ލަންކާގައި ގައިދީން ގެންދިޔަ ބަހަކަށް ހަމަލާދީ ހަތް މީހަކު މަރާލައިފި

ގައިދީން ގެންދިޔަ ބަހަށް ވަނީ ބަޑިން ހަމަލާދީފައި --

ކޮލަމްބޯ (ފެބްރުއަރީ 27): ސްރީ ލަންކާގެ ކޮލަމްބޯގައި ގައިދީން ގެންދިޔަ ބަހަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދީ ހަތް މީހަކު މަރާލައިފި އެވެ.

ލަންކާގެ ޕްރިޒަން ޑިޕާޓްމެންޓުގެ ތަރުޖަމާނު ތުޝާރާ އުޕުލްޑެނިޔާ ވިދާޅުވި ގޮތުގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަނީ ގައިދީން ޖަލުން ކޯޓަށް ގެންދިޔަ މަގުމަތީގައި ބަސް ހުއްޓުވައި، އޭގައި ތިބި ފަސް ގައިދީއަކާއި ދެ ގާޑުން މަރާލައިފަ އެވެ. އެހަމަލާގައި އިތުރު ނުވަ އޮފިސަރަކަށް އަނިޔާވި ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާނު ޕްރިޔަންތާ ޖަޔަކޮޑީ ވިދާޅުވި ގޮތުގައި އެހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުން އެނގިފައިވާ ގޮތުގައި އެއީ ދެ ގޭންގެއްގެ މެދުގައި އޮތް ދެކޮޅުވެރިކަމުގެ ސަބަބުން ދިން ހަމަލާއެކެވެ.

މިދިޔަ އަހަރުގެ މާޗު މަހުވެސް ކޮލަމްބޯގައި ގައިދީން ގެންދިޔަ ބަހަކަށް ހަމަލާދީ ހަ މީހަކު މަރާފައިވެ އެވެ. (ރޮއިޓާސް)

comment ކޮމެންޓް