ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާނަން: މިނިސްޓަރު

ޑިފެންސް މިނިސްޓަރު ސިފައިންނާއެކު: ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތް ހަދަން އުޅެނީ ސިފައިންގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން-- ސަން ފޮޓޯ

އިންތިހާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރަން މިއަހަރު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާ، ސިފައިން ވޯޓުލުމާ ބެހޭ މާއްދާ މިއަހަރުތެރޭ އުވާލުމަށް ހުށަހަޅާނެ ވާހަކަ ދަންނަވާލަން، ޑިފެންސް މިނިސްޓަރު

މިނިސްޓަރު އެހެން ވިދާޅުވީ ސިފައިންގެ ހެވިކަމުގެ މުބާރާތް ފެށުމަށް ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާންޖެހޭ ކަމަށް ވިދާޅުވެ، މިނިސްޓަރު މިރޭ ވިދާޅުވީ ސިފައިންނަށް ވޯޓުލުމުގެ ހައްގު ކަށަވަރު ކުރާ ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާ އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.

"ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާ، ސިފައިން ވޯޓުލުމާ ބެހޭ މާއްދާ މިއަހަރުތެރޭ އުވާލުމަށް ހުށަހަޅާނެ ވާހަކަ ދަންނަވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ސިފައިންގެ ކޮންމެ މީހަކަށްމެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ވޯޓު ދިނުމުގެ ހައްގަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް ގާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްގެކެވެ.

ގާނޫނު އަސާސީގެ 26 ވަނަ މާއްދާ:

މި ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ، އަންނަނިވި ހައްގުތައް ލިބިގެންވެ އެވެ.

(ހ) އިންތިހާބުތަކުގައްޔާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ހައްގު. މިފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ.

(ށ) އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު.

(ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިހްތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު.

މިނިސްޓަރު ޝަރީފު މިރޭ ވިދާޅުވީ ސިފައިންނަކީ ސިޔާސީ ކަންކަމަށް ބެލުމެއް ނެތި، އަދި ބައިވެރިވުމެއް ނެތި ތިބެންޖެހޭ ބަޔަކަށް ވާންޖެހޭ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. އަދި އެ ގަބޫލުކުރުމަކީ ސިފައިންގެ ދޫސްތޫރު ކަމުގައި ބަލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގައުމީ ކަންކަމުގައި ސިފައިންގެ ކިބައިގައި ހުންނަ ވަރުގަދަ އަޒުމާއި ޖޯޝަކީ ދިވެހި ކޮންމެ ދަރިއެއް ވެސް ފަހުރުވެރިވާނެ ކަންކަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހެވިކަމުގެ ތަމްރީނަކީ ސިފައިންނަށް މުހިންމު ތަމްރީނެއް ކަމަށާއި ސިފައިންގެ ހިތްވަރާއި ކެރުން ފުރިހަމަ ގޮތުގައި މީގެކުރިން ވެސް ސިފައިންގެ ގައިގައި ހުރީ ހެވިކަމުގެ ތަމްރީނުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އަމުރަށް ކިޔަމަން ވުމާއި ހިތްވަރުގަދަ ކަމުގެ މިސާލުތަށް ހެވިކަމުގެ ތަމްރީނުގެ ތެރެއިން ސިފައިންނަށް ފެނި ދަސްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހެވިކަމުގެ މުބާރާތަކީ ސިފައިންނަށް މުހިންމު މުބާރާތެއް. ނަމަވެސް މިދިޔަ އަށް ވަރަކަށް އަހަރު އެ މުބާރާތް ނުބޭއްވުނީ ސިޔާސީ މަޝްރަހު އޮތްގޮތުން. ނަމަވެސް މިހާރު ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވި، ސިފައިންނަށް އެފަދަ މުބާރާތެއް ބޭއްވޭނެ މަގު މިވަނީ ފަހިވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ލަފާފުޅާ އިރުޝާދުގެ ސަބަބުން ދިވެހި ސިފައިންގެ ސުލޫކާއި އަހުލާގު ކުރިއަށްވުރެ ވެސް މިހާރު ރަނގަޅުވަމުންދާ ކަމަށެވެ.

comment ކޮމެންޓް