17 އަހަރަށް ފަހު ނޮކިއާ 3310 އަނެއްކާ ވެސް ލޯންޗުކޮށްފި

ނޮކިއާ 3310 ތައާރަފް ކުރިތާ 17 އަހަރު ފަހުން އެ ފޯނު ވަނީ އަނެއްކާވެސް ލޯންޗުކޮށްފަ -- ފޮޓޯ: ނޮކިއާ

ނޮކިއާ 3310 ތައާރަފު ކުރިތާ 17 އަހަރު ފަހުން އެ ފޯނު އަނެއްކާ ވެސް ލޯންޗުކޮށްފި އެވެ.

މޮބައިލް ފޯނުގެ ތާރީހުގައި ވެސް އެންމެ ވަރުގަދަ ފޯނުގެ ގޮތުގައި މަޝްހޫރުވެފައިވާ ނޮކިއާ 3310 އަނެއްކާ ވެސް ލޯންޗުކުރިކަން އިއުލާން ކުރީ ނޮކިއާ ބްރޭންޑްގެ އެކްސްކްލޫސިވް ރައިޓްސް މިދިޔަ އަހަރު ހޯދި ފިންލޭންޑުގެ ކުންފުންޏެއް ކަމަށްވާ އެޗްއެމްޑީ ގްލޯބަލްއިންނެވެ.

ނޮކިއާ 3310އާ އެކު އެޗްއެމްޑީން ވަނީ ނޮކިއާ ބްރޭންޑުގެ އިތުރު ތިން އެންޑްރޮއިޑް ސްމާޓްފޯނު ވެސް މޮބައިލް ވޯލްޑް ކޮންފަރެންސް ފެއްޓުމާ ދިމާކޮށް ލޯންޗުކޮށްފަ އެވެ.

އެޗްއެމްޑީން ބުނާ ގޮތުގައި ކުލަ ސްކްރީނެއް ހުންނަ އާ ނޮކިއާ 3310ގައި އެއް މަސް ވަންދެން ޗާޖު ހުންނާނެ އެވެ. އަދި 22 ގަޑިއިރަށް ވާހަކަ ދެއްކޭނެ އެވެ. މީގެ އިތުރުން ނޮކިއާ ފޯނުތަކުން ގިނަ ބައެއްގެ މެދުގައި މަޝްހޫރުވި ސްނޭކް ގޭމް އެފޯނުގައި އިންސްޓޯލްކޮށްފައި ވާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ނަމަވެސް ނޮކިއާ 3310ގައި ބޭނުން ކުރެވޭނީ 2.5ޖީ ނެޓްވޯކެވެ. އަދި އޭގެ ކެމެރާއަކީ އެންމެ ދެ މެގަޕިކްސެލްގެ ކެމެރާއެކެވެ.

ދެހާސް ފަސް ވަނަ އަހަރު ނޮކިއާ 3310 އުފެއްދުން ހުއްޓާލުމުގެ ކުރިން އޭގެ 126 މިލިއަން ފޯނު އުފައްދާފައިވެ އެވެ. މިފަހަރު އެފޯނު ބާޒާރަށް ނެރެން ނިންމާފައިވާ އަގަކީ 51.75 ޑޮލަރަށެވެ.

comment ކޮމެންޓް