ދުބާއީގެ މިސާލުން ފ. އަތޮޅަށް ވާނެ ގޮތް ނާޝިދު ސިފަ ކުރައްވައިފި

މަޖިލީހުގެ ކޮމެޓީއެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ނާޝިދު ވާހަކަފުޅު ދައްކަވަނީ: އޭނާގެ ވިދާޅުވީ އަރަބިން މިއަދު މިސްރާބު ޖަހާފައި ވަނީ ދުބާއީފަދަ ސިޓީތަކެއް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެޅުމަށް ކަމަށް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފ. އަތޮޅާ ގުޅިގެން މިހާރު ދައްކަމުންދާ ވާހަކަތަކީ ދިވެހިންގެ ޝައުގާ ގުޅިފައިވާ ވާހަކަތަކެވެ. ރާއްޖޭގައި ދެ ވަނަ އަށް އެންމެ އާބާދީ މަދު އެ އަތޮޅު ރައްޔިތުން ތިބީ އެ އަތޮޅާ ގުޅިގެން ދައްކާ ވާހަކަތަކަށް 'ފެން ބޮވައިގެންފަ' އެވެ. ފަސްހާހެއްހާ މީހުންގެ އާބާދީގެ މުސްތަގުބަލާ ގުޅޭ އާ ވާހަކައެއް އަނެއްކާ ވެސް މިއަދު މި ވަނީ ފެންމަތިކޮށްފަ އެވެ. މިފަހަރު މި ވާހަކަ ދެއްކީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.

އޭނާގެ ފާޅުކުރެއްވީ، ހިޔާލީ ތަސައްވުރެކެވެ. ވާހަކަފުޅު އަމާޒު ކުރެއްވީ ސަރުކާރާ ދެކޮޅަކަށް ނޫނެވެ. އެއްކޮޅަށެވެ. އިދިކޮޅު މެމްބަރަކު އެފަދަ ވާހަކައެއް ދެއްކުމަކީ އެ ވާހަކައަށް ޝައުގުވެރިކަން ބޮޑުވި ކަމެކެވެ.

ނާޝީދު ވާހަކަފުޅު ފެށީ އަރަބި ގައުމުތަކުން ތެލުގެ މުއްސަނދިކަމުގައި ދެމިނުތިބެވޭނެ ކަމުގެ ބިރު ބޮޑުވެފައިވާތީ އެ ވާހަކައިންނެވެ. އަރަބިންގެ ވިސްނުން އަނބުރާލާފައި ވަނީ ދުބާއީ ފަދަ ސިޓީތަކެއް، ބިނާ ކުރުމުގެ މައްޗަށް ކަމަށް ނާޝިދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޭނާ ދެއްކެވި އެ ވާހަކަފުޅު އިޝާރާތް ކުރެއްވީ ދުބާއީގެ އައްސޭރިފަށާ ދިމާލުން މާކަނޑު ހިއްކައިގެން ފެންމައްޗަށް ތިލަކުރި "ޕާމް އައިލެންޑް" އާއި ދުބާއީ ސިޓީގެ ތަރައްގީ އައި ގޮތުގެ މައްޗަށެވެ. ކަދުރު ރުކެއްގެ ފެންމަތިން ފެންނަ ފަދަ ގޮތަކަށް ހަދާފައިވާ ޕާމް އައިލެންޑަކީ ރާއްޖޭގެ ކޮޕީއެކެވެ. އެ ރަށް ހަދާފައި ވަނީ ރާއްޖޭގެ ރިސޯޓުތަކުގެ ކޮންސެޕްޓަށެވެ. މަސްނުވީ ބައެއް ސިފަތަކާ އެކު، މުރަކަ އިންދައިގެން ނޫވިލެއްގެ ސިފަ ޖައްސާފައިވާ އެ ރަށަކީ ދުބާއީއަށް ޓޫރިސްޓުންގެ އަމާޒު ހުއްޓިފައިވާ އެއް ސަބަބެވެ. އަހަރު 15 މިލިއަނަަށް ވުރެ ގިނަ ޓޫރިސްޓުން ދުބާއީއަށް ދިއުމުގެ ސިއްރަކީ އެ ރަށްތަކެވެ.

ހަނަފަސް ސަހަރާގެ ރަށްވެހިން ކަމުގައިވާ އަރަބިން، ކަނޑުގެ ދަރިންގެ ކައިރިއަށް އަންނަން ޖެހުނު ސަބަބަކީ މިއީ އެވެ.

ސައުދި އަރަބިއްޔާއަށް ދިވެހިރާއްޖެ މުހިއްމުވީ އެ ސަބަބާ ހުރެ އެވެ. އެ މީހުންގެ މުއްސަނދިކަން ދެމެހެއްޓަށް ދިވެހިންނަށް އަތް ދިއްކޮށްލި ސަބަބަކީ މިއީ އެވެ.

ދުބާއީ ޕާމް އައިލެންޑް: މިއީ ރާއްޖޭގެ ކުދި ރަށްތައް މިސާލަކަށް ނަގައިގެން ހަދާފައިވާ ރަށެއް.

މަޝްހޫރު ވިޔަފާރިވެރިޔާ ނާޝިދުގެ ސިކުނޑީގައި އޮތީ އެ ވާހަކަ އެވެ. ދުބާއީ އަސްލަކަށް ބަލައިގެން ސައުދީ އަރަބިއްޔާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބިން ގަތުމުގެ ވިސްނުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދާދިފަހުން މިސްރުގެ ބިމެއް ގަންނަން ސައުދީން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ގައުމުގެ ސުޕްރީމް ކޯޓުން އެކަން ހުއްޓުވާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

"ތެލާ ބެހޭ ގޮތުން އޭގެ އެޖް ގެއްލޭތީވެ ސައުދީން މިއަދު ވަރަށް ބޮޑު ވިސްނުން އެބަ ގެންގުޅޭ ދުނިޔޭގެ އެކިތަންތަނުން ބިިން ގަނެގެން ދުބާއީ މޮޑެލްއަށް ވިޔަފާރި ކުރުމަށް ވެސް. މިސްރުގެ ބިމެއް ގަންނަން [ސައުދީން] އުޅުމުން އެތަނުގެ ސުޕްރީމް ކޯޓުން އެ އޮތީ ހުއްޓުވާފައި،" ކޮމަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައުދީގައި އެ ކޮންސެޕްޓަށް ވިޔަފާރި ނުކުރެވޭނެތީ ރާއްޖެ އިން ބިން ގަނެގެން އެ ކޮންސެޕްޓަށް ރާއްޖޭގައި ސިޓީއެއް ތަރައްގީ ކުރުމަކީ އޭނާ މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

ނާޝިދަކީ އަބަދުވެސް މާލިއްޔަތު ކޮމެޓީގައި ތަރައްގީ އާއި ވިޔަފާރީގެ އާ ކޮންސެޕްޓުތައް އިލްމީ ގޮތެއްގައި މާލިއްޔަތު ހިއްސާ ކުރައްވާ ބޭފުޅެކެވެ.

ބައްޕާފުޅު ހުޅުވި ބޭސްފިހާރައަކުން، ވިޔަފާރި ފުޅާ ކުރަމުންގޮސް ރާއްޖޭގައި މިހާރު ހުރި އެންމެ ހިދުމަތް ރަނގަޅު ހޮސްޕިޓަލް ވެސް ހިންގަމުންދާ ނާޝިދު ކަންބޮޑުވުން އޮތީ ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ސަރުކާރުން ހާމަ ނުކުރާތީ އެވެ. އޭނާ ވިދާޅުވީ ތަރައްގީއާ ގުޅޭ އެފަދަ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ދިނުމުން އެ މަޝްރޫއަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.

އެމްޑިޕީގެ ގިނަ މެމްބަރުން ވިދާޅުވީ ގާނޫނުއަސާސީ މިހާރު އިސްލާހުކޮށްފައިވާ ގޮތަށް އެފަދަ މަޝްރޫއެއް ގާނޫނުތަކުން ބާރު ލިބޭ ގޮތަށް ކުރިއަށް ގެންދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެފަދަ މަޝްރޫއެއް ހުއްޓުވަން ބޭނުންފުޅު ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ. މާލިއްޔަތު ކޮމެޓީގައި ހިމެނޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވެސް ވިދާޅުވީ އެގޮތަށެވެ. އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވެސް ވިދާޅުވީ އެގޮތަށެވެ.

"ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތީމަ، މެޖޯރިޓީ ބޭނުންކުރައްވައިގެން ފާސްކުރުމަށްވުރެ، މުޅި މަޖިލީހުގެ ރުހުން ލިބޭ ގޮތަށް އެއަށް މަސައްކަތްކޮށްފިނަމަ ފައިދާވާނެ. މި ދައްކަނީ ވަރަށް ބޮޑު ކަމެއްގެ ވާހަކަ،" އިބޫ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ): ފ. އަތޮޅު މަޝްރޫއާ ގުޅޭ ތަފްސީލު ހޯދަން އެދުނު--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާތަނަށް އެ މަޝްރޫއާ ގުޅޭ ތަފްސީލީ މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައި ނުވިޔަސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ފ. އަތޮޅަކީ ސައުދީން ޝައުގުވެރިވާ އަތޮޅެއް ކަމަށާއި އެ އަތޮޅުގައި ބޮޑު ބިޔަ މަޝްރޫއެއް ހިންގަން ނިންމައި ކުރެހުންތައް ކުރަހާފައިވާ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ފ. މަގޫދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުން ނިންމާލީ އެ މަޝްރޫއާގުޅޭ ތަފްސީލު މައުލޫމާތު ހޯދުމަށް ނިންމުމަށްފަހުގަ އެވެ.

comment ކޮމެންޓް