މެލޭޝިއާގައި ތެޔޮ ސާފުކުރާ ކާރުޚާނާއެއް އެޅުމަށް ސައުދީން ހަތް ބިލިޔަން ޑޮލަރު

ސަައުދީ ރަސްގެފާނު ސަލްމާނަށް މެލޭޝިއާގެ ބޮޑުވަޒީރު މަރުހަބާ ވިދާޅުވަނީ ------

މެލޭޝިއާ ސަރުކާރުގެ، ތެލާ ބެހޭ ކުންފުނި ޕެޓްރޯލިއަމް ނެޝަނަލް (ޕެޓްރޯނަސް)އިން އަޅާ، ތެޔޮ ސާފުކުރާ ކާރުޚާނާ ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއިން ހަތް ބިލިޔަން ޑޮލަރު އިންވެސްޓުކުރަން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދު މިހާރު މެލޭޝިއާއަށް ވަޑައިގެން އުޅުއްވާ އިރު، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ތުން ރައްޒާގު އިއްޔެ ވިދާޅުވި ގޮތުގައި، ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯއިން ޕެޓްރޯނާސްގެ ތެޔޮ ރިފައިނަރީ ޕްލާންޓް އެޅުމަށް ހަތް ބިލިޔަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށެވެ.

ނަޖީބު ވިދާޅުވީ އެއީ މެލޭޝިއާގެ ޖޮހޯރް ސްޓޭޓުގައި އަޅާ 27 ބިލިޔަން ޑޮލަރުގެ ރިފައިނަރީ އެންޑް ޕެޓްރޯކެމިކަލް އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް (ރެޕިޑް) ޕްރޮޖެކްޓުގެ ދަށުން އަޅާ ތެޔޮ ރިފައިނަރީ ޕްލާންޓެއް ކަމަށެވެ.

މި ޕްރޮޖެކްޓް 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަށާ އިރު، އޭގެ ތެރޭގައި ދުވާލަކު ތިން ލައްކަ ބެރެލް ތެޔޮ ސާފުކޮށް، ބަންދުކުރެވޭ ނިޒާމު ގާއިމުކުރެވޭނެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ، ސައުދީގެ މި އިންވެސްޓްމެންޓަކީ ސިޔާސީ ކަމެއް ކަމަށް ރައްޔިތުން ނުދެކޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަޅުގަނޑުމެން ޗައިނާއަށް ދިއުމުން ނަންވީ ގައުމުގެ އިސްތިގުލާލި ވިއްކާލީ ކަމަށް. މިހާރު ސައުދީއިން މެލޭޝިއާގައި އިންވެސްޓުކުރާތީ ބުނާނެ އެއްޗަކާ މެދު އަޅުގަނޑުމެންނަށް ފިކުރުކުރެވޭ،" ބޮޑުވަޒީރު ނަޖީބު ތުން ރައްޒާގު ވިދާޅުވިއެވެ.

ސައުދީގެ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފައިވާ އިރު، އެއަށް ފަހު އިންޑޮނޭޝިއާ، ޗައިނާ، ޖަޕާން އަދި ދިވެހިރާއްޖެއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް