ޓީސީއާ ދެކޮޅަށް ފައިނަލުގައި ދެކުނު ކޮރެއާގެ ޕޮޗިއޮން

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ސެމީ ފައިނަލުގައި ބަނގްލަދޭޝްގެ ޗިޓަގޮންގް އަބަހާނީ ބަލިކޮށް، ދެކުނު ކޮރެއާގެ ޕޮޗިއޮން އެފްސީ ފައިނަލަށް ދަތުރުކުރުން --

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ސެމީ ފައިނަލުގައި ބަނގްލަދޭޝްގެ ޗިޓަގޮންގް އަބަހާނީ ބަލިކޮށް، ދެކުނު ކޮރެއާގެ ޕޮޗިއޮން އެފްސީ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

މިއަދު ޗިޓަގޮންގް އަތުން 2-1 ލަނޑުގެ ނަތީޖާއަކުން މޮޅުވި ޕޮޗިއޮން ފައިނަލުގައި ނުކުންނަން ޖެހޭނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ޗިޓަގޮންގް އަބަހާނީން ވަނީ ލަނޑެއްޖަހައި ލީޑު ނަގައިފައެވެ. ޗިޓަގޮންގްގެ ކެޕްޓަން މަމޫނުލް އިސްލާމް ނަގައިދިން ކޯނަރަކުން ޗިޓަގޮންގްއަށް ލީޑު ހޯދައިދިނީ ޖަމާލް ބޫޔާންއެވެ. ޕޮޗިއޮންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޫޔާންއަށް ބޯޅަ ލިބުނުއިރު އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ޕޮޗިއޮންއިން ވަނީ ޕެނަލްޓީއަކުން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޗިޓަގޮންގްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ކުޅުންތެރިޔަކު ކުރި ފައުލާ ގުޅިގެން ޕޮޗިއޮންއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޭންގް ޔޮންގްއެވެ.

ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ނުވަނީސް ޕޮޗިއޮންއިން ވަނީ އިތުރު ލަނޑެއް ޖަހައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިފައެވެ.

ޕޮޗިއޮންއަށް އެލަނޑު ކާމިޔާބުކޮށްދިނީ ޕާކް ސިއުންގް ރިޔޯލްއެވެ. އޭނާ އެލަނޑު ޖެހީ ޗިޓަގޮންގްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްވި ބޯޅަ އެޓީމުގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ލިބުނު ބޯޅައަކުންނެވެ.

ފައިނަލުގައި ޓީސީއާއި ޕޮޗިއޮން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ 17:30 ގައެވެ. ގްރޫޕް ސްޓޭޖުގައި ވެސް ޕޮޗިއޮންއާއި ޓީސީ ބައްދަލުކޮށްފައިވެއެވެ. އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. މިއީ ޓީސީން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލަށް ރާއްޖޭގެ ކްލަބެއް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް