ޔުނައިޓެޑާ ގުޅުނީ ކާމިޔާބު ހޯދަން، އެކަން ވާނެކަން ކުރިން ވެސް އެނގޭ: އިބްރަހިމޮވިޗް

އިނގިރޭސި ލީގު ކަޕްގެ ތައްޓާ އެކު ޔުނައިޓެޑްގެ ސްވިޑަން ތަރި އިބްރަހިމޮވިޗް: ފައިނަލުގައި ޔުނައިޓެޑް ވަނީ 3-2 ލަނޑުން ސައުތުހެމްޓަން ބަލިކޮށްފައި --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ ކާމިޔާބު ހޯދަން ކަމަށާއި އެކަން ވާނެކަން ކުރިން ވެސް އެނގޭ ކަމަށް އެކްލަބުގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.

އުމުރުން 35 އަހަރުގެ ފޯވަޑް އިބްރަހިމޮވިޗް ވަނީ ޔުނައިޓެޑާ އެކު ވެސް ތައްޓެއް ހޯދައިފަ އެވެ. އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި 3-2 ލަނޑުން ސައުތުހެމްޓަން ބަލިކޮށް، ޔުނައިޓެޑުން ވަނީ އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި އިބްރަހިމޮވިޗްއާއި ހެސޭ ލިންގާޑްގެ ލަނޑުން ޔުނައިޓެޑަށް ދެ ލަނޑުގެ ލީޑެއް ހޯދި ނަމަވެސް، ސައުތުހެމްޓަންގެ މަނޯލޯ ގަބިއަޑިނީ ވަނީ ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ޔުނައިޓެޑަށް ޗެމްޕިއަންކަން ކަށަވަރުވީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އިބްރަހިމޮވިޗް ކާމިޔާބުކުރި ލަނޑުންނެވެ.

އިބްރަހިމޮވިޗް ބުނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އިން ޔުނައިޓެޑާ އޭނާ ގުޅުމުގެ ކުރިން ވެސް އެކްލަބާ އެކު ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

"މިއީ އަހަރެން ކުރިން ވެސް ޔަގީން ކުރި ކާމިޔާބެއް. މިކަން ވާނެކަން ކުރިން ވެސް އަހަރެންނަށް އެނގޭ. އެހެންމީހުންނަށް ކުރިން އެކަމެއް ނުފެންނާނެ. އެކަމަކު އަހަރެންނަށް އެކަންކަން ކުރިން ފެނުނު. އަހަރެން މިކްލަބާ ގުޅުނީ ކާމިޔާބު ހޯދަން. އަދި އަހަރެންނަށް ކާމިޔާބީ އެބަ ހޯދޭ،" އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ވަނީ ސްވިޑަންގެ މަލްމޯއިން 2001 ވަނަ އަހަރު ނެދަލެންޑްސްގެ އަޔެކްސްއަށް ގުޅުނު ހިސާބުން އޭނާ ކުޅުނު ކޮންމެ ކްލަބަކާ އެކު ވެސް ކާމިޔާބީތައް ހޯދައިފަ އެވެ. އެޔެކްސްގެ އިތުރުން އޭނާ ވަނީ ޔުވެންޓަސް އާއި އިންޓަމިލާނާއި ބޭސެލޯނާއާއި އޭސީ މިލާން އަދި ޕީއެސްޖީއާ އެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

comment ކޮމެންޓް