ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ފައްޓަވައިދެއްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު އިންޓަރނޭޝަނަލް ޕެސެންޖަރ ޓާރމިނަލް ބިލްޑިންގުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރާ އާ ރަންވޭ އެޅުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފައްޓަވައިދެއްވައިފިއެވެ.

މިހާރު އެއާޕޯޓުގައި ކުރިއަށްދާ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ އެމަޝްރޫ ފައްޓަވައިދެއްވާފައިވާއިރު އެ މަސައްކަތަކީ މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ހިންގުމަށް ހަމަޖައްސާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.

އެމަޝްރޫ ފެށިގެން ދިޔައީ އެއެއާޕޯޓް ތަރައްގީ ކުރެއްވި ކުރީގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ޒަމާނުގައި އެއާޕޯޓް މަސައްކަތް ފެށިގެން ދިޔަ މަންޒަރު ތަމްސީލަކުން ދައްކާލައިގެންނެވެ.

އާރަންވޭއަކީ 3400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އެއީ އޭ380 މަރުކާގެ ބޯޓްފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އެރަންވޭއަކީ ހަ ފަށަލައެއް އެކުލެވިގެންވާ ރަންވޭއެކެވެ.

އާ ރަންވޭ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އެއީ 400 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ޗައިނާއިން ވަނީ 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފައެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އާ ރަންވޭއާއެކު މިހާރު ވެލާނާ އެއާޕޯޓަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

އެމަޝްރޫ ހަވާލުކޮށްފައިވާ ބީޔޫސީޖީ އާއި ކޮންސަލްޓަންޓް ދޭ ފަރާތްތަކާއިމެދު އިތުބާރު އެބައޮތްކަމަށް އާދިލް ވިދާޅުވިއެވެ.

ބެއިޖިން އާބަން ކޮންސްޓުރަކްޝަން ގުރޫޕުގެ ޗެއާމަން ޗެންޑާއި ހުވާ ވިދާޅުވީ އެކުންފުއްޏަކީ ޗައިނާގެ އެންމެ ފުޅާ ކޮންސުޓުރަކްޝަން ކުންފުނި ކަމަށްވާއިރު ރަނގަޅު ފެންވަރެއްގައި މަޝްރޫތައް ހިންގާނެ ކަމަށެވެ.

އެއާޕޯޓުގެ ތަރައްގީއަށް ކޮންސަލްޓަންސީ ދެނީ ސިންގަޕޫރުގެ ޗަންޖީ އެއާޕޯޓާއި ސުރުމާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އާ ރަންވޭ އާ އެކު، އެ ސަރަހައްދުގައި ފަސް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި 80،000 މީޓަރުގެ ބޮޑު ސަރަހައްދެއްގައި ޕަސެންޖާ ޓާމިނަލެއް އެޅުމަށްވެސް ވަނީ ހަމަޖައްސާފައެވެ. އެ ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެ އެވެ. އަދި ޒަމާނީ ފެންވަރަށް ހަދައި ހިޔާ ކޮށްފައިވާ 12 ޖެޓީއާއި ހަ އެއިރޯ ބްރިޖްގެ އިތުރުން ފިއުލް ހައިޑްޓްރެންޓް ސިސްޓަމަކާއި ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމެއް ގާއިމް ކުރާނެ އެވެ.

comment ކޮމެންޓް