ގައުމީ މަސައްކަތްތައް ހުއްޓުވުމަކީ ފާޑުކިޔާ ފަރާތްތަކުގެ އުފަން ހައްގެއް ނޫން: މިނިސްޓަރު ސައީދު

މިއަދުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ ޓުވިޓާ

ގައުމުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކަށް ފާޑުކިޔައި އެ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކުރުމަކީ "ފާޑުކިޔާ ފަރާތްތަކުގެ އުފަން ހައްގެއް ނޫން" ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގެ މަސައްކަތް ފެށުމަށް މިއަދު ހެނދުނު އެ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ފާޑުކިޔާ ފަރާތްތައް މިނިސްޓަރު ސިފަކުރެއްވީ އިދިކޮޅު ފަރާތްތަކަށް ކަމަށް ބެލެވެ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ހަސަދަވެރިވާނެ ބޭރާއި އެތެރޭގެ ފަރާތްތައް ވެސް އުޅޭނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެ ކަންކަމަށް ނުބަލާ ކަމަށާއި މަސައްކަތް ކުރަމުން ގެންދާނީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"...ބުރިޖު އެޅުމާއި ރަންވޭ ހެދުމާއި ޓާމިނަލް އެޅުމަކީ ތަރައްގީއެއް ނޫނޭ، މިހެން ވިދާޅުވެ ފާޑުކިޔާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ތިޔަބޭފުޅުންގެ އުފަން ހައްގެއް ނޫނޭ ގައުމީ މަސައްކަތްތައް ހުއްޓުވުމަކީ. ގައުމަށް އަންނަ އިންވެސްޓްމަންޓްތައް ހުއްޓުވުމަކީ. ދިވެހި ދަރިންގެ ގައުމީ އަދި އުފަން ހައްގެކޭ ދިވެހިރާއްޖޭގެ ތަރައްގީއަށް އެކުދިންގެ އެބޭފުޅުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމަކީ. މާތް ﷲ އެކަން މިންވަރު ކުރައްވާފައި އޮތް ގޮތަކީ މިއަދު އިހުލާސްތެރި ވެރިއެއް މި ގައުމުގައި ހުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެއާޕޯޓަށް ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާއި އެއީ ހަމަ 100 ޕަސެންޓް ދިވެހި ކުންފުންޏެއްގެ އިންވެސްޓްމެންޓް ކަމަށެވެ. އެ ހަރަދުތައް ކުރައްވާފައި ވަނީ ބޭންކަކުން ނަގާފައިވާ ފައިސާއަކުން ނޫންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެއިރު އެއާޕޯޓްގައި އޮތް ރަންވޭއަށް ފަހުގެ މަތިންދާ ބޯޓުތައް ނުޖެއްސޭ ކަމަށާއި އޭގެ ސަބަބުން ޖެހުނީ ބޯޓުތައް ޑައުންގްރޭޑް ކުރަން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ނިންމެވީ މިހާރުގެ ރަންވޭ މަރާމާތުކުރަން ކަމަށާއި އެ ނިންމެވުމުގެ ދަށުން ކުރީގެ ރަންވޭ މަރާމތުކޮށް މިހާރު ނިންމާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިއަދު ވަނީ އާ ރަންވޭގެ މަސައްކަތް ފަށައިފަ އެވެ.

"މި ރަންވޭ ރާއްޖެއާއި ބޭރުގެ ގައުމުތަކާ ގުޅުވަދޭނެ. މި ރަންވޭއިން ރާއްޖެ ދުނިޔެއާ ގުޅުވަދޭނެ. މި ރަންވޭ ރާއްޖޭގެ ޓޫރިޒަމްގެ ދެމެހެއްޓެނިވި ތަރައްގީއަށް މަގު ދައްކަދޭނެ. ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ބާޒާރުގައި މުޅި ދުނިޔެއަށް އޮތް މިސާލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްގީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއާޕޯޓް ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިމޭއިރު، ދުނިޔޭގައި އޮތް އެންމެ ރީތި އެއާޕޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވާނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އާރަންވޭއަކީ 3400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އެއީ އޭ380 މަރުކާގެ ބޯޓްފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އެރަންވޭއަކީ ހަ ފަށަލައެއް އެކުލެވިގެންވާ ރަންވޭއެކެވެ.

އާ ރަންވޭ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އެއީ 400 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ޗައިނާ އިން ވަނީ 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފަ އެވެ.

comment ކޮމެންޓް