ފަހުވަގުތު ރެއާލް އަދި ބާސާއަށް މޮޅެއް

ސްޕެނިޝް ލަލީގާގައި ބާސާއާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުތަކުން ފަހުވަގުތު ރެއާލް މެޑްރިޑް އަދި ބާސެލޯނާ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ބާސާ ކުރި ހޯދާފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަންއާއި ކޮކޭއަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައިރު، ބާސާގެ ލުއިސް ސުއަރޭޒްއާއި ޖެރާޑް ޕީކޭއަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހިއެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ 64 ވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ލުއިސް ސުއަރޭޒް ދިން ބޯޅައަކުން ބާސާއަށް އެލަނޑު ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ. އޭގެ މާގިނައިރުތަކެއްނުވެ، މެޗުގެ 70 ވަނަ މިނެޓުގައި ކޮކޭ ދިން ބޯޅައަކުން ޑިއޭގޯ ގޮޑިން ވަނީ އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގައި ބާސާއިން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ސްޕެނިޝް ލަލީގާގައި ރެއާލްއާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-2 ލަނޑުން --- ފޮޓޯ/ އޭޕީ

ރަށުން ބޭރުގައި ރޭ ކުޅުނު ލަ ލީގާ މެޗުގައި ރެއާލުން ވަނީ ފަހަތުންއަރައި ވިޔަރެއާލްގެ މައްޗަށް ކުރި ހޯދައިފައެވެ. އެ މެޗުން ރެއާލް މޮޅުވެފައިވަނީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ވިޔަރެއާލްއިން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ރެއާލްގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އެ މެޗުގެ ދެވަނަ ހާފު ފެށިތާ 11 މިނެޓްތެރޭ ވިޔަރެއާލުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ވިޔަރެއާލަށް ޓްރިގުއެރޯސް ލީޑު ހޯދައިދިންއިރު، އޭގެ ހަ މިނެޓްފަހުން ވިޔަރެއާލަށް ކެޑްރިކް ބަކަމްބޫ ލީޑު ފުޅާކޮށްދިނެވެ.

ސްޕެނިޝް ލަލީގާގައި ރެއާލްއާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-2 ލަނޑުން --- ފޮޓޯ/ އޭޕީ

ވިޔަރެއާލުން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު ރެއާލުން ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއްކޮށް، ތިން ލަނޑު ޖަހައި ލީޑު ހޯދިއެވެ. މެޗުގެ 64 ވަނަ މިނެޓުގައި ރެއާލްގެ ފުރަތަމަ ލަނޑު ވޭލްސް ތަރި ގެރެތު ބޭލް ކާމިޔާބުކޮށްދިންއިރު، މެޗުގެ 74 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗު ނިމެން ހަތް މިނެޓަށްވެފައި ވަނިކޮށް، ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެންދިޔަ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާއެވެ.

އެ ނަތީޖާތަކާއެކު ލީގުގެ ގަދަ ހަތަރެއްގެ މަގާމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލަށް 23 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބާސާއަށް 24 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސެވިއްޔާއަށް 24 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އެތުލެޓިކޯއަށް 24 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.

comment ކޮމެންޓް