ބީއެމްއެލްގެ ހަދިޔާ: ފަތުރުވެރިންނަށް އެމީހުންގެ ގައުމުުގެ ފައިސާ އިން މިހާރު ބިލް ދެއްކޭނެ

ޑީސީސީގެ ހިދުމަތް އިފްތިތާހުކުރުމަށް މިއަދު މެންދުރު މީރު އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ބޭނުންކުރާނެ ގޮތް ދައްކާލަނީ ---- ފޮޓޯ: ބީއެމްއެލް

ރާއްޖެ އަންނަ ބިދޭސީންނާއި ފަތުރުވެރިންނަށް ޑޮލަރުން ބިލް ދެއްކުމުގެ ބަދަލުގައި އެމީހުންގެ ގައުމުގެ ފައިސާ އިން ކޭޝް ކާޑް ބޭނުންކޮށްގެން ބިލް ދެއްކޭނެ ހިދުމަތް ނުވަތަ "ޑައިނަމިކް ކަރަންސީ ކޮންވަރޝަން" (ޑީސީސީ) ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.

ޑީސީސީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު މެންދުރު މީރު އައިލެންޑް ރިސޯޓް އެންޑް ސުޕާގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ޑައިރެކްޓާ އޮފް ބިޒްނަސް ކުލްދިޕް ޕަލްވަލް އެވެ.

ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ކުލްދިޕް ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ބިލް ދެއްކުމުގައި ޔޫއެސް ޑޮލަރު ކުރިން ބޭނުން ކުރަން ޖެހުމުން އެ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހެފައިވާ ކަމަށާއި ނަމަވެސް މިހާރު ކަނޑައެޅިފައިވާ ގައުމުތަކެއްގެ މީހުންނަށް އެމީހުންގެ ފައިސާ ޖަމާކޮށްފައިވާ ކާޑްތަކުންވެސް އެއްވެސް ހުރަހެއް ނެތި ބިލްތައް ދެއްކޭނެ ކަމަށެވެ.

"ކުރިން ނަމަ ބޭރުގެ ފަރާތްތަކަށް ނޭނގޭނެ އެމީހުންގެ ގައުމުގެ ފައިސާ އިން ބިލަށް އެރީ ކިހާވަރެއް ކަމެއް. ހުރިހާ ބިލްތަކަކަށް ވެސް ޖެހެފައި އޮތީ ޔޫއެސް ޑޮލަރުން ފައިސާ ދައްކަން. ނަމަވެސް މިހާރު އެ ފަރާތްތަކަށް އެގޭނެ އެމީހުންގެ ގަައުމުގެ ފައިސާއިން ބިލަށް އެރިވަރު،" ކުލްދިޕް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑީސީސީގެ ހިދުމަތަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވަރަށް މަގްބޫލު ހިދުމަތެއް ކަމަށާއި އެއީ އިންޓަނޭޝަނަލް ވިޔަފާރި ދެފުށް ފެންނަ ގޮތަށް ކުރުމަށް ބާރުލިބިގެންދާ ކަމެއް ކަމަށެވެ.

ބީއެމްއެލް އިިން މައުލޫމާތުދިން ގޮތުގައި ޑީސީސީގެ ހިދުމަތް ލިބޭނީ މާސްޓާ އަދި ވިސާ ކާޑް ބޭނުންކުރާ ފަރާތްތަކަށް އެކަންޏެވެ. އެ ހިދުމަތް މެދުވެރިކޮށް ރާއްޖެ އާންމުކޮށް އަންނަ ފަނަ ރަވަރަކަށް ގައުމުގެ ފައިސާ ބީއެމްއެލް އިން ގަބޫލުކުރެ އެވެ. އަދި މުސްތަގްބަލްގައި ޑީމާންޑް ލިބޭ ވަރަކަށް ކަރަންސްސީ އިތުރުކުރާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

ޑީސީސީ މެދުވެރިކޮށް އެހެނިހެން ގައުމު ތަކުގެ ފައިސާ އިން ބިލް ކެނޑި ނަމަވެސް ވިޔަފާރިތަކަށް ލިބެން ޖެހޭ އަދަދު ބީއެމްއެލް އިން ފޯރުކޮށްދޭނީ ދެ ފަރާތުން ކުރިން ވެސް އެއްބަސްވެފައިވާ ކަރަންސީއިންނެވެ.

comment ކޮމެންޓް