"އަހަރެމެން ނުގެއްލޭ، ތިބީ 150 މޭލް ބޭރުގަ މަސްވެރިކަމުގައި"

ދޯންޏަކުން މަސްވެރިކަން ކުރަނީ -- ފައިލް ފޮޓޯ

މީގެ ހަފްތާއެއްހާ ދުވަސް ކުރިން 12 ދިވެހިންނާއެކު ހއ.ތުރާކުނު، "ބްލޫ ފިޝް 1" ދޯނި ހަބަރެއްނުވެގެން މުޅި ރާއްޖެ އެލާޓަށް އައިރު އެދޯނި މީހުން ތިބި ހެޔޮ ހާލުގައި މަސްވެރިކަމުގައެވެ. އެކަން ހިނގިގޮތް އެދޯނީގެ ކެޕްޓަން ވަނީ މިއަދު ސަން އާއި ހިއްސާކޮށްފައެވެ.

އެދޯނި ގެއްލިގެން އަވައްޓެރި ގައުމުތަކުގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ހޯދަމުންދަނިކޮށް ދޯނީގެ ހަބަރެއްވީ ރޭ 1:40 ކަންހާއިރު ރާއްޖެ ސަރަހައްދަށް ވަދެ ގުޅުމުންނެވެ.

އެދޯނީގެ ކެޕްޓަން މުހައްމަދު ވަހީދު ސަން އަށް ބުނީ އެމީހުން ތިބީ ނ.އަތޮޅާއި ދިމާލުން 150 މެއިލް ބޭރުގައި މަސްވެރި ކަމުގައި ކަމަށެވެ. ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ހުކުރު ނަމާދަށް ރާއްޖޭގެ ކޮންމެވެސް ރަށަކަށް ކައިރި ކުރާއިރު މިދިޔަ ހަފްތާ ހުކުރުގައި ނާދެވުނީ މާބޭރުގައި އޮތުމުން ކަމަށް އޭނާ ބުންޏެވެ.

ހއ.ތުރާކުނު "ބްލޫ ފިޝް" ދޯނި. އެދޯނި ފެނުނީ ގެއްލިގެން އަސްކަރިއްޔާއިން އެތައް މަސައްކަތެއް ކުރަނިކޮށް:

"މިދިޔަ ހުކުރު ދުވަހު ތަންކޮޅެއް ބޭރުގައި އޮތީމަ ނުވަދެވުނީމަ އެއީ ވީގޮތަކީ، އެރޭ ދުއްވަން ބެލިއިރު ހުކުރު ދުވަހުގެ 1.30 އަށް ނޫނީ 2:00 އިރަށް އާދެވެނީ، އެހެންވެއްޖެ ކަމަށްވާނަމަ ކިތަންމެ ބާރަށް ދުއްވިޔަސް ހުކުރު ވަގުތަކަށް ނުވަދެވޭނެތާ، އެއީ ވީގޮތަކީ،" ކެޕްޓަން ބުންޏެވެ.

އެދޯނި އޮތީ ރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ރޭންޖް ލިބޭ ސަރަހައްދެއްގައެއްނޫނެވެ. އެދޯނީގައި ސެޓްލައިޓް ފޯނެއް ނުގެންގުޅެއެވެ. އެހެންކަމުން މުއާސަލާތު ކުރެވޭނެ ގޮތެއް ނޯވެއެވެ.

ކެޕްޓަން ބުނީ އާންމުކޮށް މަސްވެރިކަމުގައި އެއަށްވުރެވެސް ބޭރަށް ނުކުންނަ ކަމަށާއި އެފަދަ ވަގުތުތަކުގައި މުއާސަލާތުކުރަނީ އެސަރަހައްދުގައި އުޅޭ ދޯނިތަކަށް ސެޓު މެދުވެރިކޮށް ގުޅައިއިގެން ކަމަށެވެ. ހަބަރެއް ނުވެ މިދޭތެރެއަކުން ދިޔައީ އެސަރަހައްދުގައި އިތުރު ދޯންޏެއް ނެތުމުން ކަމަށް އޭނާ ބުންޏެވެ.

މަސްވެރިކަން ކުރުމަށް ބޭރު ކަނޑަށް އެ ދޯނިން ނިކުމެފައިވަނީ އެއްވެސް ފަރާތަކަށް އެކަން ޙިއްސާ ނުކޮށްކަމުގައި ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

"ބުލޫ ފިޝް" ދޯނި ފެނިފައި މިވަނީ އެ ދޯނި ހޯދުމަށް އިންޑިއަން ނޭވީގެ ސަވައިލަންސް އެއަރކްރާފްޓެއްގެ އެހީގައި ވައިގެ މަގުން މިއަދު ހެނދުނު މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. އަދި އެ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑު ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި" ލޯންޗު ދިޔައީ އެ ދޯނި ހޯދުމަށް ކަނޑުމަގުން އެ ސަރަޙައްދު ބަލަމުންނެވެ.

comment ކޮމެންޓް