ޓީސީގެ ތާރީހީ ކާމިޔާބީއާމެދު އެޓީމުގެ ބާނީން ހެވިފައި!

ޓީސީ ސްޕޯޓްސް ކްލަބުގެ އެއް ބާނީ އަދި އެ ޓީމުގެ ކުރީގެ ރައީސް، މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ނަޝީދު (ޑޭވް) -- ސަން ފޮޓޯ: މުހައްމަދު ސަމާޙް

ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ބައިނަލްއަގުވަމީ މުބާރާތެއްގެ ފައިނަލަށް ދަތުރުކުރުމާ އެކު އެކަން ވެގެންދިޔައީ ދިވެހި ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ މޫނުމައްޗަށް ހިނުތުންވުން ގެނެސްދިން ކަމެކެވެ. މި މުބާރާތާ ކުރިމަތިލިއިރު ރާއްޖޭގެ ބައެއް ނޫސްތަކުންނާއި އަދި ބޭރުގެ ބައެއް ނޫސް ތަކުންވެސް ރިޕޯޓް ކޮށްފައިވަނީ ޓީސީ އޮތީ "ގުރޫޕް އޮފް ޑެތް"ގައި ކަމަށެވެ. ނަމަވެސް ހަރުފަތަކަށް ފަހު ހަރުފަތެއް ފަހަނައަޅައި، ޓީމަކަށް ފަހު ޓީމެއް ބަލިކުރަމުން ގޮސް ޓީސީ މިއަދު އެވަނީ ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފައިނަލުގައި އެއްކޮޅުން ވާދަކުރުމުގެ ޝާރަފް ހޯދައިފައެވެ. އަދި އެ ކްލަބު މިވަނީ، ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުންވެސް ޖާގައެއް ހޯދައިފައެވެ.

މި ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރުގައި ކުޅޭ މުބާރަތެއްގެ ފައިނަލަށް ދަތުރު ކުރި ހަމަ އެކަނި ޓީމަކީ ޓީސީ އެވެ. ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އިރްތިޝާމް ވިދާޅުވި ފަދައިން ''ޓީސީން މުޅިގައުމު ފަހުރުވެރިކޮށްދީފި''އެވެ. ދިވެހިންގެ މޫނު މައްޗަށް ހިނިތުންވުންގެނެސްދީފިއެވެ.

އެންމެހާ ދިވެހީން މިއަދު ޓީސީއާ މެދު ފަޚުރުވެރިވާއިރު ޓީސީ ސްޕޯޓްސް ކްލަބު މިހިސާބަށް ގެނެސްދިން ބަޔަކު އެބަތިއްބެވެ. އެ ކްލަބު ހޯދި ކާމިޔަބީ ފާހަގަ ކުރާ ބަޔަކު ފަރުދާގެ ފުރަގަހުގައި ވެސް އެބަތިއްބެވެ. ޓީސީ، ޓީސީއަށް ހެދީ ބަޔަކު ކުރި ބުރަމަސައްކަތުންނެވެ. މިއަދު ރާއްޖެއިން ބޭރުގައި ޓީސީ ފިޔަ ޖަހަމުންދަނީ ބައެއްގެ މިންނެތް މަސައްކަތުންނެވެ. މާލޭގެ ހިސާބުގަނޑެއްގެ ގޮތުގައި ދަންނަ ޓީސީ ފުޓްބޯޅައިގެ ބާރަކަށް ހަދައިދިނީ މި ދަންނަވާ ފަރާތްތަކެވެ.

ޓީސީ ކުޅުންތެރިން މަނަންގް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ--

ޓީސީ މިއަދާ ހިސާބަށް ކުރި ދަތުރު ސަން ސްޕޯޓްސްއާ ހިއްސާ ކުރެއްވީ، ޓީސީގެ އެއް ފައުންޑަރު އަދި އެ ޓީމުގެ ކުރީގެ ރައީސް، މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ނަޝީދު (ޑޭވް) އެވެ. ޑޭވް އަކީ ޓީސީ މިހިސާބަށް ގެނައުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ޓީސީ ދެވަނަ ޑިވިޝަން ފަހަނަ އަޅައި ފުރަތަމަ ޑިވިޝަނަށް ދިޔައިރު އެ ޓިމުގެ ހުރިހާ ކަމެއް ބެލެހެއްޓީ ޑޭވް އެވެ. ހަރަދު ހޯދީ ޑޭވްގެ މޭސްތިރިކަމުގެ ތެރެއިންނެވެ. ކުޅުންތެރިން މޯޓިވޭޓް ކޮށްދިން އެކުވެރިއަކީވެސް ޓީސީ ޑޭވްއެވެ.

ޓީސީ ބައިނަލް އަގުވާމީ މުބާރާތެއްގެ ފައިނަލަށް ދަތުރުކޮށް އެ ޓީމަށް ދިވެހި ފުޓްބޯޅައިގެ ތާރީހީ މަގާމެއް ލިބުމުން އުފަލުން ފޮޅިފައި ހުރެ ޑޭވް ބުނީ، ޓީމު ނެރުނު މި ނަތީޖާގެ ސަަބުން ވެފައި ހުރި އުފާ ބަޔާން ކޮށްދޭންވެސް ނޭނގޭ ކަމަށާއި އެންމެ ބޮޑު ހިތް ހަަމަޖެހުމަކީ އޭނާގެ މޭސްތިިރި ކަމުގެ ދަށުން ޓީމު ފުަރަތަމަ ޑިވިޝަނަށް އަރައި ބައިނަލްއަގުވާމީ މުބަރާތެއްގައި ރާއްޖެ ފަހުރުވެރިކޮށްދެމުންދާތީ ކަމަށެވެ.

"އަޅުގަނޑު މިއަދު ބައްދަލު ކުރިން ޓީސީގެ އެއް ފައުންޑަރު ހަސަން އާވެސް، އަޅުގަނޑު ބުނިން ހަސަން އޭ މިއަދު ބައިނަލްއަގުވަމީ މީޑީއާ ތަކުގެ ފަލަ ސުރިހީތައް އަމާޒުވެފައިވާ ޓީސީ އަކީ އަހަރަމެންގެ ގޯޅި ތެރޭގައި ވަރަށް އާދައިގެ ޓީމެއްގެ ގޮތުގައި ގެންގުޅުން ޓީމޭ. އިއްޔެ އެއީ ހެންވޭރުގެ ފަޚުުރޭ ނަަމަވެސް މިއަދު މުޅި ގައުމުގެ ފަޚުރޭ،" ޑޭވް ވިދާޅުވިއެވެ.

ޓީސީ ސްޕޯޓްސް ކްލަބު ---

ޑޭވް ވިދާޅުވީ، ޓީސީ މިއަދު ހޯދި މި ކާމިޔާބީގެ ހަގީގީ ސިއްރަކީ އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތް ކަމަށެވެ. ޓީސީ ގެ އަމާޒަކީ ކޮންމެ ކަމަކާ ހަވާލުވިޔަސް އެކަމެއް އިތުބަރާއި ޔަގީންކަމާއެކު ކޮށްނިންމާލުމެވެ. ޑޭވް ވިދާޅުވީ ފުރަތަމަ ޑިވިޝަނަށް ޓީމު އެރުމަށް ކުރި ދަތުރުގައިވެސް އެތަކެއް ގޮންޖެހުމާއި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް އެހުރިހާ ހުރަސް ތަކެއް ގިރާކުރީ ޓީމު ޓީމެއްގެ ގޮތުގައި އޮވެގެންކަމަށެވެ.

ޑޭވް ވިދާޅުވީ، މީގެ ކުރިން ޓީސީއާ މެދު ބަޔަކު ވަރަށް ގޯސްކޮށް ދެކެމުން އައި ނަމަވެސް ފުޓްބޯޅައިގެ ތެރެއަށް ޓީމު އައިސް މި ހޭދަވި މުއްދަތުގެ ތެރޭގައި ރައްޔިތުން ޓީސީއާ މެދު ދެކޭ ގޮތް ބަދަލުވެފައިވާކަމަށެވެ. މާލޭގެ ހިސާބުގަނޑެއްގެ ގޮތުގައި ޓީސީ އިރެއްގައި މަޝްހޫރު ވެފައި އޮތަސް މިވަގުތު ޓީސީ އަކީ ދިވެހި ފުޓްބޯޅައިގެ އެންމެ ވިދުން ގަދަ އެއް ޓީމުކަަމަށް ޑޭވް ވިދާޅުވިއެވެ.

ޑޭވް ވިދާޅުވީ ޓީސީގެ މޫނުމަތި ބަދަލުކޮށްލައި ޓީސީއަކީ މީހުން އިހްތިރާމް ކުރާ ބަޔަކަށް ހެދުމަށް ބަޔަކު ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާކަމަށާއި އެ ކުރެވުނު މަސައްކަތުގެ ދަށުން ޓީސީ ސްޕޯޓްސް ކުލަބަށް ނިސްބަތްވާ ގިނަ ޒުވާނުންނަކީ މިއަދު، ހިންގުންތެރި ހީވާގި ބަޔަކަށް ވެފައިވާކަމަށެވެ. މި ބަދަލަށް ޓީސީގެ މެމްބަރުން ބަދަލުކޮށްދިން ވަސީލަތަކީ ތައުލީމް ކަމަށްވެސް ޑޭވް ވިދާޅުވިއެވެ.

ޑޭވް ވިދާޅުވީ، މިއަދު ޓީސީއަށް އާދެވިފައި މިއޮތީ ހުވަފެނަކުންވެސް އާދެވޭނެ ކަމަށް ޤަބޫލު ނުކުރާ ހިސާބަކަށް ކަމަށާއި އެކިއެކި ކުޅިވަރުތައް ކުރިއެރުވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް--

މުޅި ޓީސީ މެނޭޖްމަންޓުވެސް އަދި މުޅި ގައުމުވެސް އޮތީ ޓީސީއާ އެކު ކަމަށައި އުންމީދަކީ މޮޅުވެގެން ދިވެހި ގައުމަށް ތަށިގެނެސްދިނުން ކަމަށް ޓީސީގެ ބާނީ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޓީސީގެ ފައުންޑަރަކަށް ވީތީ އޭރުވެސް އަދި މިހާރުވެސް ފަޚުުރުވެރިވާކަމަށާއި ޓީސީ އަކީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް ވާނެކަން ޓީމު އުފެއްދި އިރުވެސް އޭނާ ޤަބޫކުރި ކަމަށެވެ.

"ނިޒާމްބެއާ މުޅި ޓީމް ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރަން އަޅުގަނޑި އެދެނީ ޓީމު މި މުބާރާތުގެ އެއްވަނަ ހޯދުން،" ޑޭވް ވިދާޅުވިއެވެ.

ޓީސީ ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕަށް ދަތުރު ކުރީ މިދިޔައަހަރުގެ ހުރިހާ މުބާރާތެއްގެ ދެވަނަ ހޯދައިގެންނެވެ. ހުކުރު ދުވަހު ޓީސީ މި މުބާރާތުގެ ފައިނަލުގައި ސައުތް ކޮރެއާގެ ޕޮޗިއޮން އާ ދެކޮޅަށް ނުކުންނަ އިރު ބަންގްލަދޭޝްގެ މީޑިޔާއިންވެސް ފާހަގަކޮށްފައިވަނީ ޓީސީ އަކީ ތަފާތު ކުލަބެއްކަމަށެވެ.

އަންނަ ހުކުރު ދުވަހަކީ ޓީސީގެ އިސްވެރިންނާއި އެކުލަބުގެ ސަަޕޯޓަރުންނަށްވެސް ހާއްސަ ދުވަހަަކަށް ވާއިރު މި މުބާރާތުން އެއްވަނަ ހޯދައިފިނަމަ މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖެ ކުރިއަށް ދިޔުމަށް އަދި މިފަދަ މުބާރާތްތަކުން ފުުރުޞަތު ލިބުމަށް ލިބޭނެ ފަހި ފުރުޞަތަކަށް ވާނެއެވެ.

comment ކޮމެންޓް