ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ބްރޭންޑުތަކުގެ ތެރޭގައި އުރީދޫ

މޯބައިލް ވޯލްޑް ކޮންގްރެސް 2017ގައި އުރީދޫ ގްރޫޕުގެ ޕެވިލިއަން -- ފޮޓޯ/ އުރީދޫ

ދުނިޔޭގެ އެންމެ ގަދަ 50 ޓެލެކޮމް ބްރޭންޑުތަކުގެ ތެރޭގައި ގަތަރުގެ ބައިނަލްއަގުވާމީ ޓެލެކޮމް ކުންފުނި އުރީދޫ ހިމެނިއްޖެ އެވެ.

ބްރޭންޑް ފައިނޭންސުން ނެރުނު "ޓެލެކޮމްސް 500" ރިޕޯޓުގައި، އުރީދޫ ލިސްޓުކޮށްފައި ވަނީ 47 ވަނާގައެވެ. މިއީ ދުނިޔޭގެ ގަދަ 50 ބްރޭންޑުގެ ތެރޭގައި އުރީދޫ ހިމެނުނު ފުރަތަމަ ފަހަރެވެ.

މި ރިޕޯޓުގައި ބްރޭންޑުތައް އިވެލުއޭޓު ކުރަނީ ބްރޭންޑުތަކުގެ ބާރާއި، މާކެޓިންގް އިންވެސްޓްމެންޓާއި، މުވައްޒަފުންގެ ހިތްހަމަޖެހުމާއި، ކުންފުނީގެ އިޚްލާސްތެރިކަމުގެ އިތުރުން ކުންފުނީގެ ކޯޕަރޭޓު ރެޕިއުޓޭޝަން އަދި ބްރޭންޑުގެ ވިޔަފާރީގެ އާމްދަނީ ފަދަ އުންސުރުތަކަށް ބަލައިގެންނެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އުރީދޫގެ އަގު ވަނީ މިދިޔަ އަހަރުގެ ތެރޭގައި 48 ޕަސަންޓުން ކުރިއަރައިފަ އެވެ. އެގޮތުން އުރީޑޫ ބައިނަލްއަގުވާމީ ކުރެވި، މިދިޔަ އަހަރު އުރީދޫގެ ބްރޭންޑު ވެލިއު ހުރީ 3.1 ބިލިޔަން ޑޮލަރުގައެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އުރީދޫގެ 138 މިލިޔަން ކަސްޓަމަރުން އުޅޭ އިރު، އުރީދޫއަކީ ދުނިޔޭގައި އެންމެނަން މަޝްހޫރު އެއް ޓެލެކޮމް ބްރޭންޑަށް އަންނަނީ ވަމުންނެވެ.

އުރީދޫގެ މި ކާމިޔާބީއާ ގުޅިގެން އުރީދޫ ގްރޫޕުގެ ސީއީއޯ ސައުދު ބިން ނާސިރު އާލް ޘާނީ ވިދާޅުވީ، އުރީދޫ ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން ކަމަށާޢި، އުރީދޫގެ އޮޕަރޭޝަންސް މިވަގުތު އޮތީ ދުނިޔޭގައިވެސް އެންމެ ތަޖުރިބާ ހުރި އެއް އޮޕަރޭޓަރަށް ވުމަށް ކަމަށެވެ.

ގަތަރުގެ ކިއުޓެލް ޓެލެކޮމް ކުންފުނީގެ ނަން 2013 ވަނަ އަހަރު އުރީދޫއަށް ރީބްރޭންޑުކުރުމާ އެކު، އެ ގްރޫޕުގެ ކުންފުނިތަކުން ދަނީ ޒަމާނީ އެކިއެކި ހަރުފަތްތައް ގިރާކުރަމުންނެވެ. އަދި މެދުއިރުމައްޗާއި އޭޝިއާގެ ގައުމުތަކުގައި އުރީދޫއިން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އުރީދޫއިން ދުނިޔޭގެ 10 ގައުމެއްގައި ހަރަކާތްތެރިވާ އިރު، އޭގެ ތެރެއިން އަށް ގައުމެއްގައި 4ޖީގެ ޚިދުމަތް ތައާރަފު ކޮށްފައިވެއެވެ. އަދި މިހަރު އުރީދޫއިން ދަނީ 5ޖީ ޓެކްނޮލޮޖީ ވެސް ޓެސްޓުކުރަމުންނެވެ.

މިދިޔަ އަހަރު އުރީދޫ ގްރޫޕަށް އާމްދަނީގެ ގޮތުގައި 8.9 ބިލިޔަން ޑޮލަރު ލިބުނު އިރު، ފައިދާގެ ގޮތުގައި 754.5 މިލިޔަން ޑޮލަރު ވަނީ ޖެހިފަ އެވެ.

މިއަހަރުގެ މޯބައިލް ވޯލްޑް ކޮންގްރެސް އިއްޔެ ސްޕެއިންގެ ބާސެލޯނާގައި ފަށާފައިވާ އިރު، އުރީދޫއިން ދަނީ އެކުންފުނީގެ 5ޖީ ޓެކްނޮލޮޖީގެ އަޖުމަ، އެ މައުރަޒަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބަލައިލުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ. މީގެ އިތުރުން އުރީދޫގެ އެހެނިހެން އާ ޓެކްނޮލޮޖީތަކެއް ވެސް އެ މައުރަޒުގައި ދައްކާލާނެއެވެ.

comment ކޮމެންޓް