އެމެރިކާއަށް ގޮންޖެހުމަށްފަހު އީރާނުން މެދުރާސްތާގެ ކްރޫޒް މިސައިލެއް ތަޖްރިބާކޮށްފި

އީރާނުގެ މަނަވަރަކުން ކްރޫޒް މިސައިލެއް ފޮނުވާލަނީ

ތެހެރާން (ފެބްރުއަރީ 27) : އީރާނުން މެދުރާސްތާގެ ކްރޫޒް މިސައިލެއް ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފިއެވެ. އެ ތަޖުރިބާކުރީ ގަލްފުގާއި އުމާން ކަނޑުއޮޅި އާއި ހުރްމުޒް ކަނޑުއޮޅި އާއި އަރަބި ކަނޑުގެ އުތުރު ސަރަހައްދުގައި އީރާނުން ކުރިޔަށް ގެންދާ އަސްކަރީ ތަމްރީންތަކެއްގައި ބައިވެރިވާ އީރާނުގެ ކަނޑުގެ ސިފައިންގެ މަނަވަރަކުންނެވެ.

އީރާނުން ތަޖްރިބާކުރީ އެ ގައުމުން އަމިއްލައަށް އުފައްދާފައިވާ ނަސީރު މަރުކާގެ ކްރޫޒް މިސައިލެއް ކަމަށް ޚަބަރުތައް ބުނެއެވެ. އީރާނުގެ ދިފާއީ ވަޒީރު ޖެނެރަލް ހުސައިން ދަހްޤާން ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ދަހްގާން ވިދާޅުވީ "ނަސީރު" މަރުކާގެ ކްރޫޒް މިސައިލް ތަޖްރިބާ ވަރަށް ކާމިޔާބު ކަމަށާ އޭގެ އަމާޒަށް ވަރަށް ފުރިހަމަކަމާއެކު އެމިސައިލް ވާސިލް ވި ކަމުގައެވެ. ދަހްގާން އާ ހަވާލާދީ އީރާނުގެ ފާރިސް ނޫސް އެޖެންސީ ބުނާގޮތުން މުސްތަގްބަލްގައި އީރާނުން ބެލަސްޓިކް މިސައިލާއި ކްރޫޒް މިސައިލްގެ އިތުރު ތަޖްރިބާތައް ކުރަމުން ގެންދާނެއެވެ.

އީރާނުން އުފައްދާފައިވާ ކްރޫޒް މިސައިލްތަކެއްއީރާނުން ކްރޫޒް މިސައިލެއް ތަޖްރިބާ ކޮށްފައިމިވަނީ އެއްވެސް ބާވަތެއްގެ މިސައިލް ތަޖްރިބާއެއް ނުކުރުމަށް އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް އެއިންޒާރަށް ގޮންޖެހުމަށްފަހުގައެވެ. މިއީ އެމެރިކާ ދޭ އިންޒާރުތަކަށް އީރާން ގޮންޖަހާ ފުރަތަމަ ފަހަރެއްނޫނެވެ. އީރާނުން ނިއުކްލިޔަރ ޓެކްނޮލޮޖީއާއި މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކޮށްފައިވަނީ އެމެރިކާގެ ބިރުދެއްކުންތަކާއި އިންޒާރުތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ކުޑަކޮށްވެސް ބެލުމެއްނެތި އެމެރިކާއަށް ފާޅުގައި ތަހައްދީކޮށް ގޮންޖަހައިގެންނެވެ. ނަމަވެސް އީރާނާ ކުޅެލުމަށް މިހާތަނަށް އެމެރިކާއަށް ކެރިފައެއް ނުވެއެވެ. އެމެރިކާއަކީ ތާލިބާނުންނާއި އައިއެސްފަދަ ޖަމާއަތްތަވެސް ބަލިކޮށް ނުލެވުނު ގައުމެއް ކަމަށް އީރާނުގެ ނޫސްތަކުން ތަންކޮޅެއްކުރިން ސިފަކޮށްފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހު އީރާނުންވަނީ ބެލަސްޓިކް މިސައިލެއްވެސް ތަޖްރިބާކޮށްފައެވެ. އެ ތަޖްރިބާއާ ގުޅިގެން އެމެރިކާވަނީ އީރާނަށް އިންޒާރުދީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އީރާނުންވަނީ އެމެރިކާއިން އަޅަންބޭނުންވާ ކޮންމެ ފިޔަވަޅެއް އެޅިނަމަވެސް އީރާނުގެ އަމިއްލަ ދިފާއަށާއި އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރިޔަށްގެންދާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާއަށްވެސް މިސައިލް ތަޖްރިބާކުރެވޭނަމަ އީރާނުންވެސް އެކަން ކުރާނެކަމުގެ އިންޒާރު އީރާނުންވަނީ ދީފައެވެ.

އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޚުދު އެމެރިކާގެ އެތެރޭގައިވެސް ހޫނު ފެނަށް ވެއްޓިފައިވާ ބޭފުޅެކެވެ. މީގެއިތުރުން އެމެރިކާގެ ބައިވެރިން ކަމަށްވާ ޔޫރަޕްގެ ގައުމުތަކުންވެސް ގެންދަނީ ޓްރަމްޕަށާއި އޭނާގެ ސުލޫކަށާއި އޭނާގެ ސަރުކާރަށް ފާޅުގައި ފާޑުކިޔަމުންނެވެ.

ޓްރަމްޕްގެ ސަރުކާރަކީ ފަހުގެ ތާރީޚުގައި އެމެރިކާގައި އުފެދުނު އެންމެ ބަލިކަށި ސަރުކާރުކަމަށް މުހައްލިލުން ސިފަކުރެއެވެ. އަދި ކައިރި މުސްތަގްބަލެއްގައި އެމެރިކާގެ ކޮންގްރެސް އިން ޓްރަމްޕް އިންޕީޗް ކޮށް އޭނާ މަގާމުން ދުރުކުރުމަކީ އެކަށީގެންވާ ކަމަށްވެސް ބައެއް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު