އަގޯޑާ ޑޮޓް ކޮމްގެ އެންމެ ޝަރުފުވެރި އެވޯޑު ކާނި ހޮޓެލްސްއާއި އޯޝަން ގްރޭންޑަށް

މާފުށީގައި ހިންގާ ކާނި ހޮޓެލް -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ދުނިޔޭގެ މަޝްހޫރު ލީޑިން ބުކިން ވެބްސައިޓު ކަމަށްވާ އަގޯޑާ ޑޮޓް ކޮމް އިން ކޮންމެ އަހަރަކު ދެމުން އަންނަ ގޯލްޑް ސާކަލް އެވޯޑުގެ މިދިޔަ އަހަރުގެ އެވޯޑު ރާއްޖޭގައި ހިންގަމުން އަންނަ ދެ ގެސްޓް ހައުސް ކަމުގައިވާ ކާނި ހޮޓެލްސްއާއި އޯޝަން ގްރޭންޑަށް ލިބިއްޖެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ ރިސޯޓުތަކާއި ގެސްޓު ހައުސްތައް އަދި ހޮޓާތައް ހިމަނައިގެން ކޮންމެ އަހަރަކު އަގޯޑާ ޑޮޓް ކޮމް އިން ދޭ އެ އެވޯޑު މިދިޔަ އަހަރު ރާއްޖޭގެ 10 ފަރާތަކަށް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދެ ގެސްޓް ހައުސެއް ހިމެނެ އެވެ. މިއީ އެ ވެބްސައިޓުން ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ގޯލްޑް ސާކަލް އެވޯޑު 2016 ލިބުނި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓު ހައުސްތައް:

  1. އަންގްސާނާ އިހުރު ރިސޯޓު
  2. ބަނޑޮސް މޯލްޑިވްސް
  3. އެރިޔާދު އައިލެންޑް ރިސޯޓު
  4. ފުރަވެރި އައިލެންޑް ރިސޯޓު އެންޑް ސްޕާ
  5. ހޮޓެލް އޯޝަން ގްރޭންޑް
  6. ކާނި ބީޗް ހޮޓެލް
  7. މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ
  8. ވެލަސަރު މޯލްޑިވްސް ރިސޯޓު
  9. ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ
  10. ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ

އަގޯޑާ ގޯލްޑް ސަރކަލް އެވޯޑް ދިނުމުގައި ބަލާ މައިގަނޑު ކަންކަމުގެ ތެރޭގައި، ޓޫރިސްޓުންނަށް ދޭ ޚިދުމަތްތައް ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގައި ހިފެހެއްޓުމާއި، އަގޯޑާގެ ވެބްސައިޓު މެދުވެރިކޮށް، ޓޫރިސްޓުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން އަގޯޑާ އަށް ފާހަގަ ކުރެވޭ އެންމެ ރަނގަޅު ފެންވަރުގެ ރިސޯޓު ތަކާއި ޒަމާނީ ޓޫރިޒަމްގެ ޚިދުމަތްތައް ތައާރަފުކުރުމަށް އިސްކަން ދީފައިވާ މިންވަރާއި ޓޫރިސްޓުންނަށް އެ މީހުން އެންމެ ހިތްހަމަ ޖެހޭ ޚިދުމަތްތައް ލިބިދޭކަން ކަށަވަރުކުރުމަށް އެ ރިސޯޓުތަކުން ކޮށްފައިވާ ޚާއްސަ މަސައްކަތްތައް ހިމެނެ އެވެ.

ކާނި ހޮޓަލްސް އިން އަންނަ ޖުލައި މަހު ހުޅުވަން ހަމަޖައްސާފައި ހޮޓެލް -- ފޮޓޯ ކާނި ހޮޓެލް

މިދިޔަ އަހަރުގެ ސާކަލް އެވޯޑު ދިން ފަރާތްތައް އިއުލާން ކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މި އެވޯޑު ލިބުނު ދެ ގެސްޓް ހައުސްތަކުގެ ތެރެއިން މާފުށީގައި ހިންގާ ކާނި ބީޗް ހޮޓެލްގެ ސީއީއޯ އަބްދުﷲ ނަޝީދު "ސަން" އަށް ވިދާޅުވީ ކާނި ހޮޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެފަދަ އެވޯޑުތައް ލިބޭ ކަމަށެވެ. އަދި ޓްރިޕް އެޑްވައިޒާގެ ޓްރެވެލާސް ޗޮއިސްގެ އެވޯޑުވެސް ކާނި ހޮޓަލަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ޓުއަރިސްޓުން އަންނަ ހިސާބުން ފެށިގެން ދިއުމާ ހަމައަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ދިނުމަށް. މި އެވޯޑުވެސް ލިބިފައި ވަނީ އެމީހުން ޒިޔާރަތް ކުރާ ދުވަހުން ފެށިގެން ފުރުމާ ހަމައަށް ހުރިހާ ކަމެއް ރަނގަޅަށް ބަލަހައްޓާތީ. ތަނުގެ އަގު ހިފަހައްޓާތީ.،" ނަޝީދު ވިދާޅުވި އެވެ.

ކާނި ހޮޓެލްސް އަކީ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރު ކުރަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނީގެ އިތުރު ގެސްޓް ހައުސެއް އަންނަ ޖުލައި މަހުގެ ތެރޭގައި މާފުށީ ބީޗް ސަރަހައްދުގައި ހުޅުވުމަށް ވަނީ ހަމަޖައްސާފަ އެވެ. ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކި ހަރަކާތްތައް ރަށުގެ މުޖުތަމައަށް ފައިދާ ކުރާނެހެން ހިންގަމުން އަންނަ އިރު، މިއަހަރު އެޗްއާރު މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ގޯލްޑް 100 އެވޯޑުވެސް އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.

ހުޅުމާލޭގައި ހިންގާ އޯޝަން ގްރޭންޑު ގެސްޓ ހައުސް -- ފޮޓޯ: އޯޝަން ގްރޭންޑު

މި އެވޯޑު ލިބުނު އަނެއް ގެސްޓް ހައުސް އަކީ ހުޅުމާލޭގައި ހިންގާ އޯޝަން ގްރޭންޑް ހޮޓަލެވެ. މިވެސް ދިވެހި ފަތުރުވެރިކަމުގެ މާކެޓުގައި ބުރަދަން ހުރި ކުންފުންޏެކެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކާއި، ހޮޓެލްތަކަށް ކޮންމެ އަހަރަކު ދޭ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ މިދިޔަ އަހަރުގެ އެވޯޑު ހަފްލާގެ އެންމެ ޝަރަފުވެރި ބައިކަމުގައިވާ ގްލޯބަލް ކެޓަގަރީން ދުނިޔޭގެ ލަގްޒަރީ ގެސްޓް ހައުސްގެ އެވޯޑް ލިބިފައިވާ ގެސްޓް ހައުސަކީ ހުޅުމާލޭގައި ހިންގާ އެ ކުޑަ ކުޑަ ގެސްޓްހައުސެވެ.

އެ ގެސްޓް ހައުސަށް މިދިޔަ އަހަރު ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ލިބިފައިވާ އިރު، މިހާރު މިއޮތީ އިތުރު އެވޯޑެއް ވެސް ލިބިފަ އެވެ. މިއީ ޖެހިޖެހިގެން މި އެވޯޑު ލިބޭ ދެވަނަ އަހަރެވެ. އެ ގެސްޓް ހައުސަށް މި އެވޯޑު މިދިޔަ 2015 ވަނަ އަހަރު ވެސް ލިބިފައިވެ އެވެ. އެ އެވޯޑު ލިބުމާ ގުޅިގެން އެ ގެސްޓް ހައުސްގެ ރެޒިޑެންޓް މެނޭޖަރު، ހަސީބު ޝަރީފް ވިދާޅުވީ، އެ ގެސްޓް ހައުސްއިން އަބަދު ވެސް ބަލަނީ "ބެސްޓް ސާވިސް" ދިނުމަށް ކަމަށެވެ.

"ކޮންމެ ހިސާބަކުން ކޮންމެ ގޮތަކަށް އަޔަސް އަޅުގަނޑުމެން ދެނީ ހަމަ އެންމެ ރަނގަޅު ޚިދުމަތް. ރާއްޖެއިން މި އެވޯޑަށް ހޮވުނު 10 ފަރާތުގެ ތެރޭގައި އޯޝަން ގްރޭންޑު ހިމެނުމަކީ އަސްލު ވަރަށް ބޮޑު ސަކްސެސް އެއް. އަޅުގަނޑުމެންގެ މުވައްޒަފުންގެ ޕްރޮފެޝަނަލިޒަމް މީގެން މިފެންނަނީ. މިއީ އަޅުގަނޑުމެންގެ މުވައްޒަފުންގެ މަސައްކަތް،" ހަސީބް ވިދާޅުވި އެވެ.

މިފަދަ އެވޯޑުތައް ރާއްޖޭގެ ގެސްޓް ހައުސްތަކަށް ލިބުމުން ދޭހަ ވެގެން ދަނީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި ގެސްޓް ހައުސް ވިޔަފާރި ކުރިއަރައި ފުޅާ ވަމުންދާ ކަމެވެ.

comment ކޮމެންޓް