ކުންފުނިތަކުން ފުޓްބޯޅަ ކްލަބުތަކަށް ބޮޑު އެހީއެއް! އެހެން އެސޯސިއޭޝަންތައް ވެސް އެފަދަ އެހީއެއްގެ އިންތިޒާރުގައި

އެފްއޭއެމްގެ ކޮންގްރެސްގައި އެ އިދާރާގެ ރައީސް ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ ފުޓްބޯޅަ ކްލަބުތަކަށް އެފްއޭއެމުން ފައިސާގެ އެހީ ދޭން ނިންމި ޚަބަރަކީ ފުޓްބޯޅަ އާއިލާގެ އިތުރުން މުޅި ކުޅިވަރު އާއިލާއަށްވެސް އުފާވެރިކަން ގެނެސްދިން ހަަބަރެކެވެ. މުޅި ކުޅިވަރު އާއިލާ މިކަމަށް މަރުހަބާ ކީ އިރު އެއްބަޔަކު މިކަން ނުވާނެކަމަށް ބުނެ ފާޑުވެސްކިއެވެ. ނަމަވެސް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިވަނީ މި ތާރީޚީ ބަދަލު ގެނައުމަށް ތައްޔާރުވާން ފަށައިފައެވެ.

ބާރަ ކްލަބަށް 12 ކުންފުނި ހަމަޖައްސައިދިނުމަށް ނިންމައި މި ހަފްތާގެ ބުރާސްފަތި ދުވަހު އެ މަސައްކަތް ފެށިގެންދާނެ އެވެ. ކޮންމެ ކުންފުންޏަކުން އެއް ކުލަބު ސްޕޮންސަރ ކުރާއިރު މިކަމަކީ އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންގޮސްފިނަަމަ އޭގެ ފައިދާ ކުޅިވަރު މުޖްތަމައުއަށްކުރާނެ ކަަމެކެވެ. އޭގެ ޒަރިއްޔާއިން ކްލަބްތަކުގެ ހިންގުން ރަނގަޅުވެ ފުޓްބޯޅަ ކްލަބުތައް ބާރުވެރިވެގެންދާނެ ކަން ޔަގީނެވެ.

ފުޓްބޯޅައަކީ ރާއްޖޭގެ އެންމެ ގިނަބަޔަކު ގަޔާވާ ކުޅިވަރުކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ދިވެހިންގެ ގިނަ ބަޔަކު އެންމެ ސަޕޯޓްކުރާ ކުޅިވަރަކީ ފުޓްބޯޅައެވެ. ފުޓްބޯޅަ މިހާރަށް ވުރެ ހަރުދަނާ ވުމަކީ ގިނަ ބަޔަކު ބަލައިގަންނާނެ ކަަމެކެވެ. ނަމަވެސް މި ކުޑަކުޑަ މުޖްތަމައު މިވަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައެވެ. މި ގައުމުން ފުރުޞަތު އޮތީ ހަމަ އެކަނި ފުޓްބޯޅައަކަށް ނޫނެވެ. ހުރިހާ ކުޅިވަރަކަށްވެސް މި ގައުމުގައި ރަނގަޅު ފުރުޞަތު ތަކެއް އެބަހުއްޓެވެ. ފުޓްބޯޅަ ނޫނަސް އެހެން ކުޅިވަރުތަކަށްވެސް މޮޅެތި ކުޅުންތެރިީންވެސް އެބަތިއްބެވެ. ރަނގަޅު ވަނަތައްވެސް އެ ކުޅިވަރުތަކުންވަނީ ހޯދައިފައެވެ.

