ބ. އަތޮޅުގެ ސްކޫލްތަކުގެ ނަތީޖާ ރަނގަޅުކުރަން ހާއްސަ އެޑޮޕްޝަން ޕްރޮގްރާމެއް ފަށައިފި

ބ. އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން މިއަދު ފެށި އެޑޮޕްޝަން ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ އެޑިއުކޭޝަން

ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ އެޑޮޕްޝަން ޕްރޮގްރާމް ބ. އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ އެ ޕްރޮގްރާމް ފަށްޓަވައި ދެއްވީ ވެސް މިނިސްޓަރެވެ.

ސްކޫލްތަކުގެ ނަތީޖާ ރަނގަޅުކުރުމަށް ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި ސްކޫލްތަކުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކޮށް އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

އެގޮތުން، ޕްރޮގްރާމްގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގެ ސްކޫލްތަކުގެ ވަކިވަކި ނަތީޖާތަކާ މެދު މަޝްވަރާކޮށް، އެ ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައި ދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކޮށް، އެކަންކަމަށް މަސައްކަތް ކުރެވިގެންދާނެއެވެ.

އޭގެ އިތުރުން، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މަހަކު އެއްފަހަރު ބައްދަލުކުރެވި، މަހުން މަހަށް ސްކޫލްތަކުގެ ނަތީޖާތައް އަޅާ ކިޔައި، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރެވި ނަތީޖާ ހާސިލްކުރުމަށް މަގުފަހި ވެގެންދާނެ އެވެ.

ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އެޑޮޕްޝަން ޕްރޮގްރާމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ ކ. އަތޮޅުގެ ސްކޫލްތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން އެ ޕްރޮގްރާމްގެ ދަށުން ކުރެވުނު މަސައްކަތްތަކުން ކ. އަތޮޅުގެ ހުރިހާ ސްކޫލަކަށް ވެސް މިދިޔަ އަހަރުގެ ސާނަވީ ތައުލީމް ނިންމުމުގެ އިމްތިހާނުން ވަނީ ފެނިގެން ގޮސްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކ. އަތޮޅުގެ ސްކޫލްތަކުގެ ކާމިޔާބަށް ބަލައި މިއަހަރުގެ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އއ. އަދި އދ. އަދި ނ. އަތޮޅަށް ފަށާފައިވާއިރު، ހދ. އަދި ލ. އަތޮޅުގެ ސްކޫލްތަކަށް މިއަހަރުގެ ތެރޭގައި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް