ނާދީއާއި އޯޑިއޯން ފްލެޓުގެ ބިންގާ އަޅައި، އޯޑިއޯން ފްލެޓުތައް ވިއްކަން ފަށައިފި

އޯޑިއޯންގައި އަޅާ ޓާޓާ "ލަގްޒާ ވަން" ފްލެޓު އެޅުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ---- ފޮޓޯ/ ޓްވިޓާ

އިންޑިއާގެ ޓާޓާ ހައުސިންގްއަށް އޯޑިއޯން އަދި ސަރުކާރު މުވައްޒަފުންގެ ނާދީގެ ބިމުގައި އަޅާ ފްލެޓުތަކުގެ ބިންގާ މިއަދު އަޅައިފި އެވެ.

ފްލެޓުތަކުގެ ބިންގާ އެޅީ، ފްލެޓު އެޅުމުގެ މަސައްކަތް ނުފަށައި، ގިނަ ދުވަސް ވުމުގެ ސަބަބުން ސަރުކާރުން، އެތަނުގެ އެއްބަސްވުން ބާތިލުކުރާނެ ކަމުގެ ނޯޓިސް ދީފައި ވަނިކޮށެވެ.

ނާދީއާއި އޯޑިއޯންގައި މިއަދު ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި، ދެ ސައިޓުގައި ވެސް ފްލެޓު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ ވަނީ އަޅައިފަ އެވެ. ބިންގާ އަޅުއްވައިދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ އެވެ. އެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިއެއް ބައިވެރިވެވަޑައިގެންފައި ނުވި ނަމަވެސް، މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަނާހުއަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ، އެޕެކްސް ރިއަލްޓީގެ ރާއްޖޭގެ ޕާޓްނަރު ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ޗެއާމަން ވެސްމެ އެވެ.

ނާދީއާއި އޯޑިއޯންގައި އަޅަނީ ލަގްޒަރީ ފްލެޓެވެ. ނާދީގައި އަޅާ ފްލެޓުތަކަށް ކިޔަނީ "ނާދީ"އެވެ. އަދި އޯޑިއޯންގައި އަޅާ ފްލެޓުތަކަށް ކިޔަނީ "ލަގްޒާ ވަން"އެވެ.

އޯޑިއޯންގައި 850 އަކަފޫޓު، 1،200 އަކަފޫޓު އަދި 1،300 އަކަފޫޓުގެ ހުންނަ އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ 54 ފްލެޓު ހަދަ އެވެ. އެ އިމާރާތް ހުންނާނީ 12 ބުރިއަށެވެ.

އޯޑިއޯން ފްލެޓުތައް ގަތުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފަ އެވެ. އޯޑިއޯން ފްލެޓުތަކުގެ އަގު އުޅެނީ 4.5 މިލިޔަން ރުފިޔާއާ ހަ މިލިޔަން ރުފިޔާއާ ދެމެދުގެ އަގުގަ އެވެ.

މީގެ އިތުރުން، ނާދީގެ ބިމުގައި 12 ބުރީގެ އިމާރާތެއްގައި އަޅާ 73 ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގެ ފުރުސަތު އޭޕްރިލް މަހު ހުޅުވާލާނެ އެވެ. ނާދީ ފްލެޓުތަކުގެ އަގު އުޅެނީ ފަސް މިލިޔަނާ ހަތް މިލިޔަން ރުފިޔާއާ ދެމެދުގަ އެވެ.

comment ކޮމެންޓް