ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ ފުރަތަމަ ޕީއެޗްޑީ ޕްރޮގްރާމް ފަށައިފި

ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގައި ފެށި ފުރަތަމަ ޕީއެޗްޑީ ޕްރޮގްރާމްގެ ދަރިވަރުންނާއެކު ޔުނިވާސިޓީގެ އިސްވެރިން --- ސަން ފޮޓޯ

މެލޭޝިއާގެ ޔުނިވާސިޓީއަކާ ގުޅިގެން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މެލޭޝިއާގެ އެންމެ މަތީ ފަންތީގެ ޕްރައިވެޓް ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ)އާއި ގުޅިގެން ބިޒްނަސް ސްކޫލުގެ ފުރަތަމަ ޕީއެޗްޑީ ޕްރޮގްރާމް ފަށާފައިވަނީ 11 ދަރިވަރުން ނާއެކުގައެވެ. އެ ދަރިވަރުންގެ ތެރެއިން އަށް ދަރިވަރުންނަކީ އެމްއެންޔޫގެ ސްޓާފުންނެވެ.

ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފު ވިދާޅުވީ، އެމްއެސްޔޫއާ ގުޅިގެން ޕީއެޗްޑީ ޕްރޮގްރާމްތައް މިއަދު ފެށި ނަމަވެސް، ދެފަރާތް ގުޅިގެން ޖޮއިންޓް ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، ކުރިއަށް އޮތްތަނުގައި ޔުނިވާސިޓީގެ މާސްޓާސް އަދި ޑިގްރީ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ޖޮއިންޓް ރިސާޗްތައް ހެދުމާއި ދެ ޔުނިވާސިޓީ ދޭތެރޭގައި ސްޓާފުން ބަދަލުކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގުމަށް އެއްބަސްވެފައިވާ ކަމަށް ފަވާޒު ވިދާޅުވިއެވެ.

ދުނިޔޭގެ 11 ގައުމެއްގައި ބްރާންޗުތައް ހިންގަމުން އަންނަ އެމްއެސްޔޫ ޔުނިވާސިޓީން ބިޒްނަސް ސްކޫލުގައި މިއަދު ފެށި ފުރަތަމަ ޕީއެޗްޑީ ޕްރޮގްރާމުގައި ކިޔަވައިދިނުމާއި ސުޕަވައިޒްކުރުމުގައި ވެސް އިސްކޮށް އުޅުއްވާނީ އެމްއެސްޔޫގެ ލެކްޗަރާއިންނާއި ސުޕަވައިޒަރުންނެވެ.

ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ ފުރަތަމަ ޕީއެޗްޑީ ޕްރޮގްރާމް މިއަދު ފެށިއިރު، އެ ޔުނިވާސިޓީން މިހާރު ވެސް ގެންދަނީ އެޑިއުކޭޝަން އަދި އެޕްލައިޑް ލިއުންގިސްޓް ދާއިރާއިން އަމިއްލަ ޕީއެޗްޑީ ޕްރޮގްރާމެއް ހިންގަމުންނެވެ.

އަދި މިއަހަރުގެ ތެރޭގައި ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީޒް ދާއިރާއާ އިތުރު ދާއިރާއަކުން ޕީއެޗްޑީ ޕްރޮގްރާމް ފެށުމަށް ގައުމީ ޔުނިވާސިޓީން ވަނީ ނިންމާފައެވެ.

comment ކޮމެންޓް