އާ އައިފޯނުގައި ތަފާތު ޗާޖިން ޕޯޓެއް؟

އެޕަލްއިން 2012 އިން ފެށިގެން ބޭނުން ކުރަމުންދާ ލައިޓްނިން ޕޯޓު މިއަހަރު ބަދަލު ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރޭ -- ފޮޓޯ: ގެޓީ

ަފުރަތަމަ އައިފޯން ނެރުނުތާ 10 އަހަރު ފުރުން އެޕަލްއިން ފާހަގަކޮށް، މިއަހަރު އެކުންފުނިން ނެރޭ އައިފޯނު ދެކިލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. އަދި އައިފޯން 8 ވާނީ އެންމެ އީޖާދީ ފީޗާތައް ހިމެނޭ އައިފޯނު ކަމަށް ބުނެ އެފޯނުގައި ހުންނާނެ އާފީޗާތަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަ އެވެ.

އެގޮތުން މީގެ ކުރިން އާއްމުވި ރިޕޯޓުތަކުގައިވާ ގޮތުން އައިފޯން 8ގައި ޗާޖް ހިފަހައްޓާ މިންވަރު އިތުރުވެފައި ވަޔަލެސްކޮށް ޗާޖު ކުރެވެން ހުންނާނެ އެވެ. އަދި އެޕަލްއާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ދާދި ފަހުން ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން ކުރީގެ އައިފޯނުތަކާ ހިލާފަށް އާ އައިފޯނުގައި ހުންނާނީ ޔޫއެސްބީ ޓައިޕް ސީ ޕޯޓެކެވެ.

އާ އައިފޯނުގެ ކޮންސެޕްޓެއް ކުރީގެ އައިފޯނުތަކާ އަޅާ ކިޔާފައި -- ފޮޓޯ: ފޯބްސް

އެޕަލްއިން 2012 އިން ފެށިގެން ބޭނުން ކުރަމުން އަންނަ ލައިޓްނިން ޕޯޓު ދޫކޮށްލުމަކީ ބޮޑު ބަދަލަކަށްވީ ނަަމަވެސް އެޕަލް އިން އެންމެ ފަހުން ނެރުނު މެކްބުކާއި މެކްބުކް ޕްރޯއަށް ވަނީ އެބަދަލު ގެނެސްފައެވެ. އަދި މީގެ ކުރިން ގޫގުލް، އެޗްޓީސީ އަދި އެލްޖީ ފަދަ ކުންފުނިތަކުން ވަނީ ޔޫއެސްބީ ސީ ޕޯޓް ހުންނަ ފޯނުތައް ނެރެފައެވެ.

މީގެ އިތުރުން ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން އައިފޯން 8ގައި ހުންނާނީ އަރިމަތިން ވަށްކޮށްފައިވާ ނުވަތަ ކާވްޑް ސްކްރީނެކެވެ. އޭގެ ސަބަބުން 2014 ވަނަ އަހަރުން ފެށިގެން ކާވްޑް ސްކްރީން ހުންނަ ފޯނު ނެރެމުން އައި ސެމްސަންގާ އެޕަލްއާ އޮތް ވާދަވެރިކަން އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް އޭގެއިން އެއްވެސް ހަބަރަކާ ބެހޭ ގޮތުން އެޕަލްއިން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ.

comment ކޮމެންޓް