މިސްރާއި އެމެރިކާއާ ދެމެދުގައިވާ ސްޓްރެޓީޖިކް ގުޅުންތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

ސީސީ ވޮޓެލް އާ ބައްދަލުކުރައްވަނީ

ގާހިރާ (ފެބްރުއަރީ 27) : މިސްރާއި އެމެރިކާއާ ދެމެދުގައިވާ ސްޓްރެޓީޖިކް ގުޅުންތައް ކުރިއެކޭވެސް އެއްގޮތަށް ދަމަހައްޓާނެކަން އެމެރިކާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިއަކަށް އަލަށް އައްޔަން ކުރެއްވި ޖެނެރަލް ޖޯޒެފް ވޮޓެލް މިސްރަށް ވަޑައިގެން ރައީސް އަބްދުލްފައްތާޙް އައްސީސީ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.

ވޮޓެލް ވިދާޅުވީ މިސްރާއި އެމެރިކާއާ ދެމެދުގައިވާ އަސްކަރީ ގުޅުންތަކާއި އެނޫން ގުޅުންތައްވެސް އެގޮތުގައި ދެމެހެއްޓުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ކަމުގައެވެ. މި ގުޅުންތަކުގެ އަސާސަކީ މެދުއިރުމަތީގައި ސުލްޙަ ދެމެހެއްޓުމާއި ޓެރަރިޒަމާ ދެކޮޅަށް ދެގައުމު ގުޅިގެން މަސައްކަތްކުރުން ކަމަށްވެސް ޖެނެރަލް ވޮޓެލް ވިދާޅުވިއެވެ.

މިއީ ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އިސްވެ ވަޑައިގެންނެވި ފަހުން އެމެރިކާގެ އަސްކަރީ އިސް މަސްއޫލުވެރިއަކު މިސްރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. ޓްރަމްޕްގެ ވެރިކަމުގައި މިސްރާއެކު ބާއްވާނެ ގުޅުންތަކަކީ ކޮބައިކަން ސާފުނުވެ އޮއްވައި ޖެނެރަލް ޖޯޒެފް ވޮޓެލް މިސްރަށް ވަޑައިގެން ދެގައުމުގެ ގުޅުންތައް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ރައީސް ސީސީ އަށް ދެއްވުމަކީ މިސްރުގެ މަސްއޫލުވެރިންނަށް ހިތްހަމަޖެހުން ލިބިގެން ދިޔަކަމެއްމަށް އެގައުމުގެ ނޫސްތައް ބުނެއެވެ.

އެމެރިކާއިން މިސްރަށް އަހަރެއްގެ މައްޗަށް 3 ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީތައް ދެއެވެ. މިއީ ފައިސާގެ އެހީއެއްނޫނެވެ. މިއެހީ އަގުކުރަނީ އެމެރިކާއިން މިސްރުގެ ސިފައިންނަށްދޭ ހަތިޔާރާއި އަސްކަރީ ތަމްރީންތަކާއި އެނޫންވެސް އަސްކަރީ ސާމާނުތަކުންނެވެ. އެމެރިކާއިން މިއެހީ މިސްރަށް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އިސްރާއީލާއެކު މިސްރުން ސޮއިކޮށްފައިވާ ސުލްހައިގެ މުއާހަދާ ދެމެހެއްޓުމެވެ.

މިމުއާހަދާ ދެމެހެއްޓުމުގެ ބޭނުމަކީ އިސްރާއީލަށް އަމާންކަމާއެކު ފަލަސްތީނުގެ ބިންތައް ހިފައިގެން އެބިންތަކުގައި ދެމިއޮތުމުގެ ފުރްސަތު ލިބިދިނުމެވެ.

މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީ އިއްޔެވަނީ އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވާފައެވެ. މިދަތުރުފުޅުގައި ޝުކްރީ، އެމެރިކާގެ ޚާރިޖީ ވަޒީރު ރިކް ޓިލާސަން އާއި ކޮންގްރެސްގެ ބައެއް މެންބަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. (އާރުޓީ)

comment ކޮމެންޓް