ޓެސްޓު ޕޭޕަރު ލީކުވުމުން އިންޑިއާގެ އަސްކަރިއްޔާއަށް ވަނުމަށް ހަދާ އިމްތިހާނު ކެންސަލްކޮށްފި

އިންޑިއާ އަސްކަރިއްޔާއިން ޓެސްޓު ޕޭޕަރު ލީކުވި މައްސަލަ ބަލަން ވަނީ އަންގާފަ -- ފޮޓޯ: ގެޓީ

ނިއު ދިއްލީ (ފެބްރުއަރީ 27): އިންޑިއާގެ އަސްކަރިއްޔާއަށް ވަނުމަށް ހަދާ ޓެސްޓުގެ ސުވާލު ކަރުދާސް ލީކުވުމާ ގުޅިގެން އެގައުމުގެ ހަ ސެންޓަރެއްގެ ރެކްރޫޓްމެންޓް އިމްތިހާނު ކެންސަލްކޮށްފި އެވެ.

އިމްތިހާނު ކެންސަލް ކުރި ސަރަހައްދުތަކުގެ ތެރޭގައި ނަގްޕޫރު، އަހުމަދުނަގަރު، ކަމްޕްޓީ، އަހުމަދުއާބާދު، ގޯއާ އާދި ކިރްކީ ހިމެނެ އެވެ.

އިންޑިއާގެ އަސްކަރީ އޮފިޝަލުން ވިދާޅުވި ގޮތުގައި ސުވާލު ކަރުދާސް ލީކުވުމާ ގުޅިގެން މިހާރު ދަނީ 300 އަށް ވުރެ ގިނަ ކެނޑިޑޭޓުންނާ ސުވާލު ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން މަހާރަޝްތްރާ އާއި ގޯއާ އިން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

ފުލުހުން ބުނާ ގޮތުގައި ޓެސްޓު ޕޭޕަރު ބައެއް ކެނޑިޑޭޓުންނަށް ދީފައި ވަނީ އަސްކަރިއްޔާ އަށް މީހުން ތަމްރީނުކޮށްދޭ އިދާރާތަކާ ގުޅުން ހުރި ބަޔެކެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން އަސްކަރިއްޔާގެ އެތެރޭގެ ތަހުގީގެއް ކުރުމަށް އަންގާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް