ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ރަންވޭ އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

ހުޅުލޭގައި އާ ރަންވޭ އެޅުމަށް ހިއްކާ ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރާ އާ ރަންވޭ އެޅުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިރޭ ސަން އަށް ވިދާޅުވީ އާ ރަންވޭ އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ރަންވޭ އެޅުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ފައްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އާ ރަންވޭ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އެއީ 400 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ޗައިނާއިން ވަނީ 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފައެވެ.

އާ ރަންވޭ އާ އެކު، އެ ސަރަހައްދުގައި ފަސް މިލިއަން ޕަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި 80،000 މީޓަރުގެ ބޮޑު ސަރަހައްދެއްގައި ޕަސެންޖާ ޓާމިނަލް އެއް އެޅުމަށްވެސް ވަނީ ހަމަޖައްސާފައެވެ. އެ ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެ އެވެ. އަދި ޒަމާނީ ފެންވަރަށް ހަދައި ހިޔާ ކޮށްފައިވާ 12 ޖެޓީއާއި ހަ އެއިރޯ ބްރިޖްގެ އިތުރުން ފިއުލް ހައިޑްޓްރެންޓް ސިސްޓަމަކާއި ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމެއް ގާއިމް ކުރާނެ އެވެ.

އާ ޓާމިނަލް އެޅުމުގެ މަސައްކަތް މިހާރު ފެށުމަކާ ގާތްވެފައިވާއިރު، އެ ޓާމިނަލް އަޅާ ސަރަހައްދު ފެށޭ މާޗް މަހުގެ ނިޔަލަށް ހުސްކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ދަނީ ކުރަމުންނެވެ. އާ ޕެސެންޖާ ޓާމިނަލް ހުރި ސަރަހައްދުގައި ހުރީ އެމްއޭސީއެލްގެ ބައެއް އޮފީސްތަކާއި މެޝިނަރީސް އަދި ފެނާއި ނަރުދަމާ އެވެ. އެފަދަ ތަންތަން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ.

އެއާޕޯޓުގެ އާ ރަންވޭ އެޅުމުގެ މަސައްކަތަކީ މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ހިންގުމަށް ހަމަޖައްސާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.

comment ކޮމެންޓް