ރައީސް ޔާމީން ތިން ވަނަ ދައުރަކަށް ވެރިކަމަށް ގެންނާނެ ކަމުގެ އިޝާރާތެއް އަދުރޭ ދެއްވައިފި

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ --- ފޮޓޯ/ މަޖިލިސް

ތިން ވަނަ ދައުރަކަށް ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ގެންނާނެ ކަމުގެ އިޝާރާތެއް ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްވައިފި އެވެ.

މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަަވަމުން އަދުރޭ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތަނަވަސް އަޣުލަބިއްޔަތުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ 2018 ގައި ޕީޕީއެމުން ނެރޭ ނަތީޖާގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ސިޔާސީ އެއްވެސް މީހަކަށް ޕީޕީއެމާ ވާދަކުރަން ވެސް ނުކެރޭނެ ކަމަށެވެ. "އެވަރުގެ ނަތީޖާއެއް އަޅުގަނޑުމެން ނެރެ ދައްކާނަން،" ކަމަށް އަދުރޭ ވިދާޅުވި އެވެ.

އޭގެ ފަހުން ދެން އަމާޒު ހިފާނީ 2023 އާ ދިމާލަށް ކަމަށް ވެސް އަދުރޭ ވަނީ މިއަދު ވިދާޅުވެފަ އެވެ.

"އެހާ ހިސާބުން ދެން 2023 ހާ ދިމާލަށް އަޅުގަނޑުމެން އަމާޒު ހިފާނީ. ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހިއްޖެ ހާލަތެއްގައި ކޮށްގެން." އަދުރޭ ވިދާޅުވި އެވެ.

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވައިފި ނަމަ ގާނޫނު އަސާސީގައި ބުނާ ދެ ދައުރުގެ މުއްދަތު ހަމަވެގެންދާނެ އެވެ.

ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރައިސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް ދެ ދައުރަށްވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ނުފުރޭނެ ކަމަށް ވެސް އެމާއްދާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް