް މިހާރުގެ ހާލަތަށް ބަލާއިރު ވަރަށް އާންމުކަމެކެވެ. އަޝީރު ވިދާޅުވީ އިމިގުރޭޝަންއިން ކޮށްފާނެ ސުވާލަކަށް ޖަވާބު ދިނުމަށް ތައްޔާރުވެގެން ދިއުން މުހިންމު ކަމަށާއި އެގޮތުން ހުންނަތަނެއް ފަދަ މައުލޫމާތުތައް ލިޔުމަކުން ހިފައިގެން ދިއުމަށް ސަމާލުކަންދޭން ޖެހޭ ކަމަށެވެ.

"ހޮޓެލް ބުކިން އެއް ނުވަތަ ގެއެއްގައި ހުންނަ ނަމަ ރައްޓެހި މީހާގެ މެއިލް ނަމަވެސް ހިފައިގެން ދިއުން މުހިންމު، އެއީ އިމިގުރޭޝަން އޮފިސަރަށް ޖަވާބު ދިނުމަށް،" އިރުޝާދު ވިދާޅުވި އެވެ.

ފުރުމުގެ ކުރިން!

ދަތުރައް ތައްޔާރުވާއިރު އެގައުމަށް ގެންދެވޭނެ އެއްޗިއްސާއި ނުގެންދެވޭނެ ފަދަ ތަކެތީގެ މައޫމާތުތައް ހޯދައި އެކަމަށް އަމަލުކުރުން މުހިންމެވެ. ހާއްސަކޮށް ބޭސް ފަދަ ތަކެތި ގެންދާއިރު ޑޮކްޓަރުގެ ލިޔުން ގެނައުން ވަރަށް މުހިންމެވެ.

"މިސާލަކަށް ބޭސް ގެންދާ ނަމަ މީހަކު ވިދާޅު ނުވިޔަސް އެނގެންޖެހޭ ޑޮކްޓަރުން ލިޔުން އޮންނަންވާނެކަން، މިފަދަ ބޭސިކް ކަންކަން،" ނިއުޝާދު ވިދާޅުވި އެވެ.

ކޮންމެ އަކަސް ބޭރަށް ދަތުރުކުރާ ދިވެހިން މިހާރަށް ވުރެ އެކަމަށް ސަމާލުކަން ދޭންޖެހެ އެވެ. ހާލުގައި ޖެހިދާނެ ކަމަށް ފިޔަވަޅު އަޅަންޖެހެ އެވެ. އެކަންކަން ބެހެލެއްޓުމަށް ބަޔަކު ވަނީ ބައިތިއްބާފަ އެވެ. ފުރުސަތުގެ ބޭނުން ހިފާށެވެ.

comment ކޮމެންޓް