ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ ކިމް ޖޮންގް އުންގެ އަމުރުގެ ދަށުން: ދެކުނު ކޮރެއާ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް -- ފޮޓޯ: އޭއެފްޕީ

ސޯލް (ފެބްރުއަރީ 28): ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ އޭނާގެ ކޮއްކޯފުޅު އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ އަމުރުގެ ދަށުން ކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ޖާސޫސީ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވި ގޮތުގައި ކިމް ޖޮންގް ނަމްގެ މަރުގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ދެ އަންހެނުން ރެކްރޫޓް ކުރީ އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީ އާއި ގައުމީ ސަލާމަތާ ބެހޭ މިނިސްޓްރީންނެވެ.

"ކިމް ޖޮންގް ނަމް އަވަހާރަކޮށްލުމަކީ ކިމް ޖޮންގް އުންގެ އަމުރުގެ ދަށުން ރާވައިގެން ކުރި ކަމެއް،" ދެކުނު ކޮރެއާގެ ޓީވީތަކުން ދެއްކި ތަގުރީރެއްގައި މަޖިލިސް މެމްބަރު ކިމް ބިޔުން ކީ ވިދާޅުވި އެވެ.

ކިމް ބިޔުން ކީ ވިދާޅުވި ގޮތުގައި ކިމް އަވަހާރަކޮށްލުމުގައި އެކަން ރޭވުމަށާއި، ރޭވުމާ އެއްގޮތަށް އަމަލު ކުރުމަށް ދެ ގުރޫޕަކާއި، އެ ދެ ގުރޫޕަށް އެއްބާރުލުން ދިން ގުރޫޕެއް ބައިވެރިވެފައިވެ އެވެ. އަދި އެކަން ރޭވި ދެ ގުރޫޕުން ފުރަތަމަ މަސައްކަތް ކުރީ ވަކިން ކަމަށާއި، ދެ ގުރޫޕުން އެއްކޮށް މަސައްކަތް ކުރީ މެލޭޝިއާއަށް ގޮސް ކަމަށް މަޖިލިސް މެމްބަރު ވިދާޅުވި އެވެ.

އެގޮތުން ދެ ގުރޫޕުގައި ވެސް ގައުމީ ސަލާމަތާ ބެހޭ މިނިސްޓްރީގެ މެމްބަރަކާއި ފޮރިން މިނިސްޓްރީގެ މެމްބަރަކު ހިމެނޭ ކަމަށާއި ކިމް އަވަހާރަކޮށްލުމަށް އެ ދެ ގުރޫޕުން ވިއެޓްނާމުގެ އަންހެނަކާއި އިންޑޮނޭޝިއާގެ އަންހެނަކު އެމީހުންގެ ގުރޫޕުގައި ބައިވެރި ކުރި ކަމަށް ކިމް ބިޔުން ކީ ވިދާޅުވި އެވެ. އަދި ކިމް އަވަހާރަކޮށްލި ފަހުން އެ ދެ އަންހެނުން މެލޭޝިއާގައި ހައްޔަރުކޮށްފައިވާ އިރު، އެ ދެ ގުރޫޕުގައި ހިމެނޭ އުތުރު ކޮރެއާގެ މިނިސްޓްރީތަކަށް ނިސްބަތްވާ މީހުން ވަނީ އަނބުރާ ގައުމަށް ގޮސްފައި ކަމަށް ދެކުނުން ބުނެ އެވެ.

މީގެ އިތުރުން ކިމް އަވަހާރަކޮށްލުމުގައި ހަރަކާތްތެރިވި ދެ ގުރޫޕަށް އެހީ ފޯރުކޮށްދިނުމުގައި މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީއަށް ނިސްބަތްވާ ފަރާތްތަކާއި އެގައުމުގެ ގައުމީ އެއާލައިނުގައި މަސައްކަތް ކުރާ ފަރާތްތަކާއި ޕްރައިވެޓް ކުންފުންޏެއް ބައިވެރިވި ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާ އިން ބުނެ އެވެ.

މީގެ ކުރިން އުތުރު ކޮރެއާއިން ވަނީ ކިމް ޖޮންގް ނަމްގެ މަރާ އެގައުމާ ގުޅުމެއް ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަދި ދެކުނު ކޮރެއާއިން 'ދޮގު ހަބަރު' ފަތުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މިމަހުގެ 13 ވަނަ ދުވަހު މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކިމް އަވަހާރަކޮށްލާފައި ވަނީ ނާރުގެ ނިޒާމަށް ހަމަލާދޭ ވީއެކްސް ކިޔާ ކެމިކަލެއް ބޭނުންކޮށްގެން ކަމަށް މެލޭޝިއާ އިން ބުނެ އެވެ. އަދި އެވިހައިގެ ސަބަބުން ކިމް އަވަހާރަވާން ނެގީ އެންމެ 20 މިނިޓު ކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުންޏެވެ. (ސީއެންއެން)

comment ކޮމެންޓް