ބޭރުގެ އުޅަނދުތަކާއި ދިވެހި އުޅަނދުތަކުގެ ފީ ތަފާތުކުރަން ނިންމައިފި

ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް އަޅާފައި--

ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮންނަ އުޅަނދުތަކުން ނެގުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކަންޖެހޭ ފީ، ބޭރު ގައުމުތަކުން އަންނަ އުޅަނދުތަކާއި، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އުޅަނދުތަކުން ނަގާ އަދަދު ތަފާތުކުރުމަށް ނިންމައިފިއެވެ.

ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން ފީ ނެގުމަށް އެޗްޑީސީން ނިންމައި، އެކަން އިއުލާން ކުރީ އާދީއްތަ ދުވަހުއެވެ. އަދި އެ ފީ މިއަދުން ފެށިގެން ނަގާ ގޮތަށް ހަމަޖެއްސިއެވެ. މި ފީ ނަގަން ނިންމުމާ ގުޅިގެން ރާއްޖޭގެ ސަފާރީތަކުގެ ވެރިންގެ ޖަމިއްޔާ، ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެކަމާ ގުޅޭ މަޝްވަރާތަކެއް ކުރުމަށްޓަކައި އެޗްޑީސީއާ އެކު ބައްދަލުވުމަކަށް އެދިފައެވެ. ނަމަވެސް އެޗްޑީސީގެ ފަރާތުން އިއްޔެއާ ހަމައަށް އެކަމަށް އިޖާބައެއް ނުލިބެއެވެ.

މިހާރު އޮތް ގޮތުން، ރާއްޖޭގެ ޓޫރިސްޓު އުޅަނދުތަކާއި ރާއްޖެއިން ބޭރުގެ އުޅަނދުތައް ވެސް ތަފާތުކުރުމެއް ނެތި، ހުޅުމާލޭ ފަޅުގައި އަޅާފައި ބޭއްވެނީ އެ އުޅަނދުގެ ދިގުމިނަށް ބަލައި، މީޓަރަކަށް 50 ޑޮލަރުގެ އުސޫލުންނެވެ.

ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބުނި ގޮތުގައި، އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަން އެ އެސޯސިއޭޝަނަށް ގުޅުއްވައި، ބައްދަލުވުން ނުބޭއްވުނީ ވަގުތު ނުލިބުމުން ކަމަށް ވިދާޅުވިއެވެ.

ލޭމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީއާ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރާ ދެމެދު ފޯނުން ދެކެވުނު ވާހަކަތަކުގެ ތެރޭގައި، އެޗްޑީސީއިން ވަނީ ފީ ނެގުމުގެ އޮނިގަނޑަށް ބަދަލު ގެންނާނެ ކަން ހާމަކުރައްވައިފައެވެ.

ލޭމްއިން ބުނި ގޮތުގައި، ރާއްޖެއިން ބޭރުން އަންނަ އުޅަނދުތަކާއި ރާއްޖޭގެ އުޅަނދުތަކުގެ ފީގެ ފަރަގު ތަފާތު ކުރައްވާނެ ކަމަށް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވިއެވެ.

ލޭމްއިން އިތުރަށް ބުނި ގޮތުން، މިހާރު ކަނޑައެޅިފައިވާ ފީއަށް ބަދަލެއް ގެނައުމަށް އެޗްޑީސީއިން މަސައްކަތް ކުރައްވާނެއެވެ.

"މިހާރު ކަނޑައެޅިފައި އިން ފީއަށް ބަދަލެއް ގެނެވޭނެކަމަށް ޔަގީންކޮށް ބުނަން އަދި ނޭނގުނަސް އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި،" ލިވްއަބޯޑު އެސޯސިއޭޝަނުން ބުންޏެވެ.

ކުރިޔަށް އޮތް ތަނުގައި ޑެއިލީ ފީއެއް ތައާރަފުކޮށް، ހަމައެކަނި ފަޅު ބޭނުންކުރާ މުއްދަތަށް ފީއެއް ދައްކަންޖެހޭ ގޮތަށް އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެޗްޑީސީއިން ބުނި ކަމަށް ލޭމްއިން ބުނެއެވެ.

މީގެ އިތުރުން، ހުޅުމާލޭގެ ފަޅުގައި އެހާ ޖާގަ ނެތުމާއި، އަދި ޖާގަ ދެވޭނީ ފުރަތަމަ ރެޖިސްޓްރީ ކުރާ އުޅަނދަކަށް ކަމުން، މިހާރުވެސް ރެޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށް ގެންދިއުމަށް އެޗްޑީސީއިން އިލްތިމާސްކުރި ކަމަށް ލޭމްއިން ބުންޏެވެ.

"މިހާރު ރެޖިސްޓްރީ ކުރާއިރު ފީ ދައްކަން އަންގާނީ އެ އުޅަނދެއް އޮންނާނެ މުއްދަތަކަށް. ފެށޭ ހަފްތާގައި މި އޮނިގަނޑަށް އިސްލާހު ގެނެސް، އަލުން އިއުލާން ކުރާނެ ކަމަށް ވިދާޅުވި،" އެޗްޑީސީއާ ހަވާލައިދީ، ލޭމްއިން ބުންޏެވެ.

comment ކޮމެންޓް