މިނިވަންކަން ގެއްލިދާނެތީ ރަޝިއާގެ 350 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް ކިރިބަޓީ އެއްބަސްނުވި!

ކިރިބާޓީގެ ޖަޒީރާއެއް ---

ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމު ކިރިބާޓީގައި ރަޝިއާއިން 350 މިލިޔަން ޑޮލަރު އިންވެސްޓުކޮށްގެން ރިސޯޓެއް ހެދުމަށް ހުށަހެޅި ހުށަހެޅުމަށް ކިރިބާޓީއިން ނޫނެކޭ ބުނެފި އެވެ.

ރަޝިއާގެ ރަސްކަން އަލުން އިޔާދަކުރުމަށް މަސައްކަތްކޮށް، އެކަމަށް ގޮވާލާ މޮނާކިސްޓް ޕާޓީގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ އެންޓަން ބަކޯވް ހުށަހެޅި އިންވެސްޓްމެންޓަކީ، 1917 ވަނަ އަހަރު ރަޝިއާގެ އިންގިލާބުގައި ރަސްކަމުން އަޒުލުކުރެވުނު ރޯމަނޮވް ދަރިކޮޅުގެ ރަސްކަން އިޔާދަކުރުމަށް އެދިގެން ހުށަހެޅި މަސައްކަތެކެވެ.

ކިރިބާޓީގެ އެންމެ ދެކުނުގައި އޮތް ތިން ޖަޒީރާއެއްގައި، ރިސޯޓު ކޮމްޕްލެކްސްއަކާ އެކު ބަކޯވް ތަރައްގީކުރުމަށް އެދިވަޑައިގަތީ "އޮލްޓަނޭޓިވް ރަޝިއާ" ނުވަތަ ބަދަލު ރަޝިއާއެކެވެ.

ކިރިބާޓީގެ ރައީސް ޓަނޭޓީ މަމާއުއާ އެކު ރަޝިއާ މޮނާކިސްޓް ޕާޓީގެ ޗެއާމަން (ވ) އެންޓަން ބަކޯވް ----

ނަމަވެސް މި މަޝްރޫއާ އެކު ކިރިބަޓީގެ ދެކުނުގެ ތިން ޖަޒީރާގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލެއެކެވެ. ބަކޯވް ވަނީ، އެ ތިން ރަށުގެ އިހްތިސާސާއި ގާނޫނީ ބާރުވެސް ގަތުމަށް އެދިފަ އެވެ. ނަމަވެސް ކިރިބާޓީގެ ބައެއްގެ އިސްތިގުލާލު ގެއްލޭތީ، ކިރިބާޓީގެ ސަރުކާރުން ނިންމީ ބަކޯވްގެ އިންވެސްޓްމެންޓަށް ފުރުސަތު ނުދިނުމަށެވެ.

ރަޝިއާގެ މޮނާކިސްޓް ޕާޓީގެ ޗެއާމަން އެންޓަން ބަކޯވް، ކިރިބާޓީގައި ކުރަން ހުށަހެޅި އިންވެސްޓްމެންޓްގެ މައުލޫމާތު އާންމުކުރީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އޭނާ ބުނީ، ރަޝިއާގައި މިހާރު އޮތް، ރައީސް ވްލަޑީމިރް ޕޫޓިންގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހިފައިވާ ގިނަ އަދަދެއްގެ ރައްޔިތުން، އޭނާ ކިރިބާޓީގައި ކުރަން އުޅޭ އިންވެސްޓްމެންޓަށް ތާއީދުކުރާ ކަމަށެވެ.

ދެހާސް އެގާރަވަނަ އަހަރު ބަކޯވް ވަނީ ރަޝިއާގައި "އިމްޕީރިއަލް ތުރޯން" ނުވަތަ ޝާހީ ތަޚުތުގެ ނަމުގައި ދައުލަތެއް އިއުލާނުކޮށްފައެވެ. އަދި އެ "ރަސްކަމުގެ" ވެރިއަކަށް ޖަރުމަނުގެ ޝާހީ އާއިލާގެ ބޭފުޅަކު ވެސް އައްޔަނު ކޮށްފައިވެ އެވެ.

ކިރިބާޓީއަކީ ޕެސިފިކް ކަނޑުގެ މެދުތެރޭގައި، 3.5 މިލިޔަން އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ 33 އަތޮޅާއި ފަރުތަކަކާއި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ކުޑަ ގައުމެކެވެ. އެގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 105،000 މީހުންނެވެ. އިނގިރޭސީންގެ އަތްދޮށުން ކިރިބާޓީ މިނިވަންވީ 1979 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.

comment ކޮމެންޓް