ފަރުވާ ކުޑަވެ ކޮންޓްރޯލް ގެއްލިފައިވާ ޑެންގީ ހުންގަނޑަށް ފަރުވާ ނުހޯދިފައި

ބައްދަލުކުރަން އޮންނަ މޫސުމަށް ތައްޔާރުވުމަކީ ދިވެހިންގެ އާދައެކެވެ. ރޯދައަށް ކުލަލައި، ފަރުނީޗަރު އާކުރެ އެވެ. ސްކޫލް ފެށެންވާއިރަށް ފޮތްބައި ހަމަކޮށް، ޔުނިފޯމް ފައްސަ އެވެ. އިންތިހާބަކަށްވަންޏާ ކެމްޕޭނުކޮށް އަވަދިވެ އެވެ. ނަމަވެސް، ކޮންމެ އަހަރަކު ވިއްސާރަ މޫސުމާއެކު އަންނަ ވަރުގަދަ "ހުންގަނޑު"ން ސަލާމަތްވާން ތައްޔާރުވަނީ ކޮންބައެއް ހެއްޔެވެ؟

އަހަރުގެ ވިއްސާރަ މޫސުން ނުވަތަ ޖޫން، ޖުލައި ހިސާބަކީ އެހެން ދުވަސްވަރާ ހިލާފަށް ހުން ފެތުރި، ހޮސްޕިޓަލުގެ އެނދުތައް ފުރޭ ދުވަސްވަރެއްކަން އެއީ އެންމެންނަށް ވެސް އެނގޭ ހަގީގަތަކެވެ. މިއީ ކުރިން ވެސް ދައްކަމުން އައި ވާހަކަ އެވެ. ނަމަވެސް، އެކަމަށް އަޅައި ނުލެވުމުގެ ހިތަ ނަތީޖާ މިއަދު މިވަނީ ފެންނާން ފަށައިފަ އެވެ.

ކަންބޮޑުވާ ދަރަޖަ އަށް ޑެންގޫ ހުން ފެތުރެމުންދާކަމަށް ކަމަށް ބުނެ ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް )ސީސީއެޗްޑީސީ(އިން ދެމުންގެންދިޔަ އިންޒާރުތަކުގެ ސީރިއަސްކަން އެންމެންނަށް އެނގިގެންގޮސްފައި މިވަނީ އެ ބަލީގެ ޝިކާރައަކަށްވެ، ހަތަރު ކުއްޖަކު 48 ގަޑިއިރުތެރޭ މަރުވުމުންނެވެ. އޭގެ ކުރިންވެސް މިއަހަރުތެރޭ ދެ ކުއްޖަކާއި ބޮޑު މީހަކު ވަނީ މަރުވެފަ އެވެ. އަދި 1200 އަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިގެން މިހާތަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލްގެ މެޑިކަލް އޮފިސާ ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވި ގޮތުގައި ޑެންގީ ބަލި ކޮންޓްރޯލުން ނެއްޓި، މަރުވާ ކުދިންގެ އަދަދު އިތުރުވެގެން ގޮސްފައިވަނީ ދުރާލައި ފިޔަވަޅު ނޭޅުމުގެ ސަބަބުންނެވެ. މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެ އިދާރާއިން ގޮވައިލި ގޮވައިލުންތައް ގިނަ ބަޔަކު ހަނދާން ވެސް ނެތް ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"މިދިޔަ ޑިސެމްބަރުން ފެށިގެން އަޅުގަނޑުމެން މިދިޔައީ މިވާހަކަ ދައްކަމުން. ގިނަ ބަޔަކު އެކަން ހަނދާނެއްވެސް ނެތް މިހާރު. މީހުންނަށް ވަރަށް ބޮޑަށް ހީވެފައި މިއޮންނަނީ މަދިރި ކޮންޓްރޯލް ކުރުމަކީ ޑެންގީ އުޅެންޏާ ކުރަން ޖެހޭ ކަމެކޭ. ޑެންގީ ފެތުރޭއިރަށް ފޮގް ކުރީމަ ރަނގަޅުވާނޭ. އެހެންވީމަ ވަރަށް ބޮޑަށް އެކަން ނިގްލެކްޓްކުރެވިފައި ]އަޅާނުލެވި[ އޮންނަނީ، ރަށްރަށުގައި ހާއްސަކޮށް. ދެން ޑެންގީ ފެތުރެން ފެށީމަ އެންމެން އުޅެ ގަންނަނީ ގިނަ ފަހަރަށް،" ނަޒްލާ ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުންދިޔައީ، މަދިރި އާލާވާ ތަންތަން ނައްތާލެވިގެން ނޫނިއްޔާ މިކަމެއް ނިންމާނުލެވޭނޭ،"

ރަށްރަށުގައި ފިޔަވަޅު އެޅުން ލަސްވި ސަބަބުތަކުގެ ތެރޭގައި އިދާރީ ހިންގުމަށް އައި ބަދަލުވެސް ހިމެނެ އެވެ. މަދިރި ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ކައުންސިލްތަކުގެ ޒިންމާ އެއް ކަމަށް ވީއިރު، ކައުންސިލްތަކުގެ މަސައްކަތް ފަށައިގަނެވުނު ގޮތް ލަސްވުމުން މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮޖެކްޓް ރަށްރަށުގައި މިއަހަރު ތެރޭ ހިންގިފައިވަނީ މަދުން ކަމުގައި ވެސް ސީސީއެޗްޑީސީން ބުނެ އެވެ.

ޑެންގީ ހުން އެންމެ ބޮޑަށް ފެތުރެމުންދަނީ ތ، ލ، ގއ، ގދ، އއ، އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގައެވެ. މިހަފްތާތެރޭ ޑެންގީ ހުމުގައި މަރުވެގެން ދިޔަ ހަތަރު ކުދިންން ވެސް ނިސްބަތްވަނީ އަތޮޅުތަކަށެވެ. ގިނަ ކުދިން މަރުވެފައިވަނީ ރަށްރަށުގެ ހޮސްޕިޓަލުތަކުގައި ރަނގަޅު ފަރުވާނުލިބި، ހާލު އިތުރަށް ގޯސްވުމުން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.

އެހެންކަމުން ޑެންގޫ ހުމަށް ރަށްރަށުގައި އިތުރަށް ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމާއި އެ ބަލީގެ އަލާމާތްތައް ފެނުމުން ފަރުވާކުޑަނުކޮށް، އަވަހަށް ފަރުވާ ހޯދުމުގެ މުހިންމުކަން އަންގައިދޭން ޖެހިފައިވާ ކަމަށް ކުރިން ވާހަކަދެއްކެވި ސީސީއެޗްޑީސީގެ މެޑިކަލް އޮފިސާ ވިދާޅުވި އެވެ.

މާލޭގައި ވެސް ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މަދެއް ނޫނެވެ. ސީސީއެޗްޑީސީން ބުނީީ މާލޭގައި އިމާރާތްކުރަމުންދާ ގިނަ ސައިޓުތަކުގައި ހެދިފައިވާ ފެންގަނޑުތަކުގައި ގިނަ އަދަދަކަށް މަދިރި އާލާވަމުންދާ ކަމަށެވެ. "އެކަހަލަ ތަންތަނަށް އަޅުގަނޑުމެން ގޮސްފައިވެސް ފޮގް ކޮށްފައި އެބަހުރި،" ނަޒްލާ ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ސްކޫލްތަކާއި އޮފީސްތަކުގެ ދިޔަދޮވިއާއި ތަންތަން ރަނގަށް ސާފުނުކޮށް ހުރުން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮންމެއަކަސް، ޑެންގީ ހުމާއި ވައިރަލް ފީވާގެ މޫސުމަކީ ކޮންމެ އަހަރަކުވެސް އަންނަ މޫސުމެއް ކަން ދަނެ ތިބެ، އެކަމާ އަޅާނުލައި ތިބުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ރަށްރަށުގައި ހުމާ ފިހެމުންދާ ކުޑަކުދިންނާއި ބޮޑެތި މީހުން ބަލި އެނދުތައް ފުރާލަމުންދާއިރު ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން ހިންގާ ދެދުވަހެއްގެ ފޮގް ކުރުމުގެ ޕްރޮގްރާމަކުން މި މައްސަލަ ހައްލެއް ނުވާނެ އެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފިޔަވަޅު އަޅަން ވަނީ ޖެހިފަ އެވެ. އެގޮތުން މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް އަންނަ ހަފްތާގައި ފަށައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކެބިނެޓުން ނިންމާފައިވާ ނިންމުން ކިތަންމެހާ ވެސް ރަނގަޅެވެ. އެހެންނަމަވެސް އެކަން ކުރަން މިހާރުވެސް މިއޮތީ މާ ލަސްވެފަ އެވެ. ޑެންގީ ހުމުގެ ޝިކާރައަކަށްވެ ގެއްލިގެންދާނެ އިތުރު ފުރާނައަކާ މެދު ވިސްނައި، މިހާރު ވެސް ފިޔަވަޅު އަޅަންވީ އެވެ. ހަފްތާއެއް ދެހަފްތާއަކަށް މަޑުކޮށްގެން ތިބެވޭކަށެއް ނެތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް