ގެއްލެނީއެއް ނޫން، މަސްވެރިން ގަވައިދާ ހިލާފުވަނީ

މަސްވެރިކަން ކުރާ ދޯންޏެއް. -- ސަން ފައިލް ފޮޓޯ

މިޒަމާނުގައި ވެސް މަސްވެރިން މަހަށް ފުރުމަށް ފަހު އާއިލާތަކާއި އޮޑިވެރިމީހާ މިޖެހެނީ ނޭވާ ހިފަހައްޓާލައިގެން ހުންނާށެވެ. ފޯނު ހުޅުވާނެއިރަކަށެވެ. ނޫނީ ގުޅާލާނެ އިރަކަށެވެ. އެހެން ހުއްޓާ ހަބަރެއްނުވެ ދެތިން ދުވަސްވުމުން ސިފައިންނަށް ހުށައަޅަނީ އެވެ. ސިފައިން ނުކުމެ އެދޯނި ހޯދުމަށް އެތައް ލައްކަ ރުފިޔާއެއް ހަރަދުުރެ އެވެ. އެވަރުން ނުފެނިގެން އަވައްޓެރި ގައުމުތައް އެލާޓަށް ގެނެ އެވެ. އެހެން އުޅެނިކޮށް ކުއްލިއަކަށް ދޯނީގެ ހަބަރެއްވަނީ އެވެ. ގުޅާފައި ބުނަނީ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.

މިއީ މިހާރު އާންމު ވެއްޖެ މައްސަލައެކެވެ. މަހަކު ދެތިން ދޯންޏެއް ގެއްލިގެން ހޯދަން އިއުލާންކޮށް އެތައް ހަރަދެއް ކުރަންޖެހެ އެވެ. އާއިލާތައް ބިރުވެރިކަމެއްގެ ތެރެއަށް ދަނީ އެވެ. ކަންވީގޮތް ބަލާއިރު ތާކުންތާކު ނުޖެހޭ ކަމެއްގަ އެވެ. ކާބަފައިން ޒަމާނުގައި ހިނގި ކަންކަން މިއަދު ހިނހާއިރު މިޒަމާނާ ނުވެސް ގުޅެ އެވެ.

އެންމެ ފަހުން ގެއްލިގެން އުޅުނު ހއ.ތުރާކުނު، "ބްލޫ ފިޝް 1" ދޯންޏަށް ވެސްވީ ހަމައެހެންނެވެ. އެތައް ވަސީލަތެއް ބޭނުންކޮށްގެން ދޯނި ހޯދަމުންދަނިކޮށް ދޯނީގެ ހަބަރެއްވީ މިދިޔަ ހޯމަ ވިލޭރޭ ދަންވަރު އެވެ. އެދޯނީގެ ކެޕްޓަން މުހައްމަދު ވަހީދު ބުނީ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށާއި މަސް އައިނެއްގައި މަސް ބާނަން ތިބީ ކަމަށެވެ. އެކަމަކު ގައުމު އޮތީ އެލާޓުގަ އެވެ.

ހއ.ތުރާކުނު "ބްލޫ ފިޝް" ދޯނި. އެދޯނި ފެނުނީ ގެއްލިގެން އަސްކަރިއްޔާއިން އެތައް މަސައްކަތެއް ކުރަނިކޮށް:

ޓެލެކޮމް ކުންފުނިތަކުން މޯބައިލް ފޯނަށް ހިދުމަތްދޭ ރޭންޖް ނުލިބޭ ނަމަ ހަބަރެއްވެވޭނެ ގޮތެއް ދޯންޏަކުނެތެވެ. ދޯނި ދަތުރުކުރާގޮތް ބެލޭނެ ޑިވައިސް އެއް ހަރުކޮށްފައެއްނެތެވެ. ގިނަ ދޯނިތަކެއް ގެއްލޭއިރު ހަގީގަތަކީ މިއީ އެވެ. ދެން އިންޖީނަށް ނުވަތަ މީހަކަށް ގެއްލުމެއްވާ ފަހަރު ކަންވާނެ ގޮތް ވިސްނަވާށެވެ.

ދޯނިތަކުން ގަވައިދާ ހިލާފް!

ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދު ނުވަތަ އެކްސްކްލޫސިވް އިކޮނޯމިކް ޒޯން(އީއީޒެޑް) އަކީ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލްމޭލު ފުޅާ ރާއްޖޭގެ ސަރަހައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަހައްދާއި، އެސަރަހައްދުގެ ކަނޑުގެ އަޑީގައިވާ ފަސްގަނޑެވެ.

ދިވެހި ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ދިވެހިން އާންމުކޮށް މަސްވެރިކަމުގައި ހަރަކާތްތެރިވާންޖެހޭނީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރު ދުނީގެ ފުއްޓަރުން 75 މޭލަށްކަމަށް ބުނެފައިވެ އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުކަމަށްވާ 200 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން ހުއްދަދޭ އުސޫލްތަކެއް ހުރެ އެވެ.

17 ނޮވެމްބަރު 2016: މާލެ ފަޅުގައި އޮތް ދޯޔެއްގެ ވަތުން މަސްތަކެއް ނަގަނީ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

މަސްވެރިކަމާ ބެހޭ ރާއްޖޭގެ ގަވައިދުތައް ބުނާ ގޮތުން ރާއްޖޭގެ އަތޮޅުތަކުގެ ބޭރު ދުނީގެ ފުއްޓަރުން ބޭރަށް 100 މެއިލަށް ވުރެ ދުރަށް މަސްވެރިކަމަށްދާ ނަމަ "ވެސަލް ލޮކޭޓިން ޑިވައިސް" ހަރުކުރަން މަޖުބޫރެވެ.

އެޑިވައިސްގެ ސަބަބުން އެ ޑިވައިސް ހަރުކޮށްފައިވާ އުޅަނދުގެ ސިގްނަލް ކޮންމެ ގަޑިއިރަކު އެއްފަހަރު މޮނިޓަރިން ސްޓޭޝަންތަކަށް ލިބި އުޅަނދުގެ ހަރަކާތްތައް އެކްސަސް ދޭ ފަރާތްތަކަށާއި ކޯސްޓް ގާޑުންނާއި ފިޝަރީޒް މިނިސްޓްރީން ދާއިމީ ގޮތެއްގައި މޮނީޓާ ކުރެވިގެންދާނެ އެވެ. އަދި ހާލުގައި ޖެހިއްޖެ ނަމަ ޑިސްޓްރެސް ބަޓަން މެދުވެރިކޮށް ކޮންމެ ފަސް މިނަޓަކުން އެމަޖެންސީ ސިގްނަލްތަށް މޮނިޓަރިން ސްޓޭޝަންތަކަށް ފޮނުވަމުން ގެންދާނެ އެވެ.

މިހާރު ރާއްޖޭގައި ކަންނެލި މަސްވެރިކަން ފަދަ މަސްވެރިކަމުގައި ދުއްވަނީ މީހުން ދިރިއުޅޭ ގެތައް ފަދައިން ފުރިހަމަ ވަސީލަތްތަކާ އެކު ހަދާފައިވާ ދޯނިފަހަރު ކަމަށްވާއިރު އެދޯނިތައް މާކަނޑުތަކުގައި މަސްވެރިކަމުގައި އެތައް ދުވަހެއް ހޭދަކުރެ އެވެ. ނަމަވެސް ހިތާމައަކީ އެދޯނިތަކުގެ ކައިރީގައި އެހެން ދޯންޏެއް ނެތް ނަމަ މުއާސަލާކުރެވޭނެ އެއްވެސް ގޮތެއް ގިނަ ދޯނިތަކުގައި ނެތް ކަމެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހާފިޒް ވިދާޅުވީ މަސްވެރިން ފުރައިގެން ދަނީ ގަވައިދާ އެއްގަތަށްތޯ ބެލުމަށް ސިފައިންނާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

ހިދުމަތްތައް ފަސޭހައިން ލިބެންހުރޭ!

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ވިދާޅުވި ގޮތުގައި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މަސް އުޅަނދުތަކަށް ހާއްސަ ދޯނި އޮންނަތަން ބެލޭ ޑިވައިސް އެކުންފުނިން ހަރަދުކޮށްދޭ ކަމަށެވެ. ހަމައެއާ އެކު މޯބައިލް ފޯނަށް ރޭންޖު ނުލިބޭ ނަމަ ކޮންމެ ސަރަހައްދެއްގައި އޮވެގެން ވެސް ގުޅާލެވޭނެ ސެޓްލައިޓް ފޯންގެ ހިދުމަތް ފޯރުކޮށްދޭ ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އެކުންފުނީގެ ވެސަލް ލޮކޭޓް ޑިވައިސްގެ ދެ ޕެކޭޖެއް ތައާރަފްކޮށް ހިދުމަތްދެމުން އަންނަ ކަމަށެވެ. އެއް ޕެކޭޖުގެ ދަށުން އުރީދޫގެ ރޭންޖު ލިބޭ ސަރަހައްދުތަކުގައި އުޅަނދު ދަތުރުކުރާގޮތް އެކްސަސް ދޭ ބަޔަކަށް ބެލޭ އިރު އަނެއް ޕެކޭޖުގައި ކޮންމެ ތަނެއްގައި ދޯނި އޮތްނަމަވެސް ދޯނި އޮތްތަނާއި ދަތުރުކުރާ ގޮތް ބެލޭނެ ކަމަށެވެ.

އުރީދޫއިން ވެސް ސެޓްލައިޓް ފޯނުގެ ހިދުމަތް ދެމުންދާ ކަމަށާއި އެ ހިދުމަތާ އެކު ކޮންމެ ސަރަހައްދެއްގައި ދޯނި އޮތްނަމަވެސް ގުޅާލެވޭނެ ކަމަށް ނޫރާ ވިދާޅުވި އެވެ.

ކޮންމެ އަކަސް ދައުލަތުން ދާ ހަރަދާއި އާއިލާތަކަށް ލިބޭ ހިތާމައަކީ މަސްވެރިން އުސޫލްތަކާ ހިލާފްވާތީ ހިނގަމުން އަންނަ ކަންކަމެވެ. އެކަންކަމަށް ފަސޭހަ އުސޫލްތަކެއް ގާއިމްކޮށްފައި އެބަހުއްޓެވެ. ކަމާބެހޭ ފަރާތްތަކުން ދޯނިތައް މަހަށް ފުރުމުގެ ކުރިން އެޑިވައިސްތައް ހަރުކޮށްފައި ހުރޭތޯ ބަަލަން އެބަޖެހެ އެވެ. ދެރަ ކަމެއްވުމުގެ ކުރިން ފިޔަވަޅު އަޅަންޖެހެ އެވެ.

comment ކޮމެންޓް