އެފްއޭއެމްއާއި ކުންފުނިތައް ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް އެހީތެރިވުމަށް ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ ބައެއް އެހެން ކުޅިވަރު އެސޯސިއޭޝަންތަކުން މިވަނީ އެފަދަ އެހީއެއް އެ އެސޯސިއޭޝަނަށް ނިސްބަތް ވާ ކްލަބުތަކަށްވެސް ބޭނުންވާކަމަށް ބުނެފައެވެ. ރާއްޖޭގެ އެންމެ ބޮޑު އެސޯސިއޭޝަން، އެފްއޭއެމް ނަމޫނާއަކަށް ބަލައި ކުންފުނިތަކާ ގުޅިގެން ކުޅިވަރު ކުރިއެރުވުމަށް އެފަދަ އެހީއެއް ހޯދުން މުހިއްމު ކަމަށް އެ އެސޯސިއޭޝަންތަކުން ޤަބޫލް ކުރެއެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ގިނަބަޔަކު އެކުޅިވަަރަކަށް ޝައުގުވެރިވާ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، އެފްއޭއެމްއިން ކްލަބު ތަކަށް ކުންފުނިތައް މެދުވެރިކޮށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމަށެވެ. ކުޅިވަރު ކުރިއެރުވުމަށް އެފަދަ އެހީތައް މުހިއްމުކަމަށް ލަތީފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާ އެފަދަ އެހީތެރިކަން ވޮލީބޯޅައަށް ވެސް ލިބޭތޯ މަސައްކަތް ކުރާނެ ކަމަށާއި އެފަދަ އެހީތައް ކުލަބު ތަކަށް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ އެފްއޭއެމްއަށްވެސް އަދި ކުންފުނިތަކަށްވެސް މަރުހަބާ ކިޔަން ކުޅިވަރު އާއިލާގެ ހައްގުގައި މިފަދަ ނިންމެވުމެއް ނިންމެވީމަ، ވޮލީ ބޯޅައަށްވެސް މިފަދަ އެހީތައް ލިބުން މުހިއްމު، ކުޅިވަރެއް ކުރިއަރައިދާނީ އެންމެންގެ އެއްބާރުލުމާ އެކު،" ލަތީފް ވިދާޅުވިއެވެ.

ވީއޭއެމްގެ ރައީސް ލަތީފް(ވ)-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލަތީފް ވިދާޅުވީ، މިއީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއްކަމަށާއި އެފްއޭއެމް ނޫނަސް ސަރުކާރު ނިސްބަތްވާ ކުންފުނިތަކުން އެެހެން އެސޯސިއޭޝަންތަކަށް އެހީތެރިަކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރާއްޖޭގައި އެންމެ ފޯރިއާ އެކު ކުޅެވޭ އަނެއް ކުޅިވަރަކީ ބާސްކެޓް ބޯޅައެވެ. ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ ވިސާމް ރަޝީދު ވިދާޅަުވީ، އެ އެސޯސިއޭޝަނުންވެސް މިފަދަ އެހީއެއް ބޭނުންވާކަމަށާއި ކްލަބުތަކަށް އެހީވުމަށް އެ އެސޯސިއޭޝުންވެސް ބޭނުންވާކަމަށެވެ. ވިސާމް ވިދާޅުވީ، މިހާރު ލިބޭ ބަޖެޓުން ހަމަ އެކަނި ކޮށްލެވޭ ކަމަކީ އެސޯސިއޭޝަން ހިންގުމަށްދާ ހަރަދު ކަވަރުވުން އެކަނި ކަމަށާއި އިތުރު ހަރަދުތައް ކުރުމަށް ބެނުންވާ ފައިސާ ހޯދަން އުނދަގޫ ކަމަށެވެ.

"އަސްލު ވަރަށް މުހިއްމު ކަމެއް ކްލަބްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންވެސް ބޭނުން ބާސްކެޓް ކުލަބް ތަކަށް އެހީތެރިކަން ފޯރުކޮށްދޭން، ނަމަވެސް އެވަރަކަށް ނެތް ބަޖަޓަކު ފައިސާއެއް، ބާސްކެޓް ކުރިއެރުވުމަށް ކުންފުނި ތަކުގެ އެހީ ވަރަށް ބެނުންވޭ،" ވިޝާމް ވިދާޅުވިއެވެ.

ފެބްރުއަރީ 25، 2017: ތިންވަނަ އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެން އޮތީ ނެޓްބޯޅައެވެ. އެއީވެސް މިހާރު ރާއްޖޭގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ، އެހެން ނަމަވެސް ވަސީލަތް ނެތުމުގެ ސަބަބުން އިތުރަށް ކުރިއަރުވަން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކުޅިވަރެކެވެ.

ނެޓްބޯޅަ އެސޯސިއޭންގެ ރައީސާ އައިމިނަތު ޝާޒްލީންގެ ވާހަކަފުޅުވެސް ހުރީ، ހަމަ ވޮލީއާއި ބާސްކެޓް ބޯޅަ ފަދައިން، ބަޖެޓާއި ވަސީލަތްތަކުގެ ދަތިކަމުގެ ވާހަކައެވެ. އަދި، ފުޓްބޯޅައަކީ އެންމެ މަގުބޫލް ކުޅިވަރަށް ވެފައި މިފަދަ އިސްނެގުމެއްގެ މަތީން ކްލަބުތަކަށް އެހީވުމަށް ނިންމުމަކީ ރަނގަޅު ނިންމެއްކަން އޭނާވެސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ނެޓްބޯޅަ އެސޯސިއޭޝަނަށްވެސް އެފަދަ އެހީ ބޭނުންވާ ކަމަށާއި މިހާރުވެސް ބައެއް ކުންފުނިތަކުން އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

ޝާޒް ވިދާޅުވީ، މުބާރާތްތަކަށް ސްޕޮންސަރުން ހޯދަންވެސް ކުރިން ވަރަށް އުނދަގޫ ކަމަށާއި ނަމަވެސް މި އަހަރު އެކަން ކޮންމެވެސް ވަރަކަށް ފަސޭހަ ވެފައިވާކަމަށެވެ.

"ވަރަށް ރަނގަޅު އިނީޝިއޭޓިވްއެއް އެފްއޭއެމްއިން އެނެގީ، އަޅުގަނޑުމެންވެސް ބޭނުން ކުލަބު ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެކި ކުންފުނިތަކުގެ އެހީ، ކުރިއަށް އޮތްތަނުގައި އެހެން އެސޯސިއޭޝަންތަކަށްވެސް މިފަަދަ އެހީ ލިބިގެން ދާނެ ކަމަށް އުންމީދު ކުރަން،" ޝާޒް ވިދާޅުވިއެވެ.

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މަހިބަދޫ ހޯދުމަށް ފަހު ޓްރޮފީ އާއި އެކު --- ފޮޓޯ: މަހިބަދޫ ސްޕޯޓްސް

ގިނަ އެސޯސިއޭޝަންތަކުގެ ވާހަކަ މިހެން ހުރިއިރު އެ އެސޯސިއޭޝަން ތަކުގެ ދަށުން ހިންގާ އެތައް ކްލަބެއްގެ ވާހަކަވެސް ހުރީމިހެންނެވެ. ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިދާރާއިން އެ އިދާރާގެ ދަށުގައިވާ ކްލަބުަތަކަށް ފައިސާގެ ބޮޑު އެހީތެރިކަމެއް، ސަރުކާރު ހިއްސާވަ ކުންފުނިތައް މެދުވެރިކޮށް ދެމުންދާއިރު ރާއްޖެގެ ދެންހުރި ކުޅިވަރު އެސޯސިއޭޝަންތައް ވެސް ތިބީ މިފަދަ އެހީތެރިމެއްގެ އިންތިޒާރުގައެވެ.

ފުޓްބޯޅައާ އެއްވަރަށް އެހެން ކުޅިވަރުތައްވެސް ފޯރިވެސް ގަދަ ވާނީ އެ ކުޅިވަރުތަކުގެ އިދާރާތަކުގެ ދަށުން ހިންގަމުން އަންނަ ކްލަބުތައް ހަރުދަނާ ކުރެވިގެން ކަމަށް އެ ކްލަބުތަކުން ގަބޫލުކުރެއެވެ.

comment ކޮމެންޓް